މީގެ ކުރީގެ ދަރުސެއްގައިވެސް މިމިޘާލު ދެއްކީމެވެ. ބުނެދިނީމެވެ. ވިސްނައި ދިނީމެވެ. މިރޭވެސް ތަކުރާރުކޮށްލާނަމެވެ.
ތިބާ ފަލައިޓެއްގައި ދަތުރަށް ފެށީއެވެ. މައްޗަށް އަރާވަރަކަށް ދުނިޔެ ފެންނަ މިންވަރުދާނީ ކުޑަވަމުންނެވެ. ވަކިހިސާބަކަށް އެރުމުން ދުނިޔެއަށް ބަލަންވެސް ބޭނުމެއް ނުވާނެއެވެ. އެއީ ފެންނަވަރު ކުޑަކަމުންނެވެ.
ތިބާގެ އީމާންކަން ވަރުގަދަކޮށް ތަްްވާވެރިވާވަރަކަށް ވާނެގޮތަކީ ދުނިޔެއާއިމެދު ދެވޭ ސަމާލުކަން ކުޑަވުމެވެ. ނަތީޖާއެއްގެ ގޮތުން ތިމާއަށް ޙާޞިލުނުކުރެވިހުރި އެއްވެސް ކަމެއް އެއީ އެއްވެސް މައްސަލައަކަށް ނުވާނެއެވެ. ތިބާގެ ހުރިހާ ސަމާލުކަމެއް ދެވިފައި ހުންނާނީ ﷲ ތަޢާލާ ޢާއި ކުއްތަންވުން އިތުރުވުމަށެވެ.
އެއްވެސް ޝައްކެއް ނެތެވެ. ކޮންމެ މީހަކުވެސް ދުނިޔެއިން ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުންނާނެއެވެ. އެއީއަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ އެކަންކަން ޙާޞިލުނުކުރެވުމުން ކަންބޮޑުވެ މާޔޫސްވެވޭތީއެވެ. އެކަމަށް އޮތް ހަމައެކަނި ޙައްލަކީ ﷲ ތަޢާލާ އާއި ކުތަންވާން މަސައްކަތްކުރުމެވެ.
މިބުނި ގޮތަށް ވިސްނައި މަސައްކަތްކުރާ މީހަކަށްވުރެ ކާމިޔާބު އަދި ކުރިއަރައިދާނެ މީހަކު ނުހުންނާނެއެވެ. އެމީހަކަށްވުރެ އުފަލުގައި ހުރެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އިން ޝާ ﷲ
- ޝައިޚް ހިޝާމް އަބޫ ޔޫސުފްގެ ދަރުސަކުން