ދިވެހި އިސްލާމީ ކިއްލާއަށް އެއް ހާސް އަހަރު ފުރޭން ކައިރިވަނީއެވެ! މި ލޮބުވެތި ވަޠަން އިސްލާމްވުމަށް ފަހު މިހައި ހިސާބަށް އައިސްފައި މި އޮތީ ސުންނީ މުސްލިމު ޤައުމެއްގެ ގޮތުގައެވެ. އަހަރެމެން ނަބިއްޔާ zއަށް ފަހު އެންމެ މަތިވެރިކުރާ ބަޔަކީ އެކަލޭގެފާނުގެ ލޮބުވެތި އާލުބައިތުންނާއި ޞަޙާބީންނެވެ. އަހަރެމެން އެންމެ ލޯބިކުރަނީ ނަބިއްޔާއަށް ފަހު، އެ ބޭކަލުންނަށެވެ. މި ވޭތުވެ ދިޔަ ޒަމާންތަކުގައި އަހަރެމެންގެ ޢިލްމުވެރީން، މަތިވެރިވެގެންވާ އާލުބައިތުންނާއި، މާތް ޞަޙާބީންނާއި ތާބިޢީންނަށް ބަދުބަސްބުނެ، އިސްލާމީ ތާރީޚުގައި ހިނގައިފައި ހުރި ފިތުނަތަކުގެ ވާހަކަތައް ދައްކައި ފަތުރައި، އެބޭކަލުންނަށް ކުޑައިމީސްކޮށް ހަދައިފައެއްނުވެއެވެ. އަހަރެމެން ވާންޖެހޭނީ އެ ބޭކަލުން މާތްކޮށް، އެ ބޭކަލުން ދެކެ ލޯބިވާ، އެ ބޭކަލުން ދެއްކެވި ރިވެތި ނަމޫނާގައި ހިފައި، އެ ބޭކަލުންނަށް ފުރައްސާރަ ކުރާ މީހުންގެ ކިބައިން ބަރީއަވެގެންވާ ބަޔަކުކަމުގައެވެ.
ޞަޙާބީންގެ މަޤާމު އަންގަވައި الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "މުހާޖިރުންނާއި އަންޞާރުންގެ ތެރެއިން ކުރީން އިސްނެންގެވި ބޭކަލުންނާއި، ހެޔޮ ގޮތުގައި އެ ބޭކަލުންނާ ތަބާވީ މީހުން (ދަންނާށެވެ!) الله، އެއުރެންނަށް ރުހިވޮޑިގެންފިއެވެ. އަދި އެއުރެން ވަނީ އެ ކަލާނގެއަށް ރުހިގެންނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގައި ހުންނަ ސުވަރުގެތައް، އެ ކަލާނގެ އެއުރެންނަށް ޓަކައި ތައްޔާރުކުރެއްވިއެވެ. އެ ތާނގައި، އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަޞީބު ލިބުމަކީ އެއީއެވެ." މި އާޔަތުގައި الله سُبْحَانَهُ وَتَعَالَى އެ ބޭކަލުންގެ މައްޗަށް ރުހިވޮޑިގެންވާކަމުގެ ޚަބަރު ދެއްވިއެވެ. އެ ކަލާނގެ ރުހިވޮޑިގެންނެވި ބަޔަކަށް އަހަރެމެން ރުހޭން ޖެހޭނެއެވެ. އަހަރެމެން އެ ބޭކަލުން މަތިވެރިކޮށް، އެ ބޭކަލުންނަށް ލޯބިކުރާން ޖެހޭނެއެވެ. އަދިވެސް އެ ބޭކަލުންގެ މާތްކަމާ ބެހޭ ގޮތުން އެ ކަލާނގެ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "މުޙައްމަދުގެފާނީ، اللهގެ ރަސޫލާއެވެ. އަދި އެ ކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙުމަތްތެރި ބަޔެކެވެ. اللهގެ ޙަޟުރަތުން ފަޟުލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ޙާލު، ރުކޫޢުކޮށް ސަޖިދަކޮށްއުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނޫއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ."[1]
އެ ބޭކަލުންނަކީ އެންމެ މާތްވެގެންވާ ޤަރުނުގެ އެންމެ ހެޔޮވެގެންވާ ބޭކަލުންކަން އަންގަވައި ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (خَيْرُكُمْ قَرْنِيْ، ثُـمَّ الَّذِيْنَ يَلُوْنَـهُمْ، ثُـمَّ الَّذِيْنَ يَلُوْنَـهُمْ)[2] މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ. ދެން އެއަށްފަހު އައި މީހުންނެވެ." މި ޙަދީޘުގައި ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ބަޔަކީ ތިމަންކަލޭގެފާނުގެ ޤަރުނުގެ މީސްތަކުން ކަމަށް އޮތް ބަސްފުޅުގެ މުރާދުކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެއީ ނަބިއްޔާ zއާ ބައްދަލުވެ އެ ކަލޭގެފާނަށް އީމާންވީ އެ ކަލޭގެފާނު ޞަޙާބީންނެވެ.[3] ابْنُ مَسْعُوْد رَضِيَ اللّٰه عَنْه ވިދާޅުވިއެވެ. "ހަމަކަށަވަރުން، ﷲ އެ ކަލާނގެ އަޅުތަކުންގެ ހިތްތަކަށް ބައްލަވައިވޮޑިގެންނެވިއެވެ. ދެން މުޙައްމަދު zގެ ހިތްޕުޅަކީ އަޅުތަކުންގެ ހިތްތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ހިތްޕުޅުކަމުގައި ދެކެވޮޑިގަތެވެ. ފަހެ، އެ ކަލާނގެ އެ ކަލޭގެފާނު ޚިޔާރުކުރައްވައި، އެ ކަލާނގެ ރިސާލަތާއިގެން ފޮނުއްވިއެވެ. ދެން އޭގެ ފަހުގައި އެހެން އަޅުތަކުންގެ ހިތްތަކަށް ބައްލަވައިވޮޑިގެންނެވިއެވެ. ފަހެ، އެ ކަލޭގެފާނުގެ ޞަޙާބީންގެ ހިތްޕުޅުތަކަކީ އަޅުތަކުންގެ ހިތްތަކުގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ ހިތްޕުޅުތައްކަމުގައި ދެކެވޮޑިގަތެވެ. ފަހެ، އެ ކަލާނގެ އެ ބޭކަލުން، އެ ކަލާނގެ ނަބިއްޔާގެ ވަޒީރުންކަމުގައި ލެއްވިއެވެ. އެ ބޭކަލުން އެކަލާނގެ ދީނަށްޓަކައި ހަނގުރާމަކުރެއްވިއެވެ."[4]
މި ނައްޞުތަކުން އަހަރެމެންނަށް އަންގައިދެނީ އެންމެ ކަމެކެވެ. އެއީ ނަބިއްޔާ zގެ ޞަޙާބީންނާއި، އެކަލޭގެފާނުގެ އާލުބައިތުންނަކީ، އަހަރެމެން މަތިވެރިކުރާންޖެހޭނޭ ބައެއްކަމެވެ. އެ ބޭކަލުންނަށް އިޙުތިރާމުކޮށް އެ ބޭކަލުންނާ މެދު އަހަރެމެންގެ ހިތްތައް ސާފުކުރާންޖެހޭނެއެވެ. الله سُبْحَانَهُ وَتَعَالَى ވަޙީކުރައްވައިފައި ވެއެވެ. މާނައީ: "އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރީން އީމާންވީ، އަޅަމެންގެ އަޚުންނަށް ފާފަފުއްސަވާނދޭވެ! އަދި އީމާންވީ މީހުންނަށް އަޅަމެންގެ ހިތްތަކުގައި ހަސަދަވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."
ނަބިއްޔާ zގެ ޞަޙާބީންނަށް ކުޑައިމީސްކޮށް ބަސްބުނުން މަނާކުރައްވައި ނަބިއްޔާ z ޙަދީޘްކުރައްވައިފައި ވެއެވެ. (لَا تَسُبُّوْا أَصْحَابِيْ، فَلَوْ أَنَّ أَحَدَكُمْ أَنْفَقَ مِثْلَ أُحُدٍ ذَهَبًا، مَا بَلَغَ مُدَّ أَحَدِهِمْ وَلَا نَصِيْفَهُ.)[5] މާނައީ: "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ޞަހާބީންނަށް އެއްޗެހި ނުކިޔާށެވެ! ތިޔަބައިމީހުންގެ ތެރެއިން މީހަކު އުޙުދު ފަރުބަދަ ހައި ރަން ހޭދަކުރިކަމުގައިވިޔަސް، އެއިން ބޭކަލަކު ހޭދަކުރެއްވި ކާބޯތަކެތީގެ މުއްދެއްގެ މިންވަރު ނުވަތަ އޭގެ ދެބައިކުޅަ އެއްބަޔާ ވެސް ސަވާބުގެ ގޮތުން އެއްވަރުނުވާ ހުއްޓެވެ." ابْنُ عُمَر رَضِيَ اللّٰه عَنْهُمَا ވިދާޅުވެފައި ވެއެވެ. "ތިޔަބައިމީހުން ނަބިއްޔާ zގެ ޞަޙާބީންނަށް ބަދުބަސް ނުބުނާށެވެ! އެ ބޭކަލުންގެ ސާޢަތެއްގެ އަޅުކަން، ތިޔަބައިމީހުން ސާޅީސް އަހަރު ކުރާ އަޅުކަމަށް ވުރެ މާތްވެގެންވެއެވެ."[6]
އަޞްޙާބުބޭކަލުންނަކީ އެންމެ މާތް، އަދި އެންމެ ރަނގަޅަށް ދީން ފަހުމުވެވަޑައިގަތް ބޭކަލުންނެވެ. އިސްލާމް ދީން އަހަރެމެންނާ ހިސާބަށް ފޯރުކޮށްދެއްވި ބޭކަލުންނެވެ. އެ ބޭކަލުންނަށް ބަދުބަސް ބުނުން، އެ މީހެއްގެ ޢަޤީދާ ފާސިދުކަމުގެ ދަލީލަކަށް ފުދެއެވެ. އެ ފަދަ މީހުން ބޭނުންވަނީ އެ ބޭކަލުންގެ މައްޗަށް އަހަރެމެންގެ ހިތް ނުބައިކުރުވައި، އަހަރެމެން ދީނާ ދުރުކުރުވުމެވެ. اَلْإِمَامُ أَبُوْ زُرْعَة (رَحِمَهُ الله) ވިދާޅުވިއެވެ. "މީހަކު ރަސޫލު ﷲ zގެ އަޞްޙާބުބޭކަލެއްގެ ޤަދަރު ކުޑަކުރާ ތަން ދެކެފި ނަމަ، ފަހެ ދަންނާށެވެ! ހަމަކަށަވަރުން އެއީ ޒިންދީޤެކެވެ. (އެބަހީ: ދީނެއް މިއްލަތެއް ނެތް، ދީން އޮޅުވައިލާ ނުބައިވެގެންވާ މީހެކެވެ.) އެހެނީ ހަމަކަށަވަރުން އަހަރެމެންގެ ގާތުގައި ކީރިތި ރަސޫލާ މުޙައްމަދު zއަކީ ޙައްޤު ރަސޫލާއެވެ. އަދި ޤުރްއާނަކީ ޙައްޤު ފޮތެވެ. ހަމަކަށަވަރުން ޤުރްއާނާއި ސުންނަތް އަހަރެމެންނަށް ފޯރުކޮށްދެއްވީ ރަސޫލު ﷲ zގެ އަޞްޙާބުބޭކަލުންނެވެ. އެ މީހުން އެދެނީ އަހަރެމެންގެ ދީން ގެނެސްދެއްވި ބޭކަލުންގެ ޤަދަރު ކުޑަކޮށް އިތުބާރު ނަގައިލައި، ޤުރްއާނާއި ސުންނަތް ނެތިކޮށްލުމަށެވެ. އެހެންކަމުން ޤަދަރު ނެތް ބަޔަކީ، އެ ބޭކަލުންނަށް ބަދުބަސް ބުނާ މީހުންނެވެ. އަދި އެ ބައިމީހުންނަކީ ޒިންދީޤުންނެވެ."[7]
މި އުންމަތުގެ ނަބިއްޔާ zއަށް ފަހު އެންމެ މަތިވެރިވެގެންވާ ބޭކަލަކީ މި އުންމަތުގެ ފުރަތަމަ ޚަލީފާ أَبُوْ بَكْر رَضِيَ اللّٰه عَنْهއެވެ. އެ ކަލޭގެފާނަށް ފަހު عُمَرُ رَضِيَ اللّٰه عَنْهއެވެ. އަދި އެ ކަލޭގެފާނަށް ފަހު عُثْمَان رَضِيَ اللّٰه عَنْهއެވެ. އަދި އެކަލޭގެފާނަށް ފަހު عَلِي رَضِيَ اللّٰه عَنْهއެވެ. މި ކަމަށް އުންމަތްވަނީ އިއްތިފާޤުވެފައެވެ.[8] އަހަރެމެންގެ ޚުތުބާތަކުގައި ކޮންމެ ފަހަރަކު މި މަތިވެރި ހަތަރު ބޭކަލުންނަށް ހެޔޮ ދުޢާކުރެވެއެވެ. عَلِي رَضِيَ اللّٰه عَنْهގެ ކިބައިން ރިވާވެގެންވެއެވެ. (خَيْرُ هَـٰذِهِ الْأُمَّةِ بَعْدَ نَبِيِّهَا أَبُوْ بَكْرٍ ثُـمَّ عُمَرُ رَضِيَ اللهُ عَنْه)[9] މާނައީ: "ނަބިއްޔާ zއަށް ފަހު މި އުންމަތުގައި އެންމެ މާތްވެގެންވަނީ أَبُوْ بَكْر رَضِيَ اللّٰه عَنْهއެވެ. އަދި އެޔަށްފަހު عُمَرُ رَضِيَ اللّٰه عَنْهއެވެ." އަދި ابْنُ عُمَر رَضِيَ اللّٰه عَنْهُمَاގެ ކިބައިން ރިވާވެގެންވެއެވެ. "އަހަރެމެން رَسُوْلُ ﷲ zގެ ޒަމާނުގައި (ޞަޙާބީންގެ މެދުގައި) މާތްކަމުގެ ތަރުތީބު ކަނޑައަޅަމުން ގެންދިޔައީމެވެ. (އެންމެ މާތްވެގެންވަނީ) أَبُوْ بَكْر رَضِيَ اللّٰه عَنْه، ދެން عُمَرُ رَضِيَ اللّٰه عَنْه، ދެން عُثْمَان رَضِيَ اللّٰه عَنْهއެވެ." އަދި ބައެއް ރިވާޔަތްތަކުގައި ވާ ގޮތުން މި ވާހަކަ ނަބިއްޔާ zއާ ހަމައަށް ފޯރައެވެ. އެކަލޭގެފާނު އެ ވާހަކަޔާ މެދު އިންކާރެއް ނުކުރައްވައެވެ.[10] شَيْخُ الْإِسْلَام ابْنُ تَـيْمِيَّة (رَحِمَهُ الله) ވިދާޅުވެފައި ވެއެވެ. "عَلِي رَضِيَ اللّٰه عَنْه ކޫފާގެ މިންބަރުމަތީގައި މިފަދައިން ވިދާޅުވާކަމުގައި ރިވާވެގެންވެއެވެ. "أَبُوْ بَكْر رَضِيَ اللّٰه عَنْهއާއި عُمَرُ رَضِيَ اللّٰه عَنْهއަށްވުރެ، ތިމަންކަލޭގެފާނު މަތިވެރިކުރާ މީހަކު ތިމަންކަލޭގެފާނުގެ ގާތަށް ގެނެވިއްޖެ ނަމަ، އެ މީހެއްގެ މައްޗަށް ދޮގުހަދާ މީހާގެ މައްޗަށް އޮންނަ ޙައްދު ޤާއިމުކުރާނަމެވެ."[11]
ސުންނަތް ޖަމާޢަތުގެ ޢަޤީދާއަކީ މިއެވެ. މިއާ ޚިލާފުވަނީ ބާޠިލު ފިކުރުތަކުގެ އަހުލުވެރީންނެވެ. އެހެންކަމުން މި މަތިވެރި ޢަޤީދާގެ މަތީގައި އަހަރެމެން ފައިތިލަ ސާބިތުކޮށްގެން ތިބޭންޖެހެއެވެ. އަހަރެމެން ވަޠަނެއްގެ ގޮތުގައި އެއްބައިވަންތަކޮށް އެކައްޗެއްގެ ގޮތުގައި ހިފައިހައްޓައިދިން ވަރުގަދަ އަޤީދާއަކީ މިއެވެ. މި ޢަޤީދާއިން އަހަރެމެން ފައި ކައްސައިލައިފި ނަމަ، އަހަރެމެންގެ ތެރޭގައި ބައިބައިވުމާއި ތަޅައިފޮޅުމާއި ފިތުނަތައް އުފެދޭނެއެވެ. އަހަރެމެން ބައިބައިކުރާން ނުކުންނަ އެއްވެސް ފަރާތަކަށް ފުރުޞަތު ނުދިނުމަށް ހުރިހައި މުސްލިމުންނަށް ވަޞިއްޔަތްކުރަމެވެ!