މީހަކަށް ފާފަކުރެވޭކަން އެނގުނަސް އޮތީ ފަޟީޙަތް ކުރުމެއް ނޫން! ފައިދާކުރާނީ އޭނާއަށް ހިތްވަރުލިބޭނެ ގޮތަށް ނަޞޭޙަތްދިނީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
މީހަކަށް ފާފަކުރެވޭކަން އެނގުނަސް އޮތީ ފަޟީޙަތް ކުރުމެއް ނޫން! ފައިދާކުރާނީ އޭނާއަށް ހިތްވަރުލިބޭނެ ގޮތަށް ނަޞޭޙަތްދިނީމަ!

މީހަކަށް ފާފައެއް ކުރެވޭކަން އެނގޭނަމަ އަހުރެމެންނަށް އޮތީ އެމީހަކަށް ނަޞޭޙަތްދީ އެމީހަކު އެކަމުން ސަލާމަތްވާން އެހީތެރިވުމެވެ. އެމީހާ ފަޟީޙަތްކުރުމެއް ނެތެވެ. މީސްތަކުން ކުރާ ހުރިހާ ފާފަތަކެއް ﷲ ތަޢާލާ ދެނެވޮޑިގެންވާއިރުވެސް ފަޟީޙަތް ނުކުރައްވަވާ ސަބަބަކީ އެމީހަކަށް ތައުބާވުމުގެ ފުރުޞަތު ދެއްވެވުންކަމަށް ޤަބޫލުކުރަމާ ހިނގާށެވެ.  

ދެން ވިސްނާލަންވީ ތިމާކުރާ ފާފައެއް އެހެންމީހަކަށް އެނގުމުން ބޭޒާރުކޮށްލައިފިނަމަ ތިމާއަށް ކުރާނެ އަސަރެވެ. އެއަސަރު އަނެކާއަށްވެސް ކުރާނެކަން ޤަބޫލުކުރާށެވެ. އަހުރެމެންގެ އީމާންކަން ފުރިހަމަވާން އަންނަނީ ތިމާއަށް އެދޭކަންކަން އަޚާއަށްވެސް އެދިގެންނެވެ.  

ތެދުބަހުން ބުނާނަމަ ބުނަން ޖެހޭނީ ހަމަ ކޮންމެ މީހަކީވެސް ކޮންމެވެސް ފާފައެއް ކޮންމެވެސް މިންވަރަކަށް ކުރެވޭ މީހަކު ކަމަށެވެ. މިހެން މިބުނަނީ އަމިއްލަ ނަފްސްވެސް އިސްތިސްނާ ނުކޮށެވެ. އެމީހެއްގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ އެމީހަކަށެވެ. ވީމާ މިވެނި އެވެނި ކިޔައި އެއްވެސް މީހެއްގެ ބޮލުގައި އެއްވެސް ކަމެއް އަޅުވަން އުޅުމެއް ނެތެވެ. ހަމަ އެއާއިއެކު ބައެއް މީހުންނަކީ އެއަށްވުރެ ގިނައިންވެސް ފަކުރެވޭ މީހުންނެވެ.  

އެންމެ މުހިންމީ ފާފައެއް ނުކޮށް ހުންނަން މަސައްކަތްކުރުމެވެ. އެކަން ޙާޞިލުކުރުމަށް އޮތް މަގަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރާ މީހަކު ކަމުގައިވުމެވެ. އަބަދުވެސް ބުނާފަދައިން ކޮންމެ މީހަކީވެސް ފާފަކުރެވޭނެ މީހެކެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެކަލާނގެއީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. "ޣަފޫރުއްރަޙީމް" އެވެ.  

ފާފަކުރެވޭ ބައެއް މީހުންނަކީ އެކަމުން އަރައިގަންނަން ގަދައަޅައި މަސައްކަތްކުރަމުން އަންނަ ބައެކެވެ. އެއްވެސް މީހަކަށް ކުރެވޭ ފާފައެއް އެނގުނު ނަމަވެސް ފަޟީހަތް ނުކުރާށެވެ. އެހެނީ އެމީހާއަކީ އެކަމުން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރަމުން އަންނަ މީހަކު ކަމުގައިވާނަމަ އެމީހަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅަކަށްވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެނީ ފާފަ ކުރެވުމުން ތައުބާވެ އެކަމުން ސަލާމަތްވާން މަސައްކަތްކުރާ އަޅުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

އަނެއްކާވެސް ފަށަމުން ބުނި ބަސް ތަކުރާރުކޮށްލާނަމެވެ. ކޮންމެ މީހަކީވެސް ކޮންމެވެސް ފާފައެއް ކުރެވޭނެ މީހެކެވެ. ވީމާ ކޮންމެ މީހަކުވެސް ވިސްނައި ސަމާލުކަންދޭންވީ ތިމާއަށް ކުރެވޭ ފާފަތައްކުރުން ހުއްޓައިލުމަށެވެ. ފާފަނުކޮށް ހުންނަން މަސައްކަތްކުރުމަށެވެ. ސުވަރުގެ ދެއްވަވާ އަޅަކަށްވުމަށެވެ.

 

- ނުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން