ބައެއް މީހުން ކުރާ ސުވާލެކެވެ. ދުނިޔޭގައި މިއުޅޭ އެންމެން ކުރާ ހުރިހާ ދުޢާތަކެއް ﷲ ތަޢާލާ އައްސަވައިވޮޑިގަންނަވާނީ ކިހިނަކުން ހެއްޔެވެ؟
މިފަދަ ސުވާލުތައް ހިތުގައި އުފެދެނީ އިންސާނުންނާއި ﷲ ތަޢާލާ އާއި އެއް މިންގަނޑަކުން ވިސްނުމަށް ގެނެވޭތީއެވެ. އެއްވެސް ކަމެއްގައި އެއްވެސް މަޚްލޫޤަކާއި ﷲ ތަޢާލާ އެއްގޮތްވެވޮޑިގެން ނުވެއެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއިމެދު ދުނިޔޭގެ އެންމެން އެއް ވަޤުތެއްގައި ކިތަންމެ އިރެއްވަންދެން ވިސްނި ނަމަވެސް ޚިޔާލަށްވެސް ނުގެނެވޭނެއެވެ.
އެންމެ ކަމެއް ނިކަން ޚިޔާލަށް ގެނެސްބަލާށެވެ! ޢަރަފާތު ދުވަހެވެ. ކިތައް މިލިއަން މީހުން ޢަރަފާތު ބިމުގައި ތިބެގެން ކިތައް ބަހުން ދުޢާކުރިހެއްޔެވެ؟ އެއެންމެންގެ ދުޢާ ﷲ ތަޢާލާ އައްސަވައި ވޮޑިގެންވެއެވެ. އަދި ދެނެވޮޑިގެންވެސްވެއެވެ. އިން ޝާ ﷲ ޢިޖާބަވެސް ކުރައްވަވާނެތެވެ.
ވިސްނާށެވެ! ދުނިޔޭގައި މިއުޅޭ ހުރިހާ އިންސާނުންނަށާއި އެންމެ ކުޑަމިނުން ފަނި ފަކުސައަށްވެސް ﷲ ތަޢާލާ ރިޒުޤް ދެއްވަވައެވެ. ﷲ ތަޢާލާ ދެއްވެވި ރިޒުޤެއް މެނުވީ އެއްވެސް މީހަކަށްވެސް އެއްޗަކަށްވެސް ނުލިބޭނެތެވެ. އެހެންކަމަށްވާއިރު ދުނިޔޭގައި މިހާރު މިތިބަ 7 ބިލިއަން މީހުން އެއްފަހަރާ ދުޢާކުރިނަމަވެސް އެއެންމެންގެ ދުޢާ އެއްފަހަރާ ޢިޖާބަކުރެއްވެވުމަށްވެސް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވާ ކަމާއިމެދު ޝައްކުވެސް ކުރަންވީ ކީއްވެގެން ހެއްޔެވެ؟
- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން