ގާތުގަ ނެތުމުން ޚިޔާނާތްތެރިވާ ލޯބިވެރިއަކީވެސް ބައިވެރިއަކީވެސް ތިބާދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ގާތުގަ ނެތުމުން ޚިޔާނާތްތެރިވާ ލޯބިވެރިއަކީވެސް ބައިވެރިއަކީވެސް ތިބާދެކެ އެއްވެސް ވަރަކަށް ލޯބިވާ މީހެއް ނޫން!

ބައެއް މީހުން ލޯބިވެރިޔާއަށް ނުވަތަ ބައިވެރިޔާއަށް ޚިޔާނާތްތެރިވެފައި އެކަންކުރެވުނު ސަބަބަކީ އަނެކާ ގާތުގައި ނެތުންކަމަށް އެބަ ބުނެއެވެ. އެވާހަކަ އެއްގޮތަކަށްވެސް ޤަބޫލުނުކުރާށެވެ. ދެމީހުން އެއްބަސްވެފައިވާ މުއްދަތަކަށް ދުރުގައި ހުރުމަކީ ޚިޔާނާތްތެރިވާން ޖެހޭނެ ސަބަބެއް ނޫނެވެ.  

މިހެން ބުނަން މިޖެހޭ ސަބަބަކީ މުއްދަތެއް ނެތި އަހަރުތައް ދެމީހުން ދުރުގައި ތިބެ ފާއިތުވަމުންދާނަމަ ކިތަންމެ ލޯބިވާ މީހަކަށްވެސް ކުށެއް ކުރެވިދާނެތީއެވެ. ކެތްތެރިކަމާއި އީމާންތެރިކަން އެންމެންގެ ކިބައިގައި އެއްވަރަކަށް ނުހުންނާނެތީއެވެ.  

ވަޒީފާގެ ގޮތުން ނަމަވެސް ނުވަތަ އެހެން ގޮތަކުން ނަމަވެސް ދެމީހުން ދުރުގައި ތިބެންޖެހިއްޖެނަމަ އެކަމުގެ މުއްދަތަކަށް އެއްބަސްވާންވާނެއެވެ. ފިރިހެނުންނަށްވެސް އަންހެނުންނަށްވެސް އޮތީ މުއްދަތު ކަނޑައަޅައި އެއްބަސްވުމެވެ. ބައެއް މީހުންނަށް ގިނަ ދުވަހު ކެތްތެރިވެވިދާނެއެވެ. އަނެއްބައި މީހުންނަށް އެހައި ގިނަ ދުވަހު ކެތްތެރިނުވެވިދާނެއެވެ. އެއީ އެއްވެސް މީހެއްގެ ކުށެއް ނޫނެވެ. އެމީހެއްގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ.  

ދެން އޮތީ ތިމާއަށް ކެތްތެރިނުވެވުމެވެ. އެޙާލަތުގައި ރީތިކޮށް ހުރެ އަނެކާއަށް ޙަޤީޤަތް ކިޔައިދޭށެވެ. އެއްވެސް ޙާލަތެއްގައި ޚިޔާނާތްތެރިވުމަކީ ލޯބިވާ މީހަކު ކުރާނެ ކަމެއް ނޫނެވެ. އެކަމަށް ބަހުސްކުރުމެއްވެސް ނެތެވެ. އޭނާއަށް ތިބާގެ ގާތަށް އައުދެވެން ނެތްނަމަ ޚިޔާނާތްތެރިނުވެ ދެމީހުން ވަކިވާށެވެ. އެއިރުން ޚިޔާނާތްތެރިވިކަމުގެ ފާފައިން ސަލާމަތްވެވޭނެއެވެ. އަދި އެމީހަކަށް ހެޔޮ ގޮތްތައްވެސް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން