ސިއުޒާ
ޒަމްޒަމް ފެނަކީ މާތް ވެގެންވާ ފެނެއް. ﷲ ގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ -- " ބިންމަތީގައިވާ އެންމެ މާތް ފެނަކީ، އެންމެ ހެޔޮ ފެނަކީ ޒަމްޒަމް ފެނެވެ."
އަބޫ ޒައްރުގެފާނު ރަޟިޔަﷲ ޢަންހު އެކަލޭގެފާނު މައްކާއަށް ވަޑައިގެން ގާތްގަނޑަކަށް 40 ދުވަސް ވަންދެން ކައުބާ ނުވަތަ ޙަރަމްފުޅު ތެރޭގައި އިންނެވި. އެހެން އިންނަވަނިކޮށް ﷲގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ދިމާވަނީ، ސުވާލު ކުރައްވަނީ " އޭ އަބޫ ޒައްރުގެފާނޭ! ކަލޭގެފާނު މިތާންގައި ކިހާ ދުވަހެއް ވެއްޖެހެއްޔޭ؟" ދަންނަވަނީ " ގާތް ގަނޑަކަށް ތިރީހަކަށް ދުވަސް ވެދާނެއެވެ." އެއާ އެކީގައި ޙަދީޘް ކުރައްވަނީ " ކަލޭގެފާނަށް ކާންދީ ބޯންދީހަދަނީ ކާކުހެއްޔެވެ؟" ދަންނަވަނީ " ތިމަންނަ އެއްޗެއް ކައެއް ނުހަދަމެވެ. ތިމަންނައަށް ހަމައެކަނި ލިބުނީ ޒަމްޒަމް ފެނެވެ. ތިމަންނަ މި ހުރިހާ ދުވަހުގައި މި ހުރީ ޒަމްޒަމް ފެން ބޮއެގެންނެވެ. އެހެންވެގެންނޭ ތިމަންނަ މިހާ ބޮޑަށް ހިކިފަ މިހުރީ. އެހެންވެގެންނޭ ތިމަންނަގެ ބަނޑުގައި އެއްވެސް ވަރަކަށް މަސް ނެތީ." އެއާ އެކީގައި ދަންނަވަނީ " އެކަމް ދަންނަވަންތޯއޭ، ތިމަންނަ ދުވަހަކުވެސް ބަނޑުހައެއް ނުވެއެވެ. ތިމަންނައަކަށް ބަނޑުހައިކަމުގެ އިހްސާސްއެއް ނުކުރެވެއެވެ."
އެހިނދުގައި ﷲ ގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވަނީ --- "އެއީ ބަރަކާތްތެރި ފެނެކެވެ. އެ ފެނުގައި ވެއޭ ކާނާއާއި އަދި އެ ފެނަކީ އެއީ ބަލިތަކަށް ވާ ޝިފާއެކެވެ."
އެހެންމަ ލޮބުވެތި ބޭފުޅުންނެވެ. ޒަމްޒަމް ފެނަކީ އެއީ މާތް ފެނެއް. އެފެން ބޯ މީހާއަށް ކެއުމަކަށްވެސް ފުދިގެންވާ ފެނެއް، އަދި ބުއިމަކަށްވެސް ފުދިގެންވާ ފެނެއް. ހަމައެއާ އެކީގައި އެއީ ބަލިތަކަށްވާ ފަރުވާއެއް.
ދަންނަވަންތޯ، އަދިވެސް ޙަދީޘްފުޅެއްގައި އައިސްފައިވޭ -- " ޒަމްޒަމް ފެން ވަނީ އެފެން ބުއިކަމަކަށްޓަކައެވެ." މާނައަކީ އެފެން ބޯ ހިނދުގައި އަޅުގަނޑުމެން ދުޢާ ކުރަނީ މިވެނި ކަމަކަށް. އެހެންކަމަށް ވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމެއް ދެއްވާނެ އެމީހަކަށް.
އެހެންވީމަ ޒަމްޒަމް ފެނަކީ އެ ފެނުގައި ބަރަކާތްތެރި، އަދި އެ ފެން ބުއިމުގެ ސަބަބުން ކާނާއަކަށްވެސް ފުދޭ، އަދި އޭގެން ބަލިތަކަށްވާ ޝިފާއެއް. އަޅުގަނޑުމެންނަށް ޒަމްޒަމް ފެން ލިބޭކަމަށް ވާނަމަ އަޅުގަނޑުމެން ބަލިތަކަށް ޝިފާއަށް އެދި ޒަމްޒަމް ފެން ބޯންވީ. ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމުން ޝިފާ ދެއްވާނެ.
إن شاء الله
- އައްޝައިޚް އަބްދުﷲ ރަޝީދު