ޢާއިޝަތު ރަފާޙް ޢަލީ
ޤަލަމް ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތް ވަނީ ކީރިތި ގުރްއާނުގެ 29 ވަނަ ފޮތުގައެވެ. މި ސޫރަތުގައި 52 އާޔަތް ހިމެނެއެވެ. އަދި މި ސޫރަތަކީ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ފުރަތަމަ ބާވައިލެއްވި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ. މި ލިޔުމުގައި މި ބަޔާން ކޮށްލަނީ ޤަލަމް ސޫރަތުން ލިބޭ ފައިދާތަކެވެ.
· ﷲ ތަޢާލާ އިސްލާމީ އުއްމަތަށް ޢިލްމު ޙާޞިލްކުރުމުގެ އަހައްމިއްޔަތުކަން އަންގަވައި ދެއްވާފައިވެއެވެ: ޢިލްމަކީ ޤައުމުތަކުގެ ކުރިއެރުމުގެ ވަސީލަތެކެވެ. އަދި އެ ޢިލްމަކީ ޖާހިލުކަން ނައްތާލުމުގެ އެއް ސަބަބެވެ.
· އިސްލާމީ އަޚްލާގާ ބެހޭގޮތުން ވާހަކަތައް ބަޔާންކޮށްދެއްވާފައިވެއެވެ: އެއީ ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް މުސްލިމުންނަށާއި ޤުރައިޝުންނަށް ދައުވަތު ދެއްވިއިރުވެސް ގުރައިޝުންގެ ފަރާތުން ކުރިމަތިވި ދަތިތަކާ އެކުވެސް އެކަލޭގެފާނުގެ ޚުލްޤުފުޅަށް ބަދަލެއް ނުގެންނަވައެވެ. ޤަލަމް ސޫރަތުގެ 4 ވަނަ އާޔަތުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވެއެވެ. وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ﴿٤﴾ މާނައީ: "އަދި ހަމަކަށަވަރުން، ކަލޭގެފާނު ވަނީ މާތްވެގެންވާ خلق ފުޅެއްގެ މަތީގައިކަން ކަށަވަރެވެ. (4)"
· ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ މީހާ އީމާންކަމުގެ ޙުކުމްތަކުގައި ޘާބިތުވެގެން ހުންނާނެއެވެ. އިސްލާމްދީނާއި ޖާހިލުކަމުގެ ޝިރުކު އެއްގޮތެއް ނުވާނެއެވެ. ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ ﴿٩﴾
މާނައީ: "ކަލޭގެފާނު އެއުރެންނަށް ދުލެއް ދެއްވާނެނަމަ، ކޮންފަދަހޭ ހިތައި، އެކަމަށް އެއުރެން އެދުނޫއެވެ. އެއީ އެއުރެންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ. (9)"
· ﷲ ތަޢާލާގެ ޙަޟްރަތައް ރުޖޫޢަވެ ތައުބާވުމުގެ މުހިއްމުކަން
· މުސްލިމަކަށް މުޞީބާތްތައް ކުރިމަތިވަނީ އޭނާ މަތިވެރިކުރެއްވެވުމަށެވެ. ނުވަތަ އޭނާއަށް އަދަބު ދެއްވެވުމަށްޓަކައި، ނުވަތަ އޭނާ ރަނގަޅު ޙާލަތަކަށް ބަދަލުކުރެއްވެވުމަށްޓަކައެވެ.
· މާތްالله އެކަލާނގެ ނަބިއްޔާއަށް ކެތްތެރިވެ ސާބިތުވެ ތިއްބެވުމަށް އެންގެވި-
· ޤިޔާމަތް ދުވަހުން މުސްލިމުންގެ ޙާލުވެސް އަދި ކާފަރުންގެ ޙާލުވެސް ސިފަކުރަން އެއްވެސް މީހަކަށް ނޭނގޭނެކަން: މުސްލިމުން ދުނިޔެވީ ޙަޔާތުގައި ގިނަ ގިނައިން އަޅުކަން ކުރުމާއެކު ނުބައި ފާފަތަކުން ދުރުހެލިވުމަށް ﷲ ތަޢާލާ ވަނީ އަންގަވާފައެވެ. ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 35 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
أَفَنَجْعَلُ الْمُسْلِمِينَ كَالْمُجْرِمِينَ ﴿٣٥﴾
މާނައީ: ފަހެ، ތިމަންރަސްކަލާނގެ (ކިޔަމަންތެރި) مسلم ން (كافر ވި) ކުށްވެރިންނާ އެއްފަދަ ކުރައްވާނޭ ހެއްޔެވެ؟ (35)
· ﷲ ތަޢާލާއަށް އަޅުކަން ކުރުމަށް ހެޔޮކަމުގެ ހުރިހާ ދޮރެއް ހުޅުއްވާ ދެއްވާފައިކަން: ފަހެ، ﷲ ތަޢާލާގެ މަގުގައި ހޭދަކުރާނެ އެއްޗެއް ނުލިބުނު މީހާ، އޭނާގެ ނިޔަތް އިސްލާހު ކުރާށެވެ. ނިޔަތް އިސްލާޙު ކުރުމުން އަޅުންގެ އަމަލުތައް ޞައްޙަވާނެއެވެ.
· ނުބައި އަޚްލާގުގެ ވާހަކަ
· ތައުބާގެ ދޮރު ހުޅުވިފައިވާކަން