މާޔޫސް ތިއަވަނީ ކީއްވެ؟ އެންމެން އޭނާ ދޫކޮށްލީމާވެސް ﷲ ތަޢާލާ އޭނާގެ ބޭނުން ފުއްދަވައިދެއްވެވިއެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
މާޔޫސް ތިއަވަނީ ކީއްވެ؟ އެންމެން އޭނާ ދޫކޮށްލީމާވެސް ﷲ ތަޢާލާ އޭނާގެ ބޭނުން ފުއްދަވައިދެއްވެވިއެވެ!: ޝައިޚް އަބޫބަކުރު ޒައުދު

އޭނާގެ ޙާލުގެ ވާހަކަ އަޑުއަހާނެ މީހަކުވެސް ނުވުމުން ސަޖިދައިގަ ﷲ އަށް ދަންނަވަން ފަށާއިރަށް ހިންމަވައިދެއްވެވި މީހެއްގެ ވާހަކަ-

ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ނިޢުމަތްތައް ދެއްވަވައެވެ. ގިނަ ބައަކަށް ބަލައިގަންނަން ނުއެނގެނީއެވެ. ނިޢުމަތެއް ދެއްވެވުމުން ވިސްނާ މީހުންނަށް އެކަމުގެ ފައިދާ އިންތިހާއަށް ކުރާނެއެވެ. ޢަމަލުތައް އިޞްލާޙްކުރަން އިތުރު ހިތްވަރު ލިބޭނެއެވެ.

ފަރުޟު ނަމާދުކުރިނަމަވެސް އެހެނިހެން އަޅުކަންކުރަން ކުރިން ސަމާލުކަން ނުދޭ މީހަކު ކުއްލިއަކަށް ސަމާލުކަންދޭން ފެށުމުން މީސްތަކުން އޭނާ އާއި ސުވާލުކުރިއެވެ. އެބަދަލު އައީ ކީއްވެގެންތޯއެވެ.

ޖަވާބުގައި އޭނާ ބުނެފައިވެއެވެ. "އަހަރެންނަށް މުޞީބާތެއް ޖެހުމުން އެކަމުގެ ވާހަކަ އަހަރެން ވަރަށް ގިނަ މީހުންގެ ގާތުގަ ދެއްކީމެވެ. އެއްވެސް މީހަކު އެކަމަށް ސަމާލުކަމެއް ނުދިނެވެ. ގިނަ މީހުން އަހަރެންގެ ވާހަކަ އަޑުއަހަންވެސް ބޭނުމެއް ނުވިއެވެ.

ނަމަވެސް އަހަރެން ކޮންމެ ނަމާދެއްގެ ކޮންމެ ސަޖިދައެއްގައި ﷲ ތަޢާލާއަށް ދަންނަވަން ހަމަފެށުމާއިއެކު އަހަރެންނަށް ކުރިމަތިވި އެބޮޑު މުޞީބާތުން އަހަރެން ސަލާމަތްކޮށް ދެއްވަވައިފިއެވެ."

އަދިވެސް އޭނާ ބުނެފައިވެއެވެ. "ކުރިއަށް އޮތްތަނުގައި އަހަރެންނަށް ލިބޭހައި ވަގުތެއް ހޭދަކުރާނީ ﷲ ތަޢަލާ ރުހިވޮޑިގަންނަވާ ޢަމަލުތައް ކުރުމުގައެވެ. ސުންނަތް ނަމާދުތައް ކުރުމާއި ޛިކުރުމުގައެވެ. ﷲ ތަޢާލާ މަތިވެރިކުރުމުގައެވެ."

މީސްތަކުންނޭވެ! އޭނާ އެހާމަކުރީ އޭނާގެ ތަޖުރިބާއެވެ. ހަޤީޤަތަށް ވިސްނައިފިނަމަ އަހަރެމެން ކޮންމެ މީހަކަށްވެސް ކަންކަން ހިންމަވައިދެއްވަވަނީ ހަމަ ﷲ ތަޢާލާއެވެ. އެދޭ ކަންކަން ފުއްދަވައި ދެއްވަވަމުން ގެންދަވާތީ އެކަން ފާހަގަނުކުރެވެނީއެވެ. ފާހަގަނުކުރެވޭތީ ޝުކުރުވެރިވެސް ނުވެވެނީއެވެ. އަހަރެމެންނަށް އޮތީ ﷲ ތައާލާ ރުހިވޮޑިގަންނަވާނެ ޢަމަލުތައް ކުރުން ގިނަކުރުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ ރަޙްމަތް އިތުރުކުރައްވަވާނެތެވެ.

ވީމާ ސުންނަތް ނަމާދުތައް ގިނަކުރުމަށާއި ޛިކުރުކުރުން ގިނަކުރުމަށް އަހުރެން ވަޞިއްޔަތްކޮށް ނަޞޭޙަތްތެރިވަމެވެ!

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން