ބައެއް މީހުން ބުނާ ގޮތުން އެމީހުން ނަމާދުނުކުރަނީ އެމީހުންނަށް ފާފަކުރެވޭތީއެވެ. ބުނެއެވެ. "މިވެނި އެވަނި ފާފައެއް ތިމާއަށް ކުރެވެއެވެ. އެހެންވީއިރު ނަމާދުކުރާނީ ކިހިނަކުންހެއްޔެވެ؟"
އެމީހުން އެތިބީ ޝައިޠޯނާގެ ކަސްތޮޅުގައެވެ. ހިތަށް އެވަނީ ޝައިޠޯނާ ވެރިވެގެންފައެވެ. އެމީހުން އެބުނަނީ ޝައިޠޯނާ އެމީހުންނަށް ވިސްނައިދޭ ގޮތަށެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޒިނޭކުރެވުނަސް، މަސްތުވާތަކެތި ބޭނުންކުރެވުނަސް އަދި އެހެން ފާފައެއް ކުރެވުނަސް ނަމާދުތަކަށް ރައްކައުތެރިވާށެވެ. އެއިރުން އެނަމާދުތަކުގެ ސަބަބުން ތިބާއަށް ރައްކައުތެރިކަން ލިބި ފާފަކުރުންވެސް ހުއްޓައިލެވޭނެއެވެ.
ޔަޤީންކުރާށެވެ! ނަމާދުތަކަށް ރައްކައުތެރިވާ މީހާ ގެއްލި ހަލާކުވެގެންދިިއުމަށް ﷲ ތަޢާލާ ދޫނުކުރައްވަވާނެތެވެ. ނަމަވެސް ނަމާދު ނުކުރާނަމަ އެމީހަކު ޝައިޠޯނާއަށް ދޫކޮށް ލައްވަވައިފާނެތެވެ. އެއިރުން އެމީހަކަށް އޮންނާނީ ސަލާމަތް ނުވެވިފައެވެ.
ކުރެވިފައިވާ ފާފަތަކަށް ކަްނބޮޑުނުވާށެވެ! ފާފަކުރެވޭތީވެސް ކަންބޮޑުނުވާށެވެ! ތައުބާވާން މަސައްކަތްކުރާށެވެ. އެންމެ ނަމާދެއްވެސް ނުކޮށް ދޫކޮށްނުލާށެވެ! ﷲ ތަޢާލާ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަްކުން