ﷲ ތައާލާ އަހަރެމެން އެންމެން އުފެއްދެވީވެސް އަހަރެމެންދެކެ ލޯބިވެވޮޑިވޮގަންނަވާތީއެވެ. ސުވަރުގެ އުފެއްދެވީ ހަމަ އަހަރެމެންނަށްޓަކައެވެ. ދުނިޔޭގައި ނިޢްމަތްތައް ލެއްވެވީވެސް ހަމަ އަހަރެމެންނަށްޓަކައެވެ. އަހަރެމެންނަށް ބޭނުންވާ ކަންކަން ދުނިޔޭގައިވެސް ހިންމަވައި ދެއްވަވަމުން ގެންދަވަނީ ހަމަ އަހަރެމެންދެކެ ލޯބިވެވޮޑިގަންނަވާތީއެވެ.
އެއްވެސް ޙާލެއްގައި ނަރަކަ އުފެއްދެވީ އެތަނަށް މީސްތަކުން އަޅުއްވަވައި ފުރުއްވަވާކަށް ނޫނެވެ. ނަރަކައަށް ވަންނަން ޖެހެނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުމުގައި އަހަރެމެން އަމިއްލައަށް ކޮޅުފައިން ޖަހާތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ﷲ ތަޢާލާ ރުހިވޮޑިނުގެން ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުގައި ދެމިހުރީތީއެވެ.
ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެއް ކުރެވިއްޖެ ނަމަ އަވަހަށް އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވެ ތައުބާވުމަށް އަންގަވައި އަދި އެމަގުން ޢަމަލުކޮށްފިނަމަ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވަނީ އެއްވެސް މީހަކު ނަރަކައަށް ވަނުމަށް އެކަލާނގެ އެދިވޮޑިނުގަންނަވާތީއެވެ. ނަމަވެސް އަހަރެމެން ޖާހިލުވެ އަމިއްލައަށް ނަރަކައަށް ވަންނަނީއެވެ.
މީސްތަކުންނޭވެ! އިޚްލާޞްތެރިކަމާއިއެކު ދުޢާކުރުމުން ޢިޖާބަކުރައްވަވާނެތެވެ. ﷲ ތައާލާއީ މޫސާގެފާނަށްޓަކައި ކަނޑު ހިއްކަވައިދެއްވަވައި މޫސާގެފާނާއި އަރިއަހުގައި ތިބި އެންމެން ސަލާމަތްކުރެއްވެވި ރަސްކަލާނގެއެވެ. ފޮނުއްވެވި ބާރުގަދަ ބިންހެލުމުން ޢުމަރުގެފާނު ސަލާމަތްކުރެއްވެވި ރަސްކަލާނގެއެވެ.
ﷲ ތަޢާލާއީ މުސްލިމުންގެ އަދަދު އިންތިހާއަށް މަދުއިރުމެ އެތައް ހާސް މުޝްރިކުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ދެއްވެވި ރަސްކަލާނގެއެވެ. އެއީ މުސްލިމުން އެކަލާނގެއަށް ކިޔަމަންތެރިވުމުގައި ކުރިއަރާފައިތިބި ވަރުންނެވެ. މިއަދު މިޖެހެނީ އެމައްސަލައެވެ. ކިޔަމަންތެރި ނުވެވުމުގެ މައްސަލައެވެ. ޢާޤީދާ ބަލިކަށިވުމުގެ މައްސަލައެވެ.
ﷲ ތަޢާލާ ޙަރާމްކުރެއްވެވިކަންކަން ކުރެވުނީއެވެ. ކުރެވުމުން ތައުބާވެސް ނުވެވެނީއެވެ. އަދި އެކަންކަން ކުރުމަށް އަމުރުކުރެއްވެވި ކަންކަން ނުވެސް ކުރެވެނީއެވެ. އަދި ކީއްހެއްޔެވެ؟ ފިރިހެނުން އަންހެނުންގެ ސިފައަށް އަންހެނުން ފިރިހެނުންގެ ސިފައަށް ވެސް ބަދަލުވަނީއެވެ. ހަށިގަނޑުގެ ސިފަވެސް ބަދަލުކުރަނީއެވެ.
ކޮންމެ އިންސާނަކުވެސް ﷲ ތަޢާލާ ދުނިޔެއަށް ފޮނުއްވަވާފައިވަނީ އެމީހަކު ހުރުމަށް އެކަލާނގެ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ ސިފައިގައެވެ. އެސިފަ އަމިއްލައަށް ބަދަލުކުރުމުން ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާނީ ކިހިނަކުން ހެއްޔެވެ؟
ދެން ކަންކަން ވާނީ ކިހިނަކުންހެއްޔެވެ؟ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވަނީ މިސަބަބުތަކަށްޓަކައެވެ.
އާދޭސްކޮށްފައި ބުނަމެވެ! ފުރަތަމަ ތިމާ ކިޔަމަންތެރިވާށެވެ! އެއަށްފަހު ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރަމުން ގެންދާށެވެ! މާޔޫސްވާކަށް ނުޖެހޭނެއެވެ. ކުރާ ދުޢާ ޢިޖާބަކުރައްވަވާނެތެވެ! އިން ޝާ ﷲ
އަހަރެމެންގެ ތެރެއިން ގިނަ ބައަކު އެމީހުން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ކަންބޮޑުވާއިރު ކަމުގެ ޙަޤީޤަތަށް ބަލައި ވިސްނާލަން މަސައްކަތްކުރަނީ ކިތައް މީހުން ހެއްޔެވެ؟ މިހެން މިވަނީ ކީއްވެގެން ކަމާއިމެދު ވިސްނައިލެވޭ ހެއްޔެވެ؟ ކޮންމެ މީހަކު ނަމަވެސް ހަމަޖެހިލައިގެން އިނދެ ނިކަން ވިސްނައިލަބަލާށެވެ!
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން