ހަމައެކަނި މިއާޔަތްތަކަށް ވިސްނައި ޢަމަލުކުރިޔަސް އެމީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވާނީ އާޚިރަތް ލިބިގަތުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ހަމައެކަނި މިއާޔަތްތަކަށް ވިސްނައި ޢަމަލުކުރިޔަސް އެމީހެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވާނީ އާޚިރަތް ލިބިގަތުން! އިން ޝާ ﷲ

ކީރިތި ޤުރްއާނުގެ އައް ޝުޢަރާ ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ.

78﴾ الَّذِي خَلَقَنِي فَهُوَ يَهْدِينِ

"އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ." 

﴿79﴾ وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ

"އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ." 

﴿80﴾ وَإِذَا مَرِضْتُ فَهُوَ يَشْفِينِ

"އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ." 

﴿81﴾ وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ   

"އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ". 

﴿82﴾ وَالَّذِي أَطْمَعُ أَن يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ

"އަދި ޤިޔާމަތް ދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ ޙަޟްރަތުންނެވެ".

މިއާޔަތްތަކުގެ މާނައަށް ވިސްނާ މީހާ ހުންނާނީ ވަރަށް ވަރުގަދަ ޢަޤީދާއެއްގެ މަތީގައެވެ. ވަރަށް ޘާބިތުކަމާށއިއެކުގައެވެ. ކަންބޮޑުވުންތަކުން ސަލާމަތްވެގެންނެވެ.

"އެކަލާނގެއީ، ތިމަން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ." މިއާޔަތް ޤަބޫލުކުރާ މީހާ ތެދުމަގު ލިބިގަންނަން އިތުރަށް މަސައްކަތްކުރާނެއެވެ. އަދި ބާޠިލް މަގުން އެއްކިބާވެ ހުންނަންވެސް މަސައްކަތްކުރާނެއެވެ.

"އަދި އެކަލާނގެއީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ ރަސްކަލާނގެއެވެ." މިއާޔަތް ޤަބޫލުކުރާ މީހާ އޭނާއަށް ރިޒުޤް ދެއްވަވާ މިންވަރަށް ޝުކުރުވެރިވާނެއެވެ. އަދި ކިޔަމަންތެރި އަޅަކަށްވާން މަސައްކަތްކުރާނެއެވެ.

"އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެކަލާނގެއެވެ." މިއާޔަތް ޤަބޫލުކުރާ މީހާ ބައްޔެއްވި ނަމަވެސް ކަންބޮޑެއް ނުވާނެއެވެ. ﷲ ތަޢާލާ ޝިފާ ދެއްވަވާނެކަން ޔަޤީންކުރާނެއެވެ. އަދި ޝިފާލިބުންވަނީވެސް ﷲ ތަޢާލާގެ ޙަޟްރަތުންކަންވެސް ޔަޤީންކުރާނެއެވެ.

"އަދި އެކަލާނގެއީ، ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ ރަސްކަލާނގެއެވެ" މިއާޔަތް ޤަބޫލުކުރާ މީހާ ދުނިޔެ ނުލިބިގެން ކަންބޮޑެއް ނުވާނެއެވެ. އެހެނީ ﷲ ތަޢާލާ އިރާދަކުރައްވަވާ ވަޤުތަކު ފުރާނަ ގެންދަވާނެ ކަމާއި އަލުން ދިރުއްވަވާނެ ކަމާއި އަލުން ދިރުއްވަވާނީ ދުނިޔެއަށް ނޫންކަމާއި ޙިސާބު ބެއްލެވުމަށްކަން ޔަޤީންކުރާނެއެވެ. ވީމާ އޭނާ މަސައްކަތްކުރާނީ ވީހާ ގިނަ ހެޔޮ ޢަމަލުތައް ކުރުމަށެވެ.

"އަދި ޤިޔާމަތް ދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެކަލާނގެ ޙަޟްރަތުންނެވެ". މިއާޔަތް ޤަބޫލުކުރާ މީހާ ދުނިޔޭގައި އުޅޭނީ ނިކަމެތިކަމާއިއެކުގައެވެ. ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަމުންނެވެ. ޤިޔާމަތް ދުވަހު ސަލާމަތްކަން ލިބުންވަނީ ﷲ ތަޢާލާ އޭނާގެ ފާފަތައް ފުއްސަވައިދެއްވެވުމުންކަން ޔަޤީންކުރެވޭނެތީއެވެ.

ވީމާ މިއާޔަތްތަކީ ކޮންމެ ދުވަހަކުވެސް ހަނދާންކުރުން ވަރަށް މުހިންމު އާޔަތްތަކެކެވެ. އެކަމުން އެމީހަކަށް ވަރަށް ގިނަ ފައިދާތައް ކުރާނެ ޢާޔަތްތަކެކެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން