ބުރަ މަސައްކަތުން އެއްކުރެވުނު ހުރިހާ ފައިސާތައް ބޭކާރުގޮތުގައި އިސްރާފްކުރުމަށްފަހު ހިތާމަކުރުމާ ލޯބިވެރިޔާއަށް ޢިއްފަތްތެރިކަން ހަދިޔާކޮށްފަ ހިތާމަކުރުމާ ހުރީ ކޮން ތަފާތެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ބުރަ މަސައްކަތުން އެއްކުރެވުނު ހުރިހާ ފައިސާތައް ބޭކާރުގޮތުގައި އިސްރާފްކުރުމަށްފަހު ހިތާމަކުރުމާ ލޯބިވެރިޔާއަށް ޢިއްފަތްތެރިކަން ހަދިޔާކޮށްފަ ހިތާމަކުރުމާ ހުރީ ކޮން ތަފާތެއްތަ؟

އެންމެ ގާތް އެކުވެރިންގެ ތެރެއިން މީހަކު ވަރަށް ދެރަވެފައި ބުންޏެވެ. "އެވަރުން ގެންގުޅެ ބޮޑުކުރި ދަރިފުޅު ގެއްލި ނިމިއްޖެއެވެ." 

އޭނާގެ ހުރީ އެންމެ އަންހެން ދަރިއަކަށްވުމުން ގެންގުޅުނީ ވަރަށް ރަނގަޅަށެވެ. ރަނގަޅު ގޮތުގައި ތަރުބިއްޔަތުވެސް ކުރިއެވެ. އެކަމަކުވެސް ޝައިޠޯނަކު ދެކެ ލޯބިވެވި މަގުން ކައްސާލައި ފާފަތައް ކުރެވުނީއެވެ. އެކުވެރިޔާ އެބުނީ އެވާހަކައެވެ. 

މިމައްސަލައަށް ހޭލުންތެރިކަން އިތުރުކުރެވޭތޯ ވަރަށް ގިނައިން ލިޔެވިފައިވާނެއެވެ. ތިރީގައި އެވަނީވެސް އެފަދަ ލިޔުމެކެވެ. 

އެއީ އަންހެން ކުއްޖެކެވެ. އޭނާގެ ލޯބިވެރިއަކު ހުރެއެވެ. އެކުގައި އުޅޭތާވެސް ކިތަންމެ ދުވަހެއްފަހުން އެއްދުވަހަކު ގެއަށް އައިސް ވަރަށް ބޮޑަށް ކަންބޮޑުވެފައި އިންނަން ފެށުމުން ކަންބޮޑުވެފައި އިންނަނީ ކީއްވެގެންތޯ މަންމަ ސުވާލުކުރުމުން ޖަވާބުގައި ބުންޏެވެ. 

"މަންމާއެވެ! އޭނާ އަހުރެންނާއި ކައިވެނިކުރަން އެބަ ބުނެއެވެ." 

މަންމަ ބުންޏެވެ. "ދެމީހުން ލޯބިވެގެން އެކުގައި އުޅޭތާ އެތައް ދުވަހެއްވެއްޖެ ނޫންހެއްޔެވެ؟ ކައިވެނިކުރަން ހުށަހެޅިކަން އެއީ އޭނާގެ ރަނގަޅުކަން ނޫން ހެއްޔެވެ؟ ވީއިރު ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟" 

ޖަވާބުގައި ދަރިފުޅު ބުންޏެވެ. "މަންމާއެވެ! މިއަދު އަހަރެން ވަރަށް ދެރަވަމެވެ! ތައުބާވެ ރަނގަޅަށް އުޅެންވެސް ބޭނުންވެއެވެ. އޭނާ އެއްވެސް ބިރެއް ނެތި އަހުރެންނާއިއެކު އެތައް ބައިވަރު ފާފަތަކެއް ކޮށްފިއެވެ. އަދި އޭނާއަކީ ނަރަކައެއް ވާނެކަން ޤަބޫލުކުރާ މީހެއްވެސް ނޫނެވެ." 

މަންމަ ބުންޏެވެ. "ތިއަ ޙާލަތަށް ކަންކަން ގޮސްފައިވާނަމަ ދެން އޮތް އެންމެ ރަނގަޅު ގޮތަކީވެސް ކައިވެނިކުރުމެވެ. ކައިވެންޏަށްފަހު ދެމައިންވެގެން އޭނާއަށް ވިސްނައިދޭން މަސައްކަތްކުރުމުން އޭނާގެ ވިސްނުމަކީ ނުބައި ވިސްނުމެއްކަން އޭނާއަށް ޤަބޫލުކުރެވި އިޞްލާޙްވެސް ވެދާނެއެވެ! ނުވިނަމަ ވަކިވާނީއެވެ! 

ދަރިފުޅާއެވެ! ދަރިފުޅާއެވެ! ދަރިފުޅު ގާތު އަބަދު މިވާހަކަ ނުދެއްކި ނަމަވެސް ދަރިފުޅަށް ހެޔޮ ވިސްނުން ދެއްވެވުން އެދި މަންމަ އަބަދު މިއަންނަނީ ދުޢާކުރަމުންނެވެ. މިއަދު މަންމަ ވަރަށް އުފާކުރަމެވެ. ވީކަމެއް ވެނިމިއްޖެއެވެ. އަވަހަށް ތައުބާވާށެވެ! އަދި އިތުރު ފާފައެއް ނުކުރާށެވެ!" 

މިއީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ބަދަލުކޮށްގެން އެކި ދީންތަކާއި ގުޅުވައިގެން ވަރަށް ގިނަ ބައަކު ފަތުރަމުން އަންނަ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. ޙާޞިލްކުރަންޖެހޭ ޢިބްރަތް ވަރަށް ގިނައެވެ. ފުރަތަމަ ކަމަކީވެސް ދީނީ ގޮތުން މީހާގެ ހުރި ވިސްނުމަށް ބަލައި ލޯބިވުމުން ބިރެއް ނެތި ފާފަތައް ކުރެވޭކަމެވެ. 

އެއަންހެންކުއްޖާގެ މަންމަގެ ހެޔޮ ދުޢާގެ ސަބަބުން އޭނާއަށް ހެޔޮ ވިސްނުން ދެއްވެވީއެވެ. މިއީވެސް ހަމަ ﷲާހަގަކުރަންޖެހޭނެ ކަމެކެވެ. ދަރިންނަށްތަކައި އަބަދުވެސް ހެޔޮދުޢާކުރަންޖެހޭނެ ކަމެކެވެ. 

3 ވަނަ ކަންތަކެވެ. އެއީ ދެމައިންގެ މެދުގައި އޮތް ބަދަހި ގުޅުމެވެ. މަންމަ ސުވާލުކުރުމުން އެއްވެސް ޖެހިލުމެއް ނެތި ޙަޤީޤަތަށް ކިޔައިދޭން އެކެރުނީ ދެމައިންގެ މެދުގައި އޮތް ގުޅުމުގެ ބަދަހިކަން ބޮޑުކަމެވެ. 

ވީމާ އަހުރެން ދެކޭ ގޮތުގައި މިއީ ކޮންމެ ދަރިއަކަށްވެސް އަދި މައިންބަފައިންނަށްވެސް ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން