ސިއުޒާ
ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ (كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ) " ކޮންމެ ނަފްސެއްވެސް މަރުގެ ރަހަ ދެކޭނެއެވެ. ކޮންމެ ނަފްސެއްވެސް މަރުވާނެއެވެ. އަދި ތިޔަބައިމީހުން ކުޅަ ޢަމަލުތަކުގެ ޖަޒާ ޤިޔާމަތް ދުވަހުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރާބަރަށް ތިޔަބައިމީހުންނަށް ދެއްވާނެތެވެ. ނަރަކައިން ދުރު ކުރެވި ސުވަރުގެ ވެއްދިއްޖެ މީހާ ދަންނާށެވެ، ހަމަ ކަށަވަރުން އޭނާ ބޮޑުވެގެންވާ ކާމިޔާބީއަކުން ކާމިޔާބު ލިބިގެންފިއެވެ. އަދި ދުނިޔޭގެ ދިރިއުޅުން ކެހިދެނިވި އެއްޗެއްކަމުގައި މެނުވީ ނުވެއެވެ."
އާދެ، މަރަކީ އެއީ އަޅުގަނޑުމެން އެންމެން ޤަބޫލުކުރާ ޙަޤީގަތެއް. ސަބަބަކީ ކޮންމެ ދުވަހަކު އަޅުގަނޑުމެންގެ ލޯމަތިން ފެނިގެން މިދަނީ އެކި ޢުމުރުތަކުގެ މީސްތަކުން މަރުވެގެން ދާތަން. އެއްވެސް ދީނެއްގެ އަހުލުވެރިއެއް އިންކާރުކުރާ ޙަޤީގަތެއް ނޫން މި ޙަޤީގަތަކީ. އެހެންނަމަވެސް ހިތާމައަކީ އަޅުގަނޑުމެން އެކަމުން ޣާފިލުވެގެން ތިބިކަން. މަރުމަތިން އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ވަނީ ޣާފިލުވެފަ.
(أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ) ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވަނީ ”ތިޔަބައިމީހުން ވީ ކޮންމެ ތަނަކުންވެސް ތިޔަބައިމީހުންނާ މަރު އައިސް ހަމަ ކުރާނެއެވެ. އެއީ ތިޔަބައިމީހުން ކިތަންމެ ވަރުގަދަ ކިއްލާއެއްގެ ތެރޭގައި ވީނަމަވެސްމެއެވެ." ކޮންމެ ތަނެއްގަ ވީނަމަވެސް އަޅުގަނޑުމެންގެ ޢަޖަލު ހަމަވުމާއެކު އަޅުގަނޑުމެންގެ މަރު ގެންދެވޭނެ. ކޮންމެ މީހަކަށްވެސް ވަނީ ކަނޑައެޅިގެންވާ ޢަޖަލެއް. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާންގެ ޒާތުފުޅަށް ވަންހަނާ ކުރައްވާފައިވާ ސިއްރެއް. އެއްވެސް މީހަކަށް އޭނާ މަރުވާނެ ވަޤުތެއް ނޭންގޭނެ. އެހެން ނަމަވެސް ކޮންމެ މީހެއްގެ މަރު ވަނީ ކަނޑައެޅިފަ. ވަކި ދުވަހެއްގަ ކަނޑައެޅިފަ.
(وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا) " އެ ނަފްސެއްގެ އަޖަލު އައުމާއެކުގަ އެ ނަފްސެއްގެ ފުރާނަ ހިއްޕެވޭނެ." އެންމެ ހިނދުކޮޅެއްވެސް ލަހެއް ނުކުރެވޭނެ. މަލަކަލް މަޢުތު ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމުރުފުޅަށް އެމީހެއްގެ މަރު ހިއްޕަވާނެ. އަޅުގަނޑުމެން މި ދުނިޔޭގަ އުޅެން މިޖެހެނީ އަބަދުވެސް މަރުމަތިން ހަނދާން ކޮށްގެން. ބީރައްޓެއްސެއްގެ ގޮތުގަ. ދަތުރުވެރިއެއްގެ ގޮތުގަ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަބްދުﷲ ބުން ޢުމަރަށް ޙަދީޘްފުޅު ކުރައްވަނީ (އަރަބި) " ތިބާ ދުނިޔޭގަ ވާށޭ ބީރައްޓެއްސެއް ފަދައިން ނުވަތަ ދަތުރުވެރިއެއް ފަދައިން." ޢަބްދުﷲ ބުން ޢުމަރު ވިދާޅުވަނީ ތިބާ ހެނދުނު ވަންދެން ދުނިޔޭގަ ހުރެއްޖެއްޔާ ހަވީރު ވަންދެން ދުނިޔޭގަ ހުރެދާނެ ކަމަށް ޔަޤީން ނުކުރާށެވެ. އަދި ހަވީރު ދުނިޔޭގަ ހުރެއްޖެއްޔާ އަނެއްދުވަހު ހެނދުނު ވަންދެން ތިބާ ދުނިޔޭގަ ހުރެދާނެ ކަމަށް ޔަޤީން ނުކުރާށެވެ. އެބަހީ މަރަކީ އެހާވެސް ގާތް އެއްޗެއް. މަރުމަތިން އަޅުގަނޑުމެން އަބަދުވެސް ހަނދުމަ ކުރަންޖެހޭ. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިރިއުޅުން އިސްލާޙް ކުރެވޭނީ. ހެޔޮ ޢަމަލުތަކަށް ޢަޅުގަނޑުމެންގެ ޝައުޤުވެރިކަން އިތުރުވެގެން ދާނީ. އެހެންކަމުން މަރުމަތިން އަޅުގަނޑުމެން ގިނަގިނައިން ހަނދުމަ ކުރަންޖެހޭނެ. ކަށްވަޅަށް ދާނެކަން އަޅުގަނޑުމެން ހަނދުމަ ކުރަންޖެހޭނެ. އޭރުން ދިރިއުޅުން އިސްލާޙްވެގެންދޭ. ހެޔޮޢަމަލަށް ފުރުސަތު ލިބިގެންދޭ. އަޅުގަނޑުމެން އަބަދުވެސް ހަނދުމަ ކުރަންވީ މަރު. އޭރުން އަޅުގަނޑުމެންނަށް އާޚިރަތް ބާއްޖަވެރި ވެގެންދާނެ. އަޅުގަނޑުމެންގެ ޢަމަލުތައް ސީދާވެގެން ދާނެ.
ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮ ޢަމަލު ކުރުމުގެ ހެޔޮ ތަޢުފީޤު ދެއްވުން.
- ޝައިޚް މުޙައްމަދު އިބްރާހީމް