ދުނިޔެ އާރާސްތުކުރަން ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީވެސް މިޙަޤީޤަތް ޤަބޫލުކޮށްގެން ހުންނަ މީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ދުނިޔެ އާރާސްތުކުރަން ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީވެސް މިޙަޤީޤަތް ޤަބޫލުކޮށްގެން ހުންނަ މީހަކަށް!

މީސްތަކުންނޭވެ! ދުނިޔެއަކީ ހަމަޖަލެކެވެ. ޖަލަށްލެވިފައި މިތިބީ ވަކި މުއްދަތަކަށެވެ.. ވީމާ ޖަލަކީ ތިމާ ދާއިމަށް އުޅޭނެތަން ކަމަށް ބަލައިގެން ޖަލު އާރާސްތުކުރަން މަސައްކަތްކުރާ މީހާއަށްވުރެ ބޮޑު މޮޔައަކީ ކާކުހެއްޔެވެ؟ ތިމާ ޖަލުގައި މިވަނީ ވަކި މުއްދަތަކަށްކަމާއި ކޮންމެ ވަގުތަކުވެސް ޖަލުން ނުކުންނަން ޖެހިދާނެކަން އެނގޭއިރުވެސްމެއެވެ. ޖަލަށް ލެވުނު މުއްދަތު އެނގުނު ނަމަވެސް ކޮންމެވެސް މާފްލިބި މިނިވަންވެދާނެކަން އެނގޭއިރުވެސްމެއެވެ.

މީސްތަކުންނޭވެ! ތަފާތަކީ ދުނިޔޭގެ ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތު ހަމަވެ ނުކުންނަން ޖެހުމުން މިނިވަންނުވާކަމެވެ. ޙަޤީޤީ އިމްތިޙާނާއި ކުރިމަތިލާންޖެހެނީ އެހިސާބުންކަމެވެ. އެހިސާބުން ތިމާއަށް އެއްވެސް ފައިދާއެއްކުރާނީ އެވަގުތަށްޓަކައި ތިމާ ދުނިޔޭގައި ޖަމާކުރި އެއްޗަކުންކަމަށްވާކަމެވެ.

އެންމެހައި މީސްތަކުންގެ ބަފައިކަލުން އާދަމްގެފާނާއި މައިކަނބަލުން ހައްވާގެފާނު އުފެއްދެވުމަށްފަހު ﷲ ތަޢާލާ ލެއްވެވީ ސުވަރުގޭގައެވެ. ދުނިޔެއަކީ ދެކަނބަލުންނަށް ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެވަޑައިނުގެންނެވުމުން އަރުވާލެއްވެވިތަނެވެ. ވީމާ ދުނިޔެއަށް ފޮނުއްވެވީވެސް އަދަބު ދެއްވެވުމަށެވެ. އަދަބެއްގެ ގޮތުންނެވެ.

އަދި ދުނިޔެއަށް ފޮނުއްވެވީ ދާއިމަށް ދުނިޔޭގައި ތިއްބެވުމަކަށް ނޫނެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތެއް ފާއިތުވުމުން އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ގޮތަށެވެ.

އަހަރެމެން ކޮންމެ މީހަކުވެސް ދުނިޔެއަށް މިފޮނުއްވަވަނީ ހަމައެގޮތަށެވެ. ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ މުއްދަތު ހަމަވުމުން އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭ ގޮތަށެވެ. ހުރިހާވެސް މައްސަލައަކަށްވެގެން މިއުޅެނީ އަހަރެމެން ދުނިޔެއަށް ފޮނުއްވެވުމުން ދުނިޔެއަކީ ދާއިމަށް ތިބެވޭނެ ތަނެއް ކަމުގައި ޤަބޫލުކުރެވިގެން އުޅޭތީއެވެ.

މީސްތަކުން ގަދައަޅައި މަސައްކަތްކުރަނީ ގެދޮރު ފުރިހަމަކޮށް ދުނިޔޭގެ ދިރިއުޅުން ފުރިހަމަކުރެވޭތޯއެވެ! އެނބުރި ﷲ ތަޢާލާގެ ޙަޟްރަތަށް ދާންޖެހޭނެކަމަށް ބަލައި އެކަމަށް ތައްޔާރުވަނީ ވަރަށް މަދު މީހެކެވެ.

ބަލަނީ ބޭންކް އެކައުންޓަށް ވީހައި ގިނަ ފައިސާ ޖަމާކުރެވޭތޯއެވެ. ވީހައި އުސްކޮށް ވީހައި ފުރިހަމައަށް ގެދޮރު އެޅޭތޯއެވެ! އެގޭގެ ކަންކަން ވީހައި ފުރިހަމަކުރެވޭތޯއެވެ! ސުވާލަކީ އެއްވެސް ބިލިއަނަރަކުވެސް މިލިއަނަރަކުވެސް އޭނާގެ މުއްސަނދިކަމުން އެއްވެސް އެއްޗެއް ހިފައިގެން ދުނިޔެއާއި ވަކިވެގެން ހިނގައްޖެހެއްޔެވެ؟ ﷲ ތައާލާގެ މަގުގައި ހޭދަކުރި އެއްޗެއް މެނުވީއެވެ.

މިބުނެދިން ވާހަކަކޮޅުގެ ބޭނުންވެސް ހެޔޮ ގޮތުގައި ހިފައިފިނަމަ ދުނިޔެއާއިމެދު ދަހިވެތިވެގެން ތިއައުޅޭ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. ނަމަވެސް ވިސްނައި ފިކުރުކޮށްފި މީހަކަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން