ނަމާދުގައި ޚުޝޫޢަތްތެރިނުވެވޭ އެންމެ ބޮޑު ސަބަބަކީ ނަމާދުކުރަން ހުންނައިރުވެސް އެންމެ ބޮޑަށް ބޭނުންވާ ދުނިޔަވީ ކަންކަމުގެ ޚިޔާލުކުރެވޭތީއެވެ! އެކަމަށް އޮތް ޙައްލަކީވެސް ތިމާ ޙާޞިލުކުރަން އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ޙާޞިލުކުރުން ކަމުގައި ހެދުމެވެ. އެއިރުން ނަމާދަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެއެވެ! ޚުޝޫޢަތްތެރިވުމަށްވެސް މަގުފަހިވެގެންދާނެއެވެ. އިން ޝާ ﷲ
އެކަންކުރެވޭނީ ތިމާ އެންމެ ބޮޑަށް ޙާޞިލުކުރަން ބޭނުންވާ ކަންކަން ތަރުތީބުކޮށްގެންނެވެ. ލިސްޓުގެ އެންމެ ކުރީގައި ނަރަކައިން ސަލާމަތްވުމާއި ސުވަރުގެ ލިބުން ހިމަނައިގެންނެވެ. އެހެނީ ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ސަމާލުކަން ދެވޭނީ އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަމެއް ކުރުމަށެވެ. ކޮންމެ މީހެއްގެ ފިކުރުގައިވެސް އެންމެ ބޮޑަށް ހަރުލާފައި ހުންނާނީ އެމީހަކު ކުރަން އެންމެ ބޮޑަށް ބޭނުންވާ ކަންކަމެވެ.
މީސްތަކުންގެ އަވަދިނެތިކަން ބޮޑުވަމުން އައިސް ހަމައެކަނި ފަރުޟު 5 ނަމާދުކުރާ މުސްލިމުން ބައިވަރެވެ. ފަރުޟު 5 ނަމާދު ކޮންމެހެންވެސް ކުރަންޖެހެއެވެ. ނަމަވެސް ސުވާލަކީ ހަމައެކަނި ފަރުޟު 5 ނަމާދުކުރުމުން ފުދޭނެ ހެއްޔެވެ؟ ކުރެވުނު ނަމާދުތަކުގައި ކަންކަން އުނިވެފައި ހުރެގެން، ޚުޝޫޢަތްތެރިނުވެވިގެން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ ދެވާނީ ކިހިނަކުންހެއްޔެވެ؟
އެ ޙާލަތުގައި ކިރިޔާވެސް އުންމީދެއް އޮތީ ސުންނަތް ނަމާދުތައް ކުރެވިފައިވާނަމައެވެ. ފަރުޟު ނަމާދުން އުނިވީ ބައި ސުންނަތް ނަމާދުން، އެކަލާނގެ ރުހިވޮޑިގަންނަވާއަޅަކަށް ފުރިހަމަކުރައްވަވައި ދެއްވަވާނެތީއެވެ.
މީސްތަކުންނޭވެ! ކިތަންމެ އަވަދިނެތި އުޅުނު ނަމަވެސް ފަރުޟު ނަމާދުތައް އެކަނި ކޮށްފައި ނިންމައިނުލާށެވެ! އެންމެ މަދުމިނުން ރަވާތިބް ސުންނަތުގެ 12 ރަކްޢަތާއި ވިތުރި އަދި ތަހައްޖުދުނަމާދުކުރަން އާދަކުރާށެވެ! އަދި ކުރާ ކޮންމެ ނަމާދެއްވެސް ވީހައި ފުރިހަމައަށް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން