އިސްލާމީ ތާރީޚުގައި، އެންމެ ފުރަތަމަ ބަންގި ގޮވުމުގެ ޝަރަފު ލިބިވަޑައިގެންނެވީ ބިލާލުގެފާނަށެވެ. އެކަލޭގެފާނަށް މި މަތިވެރި ޝަރަފު ދެއްވެވީވެސް އަހަރެމެންގެ މާތް ނަބިއްޔާ محمد صلى الله عليه وسلم އެވެ. ބިލާލު رضي الله عنه އަކީ މާތް ނަބިއްޔާގެ ވަރަށް އަރިސް ބޭކަލެއްވެސްމެއެވެ.
ބިލާލު އިބުނު ރަބާހު رضي الله عنه ގެ ބައްޕާފުޅަކީ ޢަރަބިކަރައަށް ނިޞްބަތްވާ ބޭފުޅެކެވެ. އަދި އެކަލޭގެފާނުގެ މަންމާފުޅަކީ މިހާރުގެ އިތިއޯޕިއާއަގެ ބޭކަނބަލެކެވެ. އެކަލޭގެފާނު ބޮޑުފުޅުވީ މައްކާގައިއެވެ. ބިލާލުގެފާނުގެ މަންމާފުޅާއި ބައްޕާފުޅަކީ އަޅުންނެވެ. އަދި އެކަލޭގެފާނުވެސް އަޅެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެކަލޭގެފާނު ނިޞްބަތްވާ ޤަބީލާކަމަށްވާ ބަނީ ޖުމަހްގެ އިސް ބޭކަލެއްކަމުގައިވާ އުމައްޔާ އިބުނު ޚަލަފްގެ އަރިހުގައިއެވެ.
އިސްލާމްދީނައިގެން އަހަރެމެންގެ ނަބިއްޔާ ވަޑައިގަތުމުގެ ކުރިންވެސް ބިލާލު رضي الله عنه އައީ އެކަލޭގެފާނު އުޅެ ބޮޑުވި މުޖްތަމަޢުގެ އާދަތަކަށް ނަފްރަތުކުރަމުންނެވެ. އަދި ކީރިތި ރަޞޫލާ محمد صلى الله عليه وسلم، މާތްﷲ ޞޫބުޙާނަހޫ ވަޠަޢާލާގެ ބަސްފުޅު ފަތުރުއްވަވާ، އިސްލާމްދީނަށް ދައުވަތު އެރުވުމުން އެކަލޭނގެފާނުގެ ބަސްފުޅު ޤަބޫލުކުރައްވާ، އިސްލާމްދީން ޤަބޫލުކުރެއްވި އެންމެ ފުރަތަމަ ބޭފުޅުންގެ ތެރޭގައި ބިލާލުގެފާނު ހިމެނިވަޑައިގަންނަވައެވެ.
އިސްލާމްދީން އެންމެ ފުރަތަމަ ޤަބޫލުކުރެއްވި ބޭކަލުންނަށް އެތަކެއް އުނދަގޫތަކަކާއި އަނިޔާއެއް ތަޙައްމަލުކުރަން ޖެހިވަޑައިގަތެވެ. އެގޮތުން އެންމެ ގިނައިން އަނިޔާއާއި ތުރާ ލިބިވަޑައިގެންނެވި އެއްބޭކަލަކީ ބިލާލުގެފާނެވެ.
އުމައްޔާ އިބުނު ޚަލަފު، އޭނާގު އަޅު، ބިލާލުގެފާނު، އިސްލާމްދީން ޤަބޫލުކުރެއްވިކަން އެނގުމުން، އެކަލޭގެފާނަށް ވަރަށް އަނިޔާކުރިއެވެ. އަދި ބުދަށް އަޅުކަންކުރުމަށް މަޖުބޫރުކުރަމުން ދިޔައެވެ. ދުވާލުގެ އެންމެ އަވިގަދަ ވަގުތު، ސަހަރާއަށް އެކަލޭގެފާނު ހުސްގަޔާ ގެންދަވާ، އަނދައަނދާ ހުންނަ ބޮޑެތި ގައުތައް އެކަލޭގެފާނުގެ ގައިކޮޅަށް އުކުންފަދަ އެތަކެއް ވޭންދެނިވި އަނިޔާއެއް އެމީހުން ކުރަމުން ދިޔައެވެ. އަދި ކުފުރުގެ ބަސްތައް ބުނުމުން އެކަލޭގެފާނު ދޫކޮށްލައްވާނެކަމަށް ވިދާޅުވުމުންވެސް އެކަލޭގެފާނު ދެއްކެވީ އީމާންތެރިކަމާއި، ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާއެކެވެ.
ބިލާލުގެފާނަށް އެފަދައިން އަނިޔާތައް ކުރަމުންދާ ޚަބަރު ކީރިތި ރަޞޫލާ محمد صلى الله عليه وسلم އަށް ލިބިވަޑައިގެންނެވެވުމުން، ބިލާލުގެފާނު މިނިވަންކުރެއްވުމަށް ވާހަކަފުޅުދެއްކެވުމަށް އަބޫބަކުރު رضي الله عنه ފޮނުއްވެވިއެވެ. ބިލާލުގެފާނުވެގެންދިޔައީ ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އެންމެ އަރިސް ސަޙާބީންގެ ތެރެއިންނެވެ.
ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އިޛުނަފުޅާއިއެކު، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ބޭފުޅުންނާއިއެކު ބިލާލުގެފާނުވެސް ހިޖުރަކުރެއްވިއެވެ. އަދި އަބޫބަކުރުގެފާނާއި އާމިރު ބިން ފަހުރިއާ رضي الله عنه އާއި އެކު، އެއް ގެކޮޅެއްގައި ބިލާލުގެފާނު އުޅުއްވިއެވެ. މުސްލިމުން މަދީނާގައި ވަޒަވަންވެރިވުމުން، ކީރިތި ރަޞޫލާ محمد صلى الله عليه وسلم، މުއައްޒިނެއްގެ ގޮތުގައި (ބަންގިގޮވާ މީހެއްގެ ގޮތުގައި) ބިލާލު رضي الله عنه ހަމަޖެއްސެވިއެވެ. އެކަލޭގެފާނުގެ އަޑުފުޅުގެ ރީތިކަމާއި ހިތްގައިމުކަމުން މުސްލިމުންގެ ހިތްތަކަށް އެތައް އަސަރެއްކުރިއެވެ. އެކަލޭގެފާނުގެ ބަންގީގެ އަޑު އިވުމުން، ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު، ދުވެފައި މިސްކިތައް މުސްލިމުން ޖަމަޢަވެއެވެ. އަދި ކީރިތި ރަޞޫލާ محمد صلى الله عليه وسلم ވެސް ވަޑައިގެން، އިމާމުކަންކުރައްވައެވެ.
ބިލާލު رضي الله عنه ވަނީ ކީރިތި ރަޞޫލާ محمد صلى الله عليه وسلم ގެ އަރިހުގައި އެތައް މުހިއްމު ހަނގުރާމައެއްގައިވެސް ހިތްވަރުގަދަކަމާއި ކުޅަދާނަކަމުގެ ހުނަރު ދައްކަވާފައިއެވެ. އެގޮތުން ބަދުރު ހަނގުރާމައާއި، އުހުދު ހަނގުރާމައާއި، އަދި ޚަންދަގު ހަނގުރާމަ ފަދަ އެތަކެއް ހަނގުރާމައެއްގައި ބިލާލުގެފާނުވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބަދުރު ހަނގުރާމާގައި އެކަލޭގެފާނުވަނީ އުމައްޔާ އިބުނު ޚަލަފް ނެތިކޮށްލާފައެވެ. އަދި މުސްލިމުންގެ ލަޝްކަރު މައްކާ ފަޠަޙަކުރެއްވުމުން، ބިލާލު رضي الله عنه ކަޢުބާގެ މައްޗައް ވަޑައިގެން، ބަންގި ގޮވާލެއްވެވިއެވެ. އެއީ މައްކާގައި ބަންގީގެ އަޑު އިވިގެންދިޔަ އެންމެ ފުރަތަމަ ފަހަރެވެ.
ބިލާލު رضي الله عنه ވަނީ އަހަރެމެންގެ މާތް ނަބިއްޔާގެ އެންމެ އަރިސް އެއްބޭކަލެއްގެ ޙައިސިއްޔަތުން އެތަކެއް މުހިއްމު ޒިންމާތަކެއް އަދާކުރައްވާފައިއެވެ. އެކަލޭނގެފާނުގެ ފުރިހަމަ އިތުބާރާއި ލޯބި، ބިލާލު رضي الله عنه އަށް ލިބިވަޑައިގެންވާ ޙާލެވެ. ކީރިތި ރަޞޫލާ محمد صلى الله عليه وسلم ސުވަރުގެ ވަޑައިގެންނެވުންވީ ބިލާލު رضي الله عنه އަށް ވަރަށް ހިތާމަވެރި އަދި އުނދަގޫ ކަމަކަށެވެ. އެކަލޭނގެފާނު ސުވަރުގެ ވަޑައިގެންނެވި ދުވަހަށްފަހު، ޖެހިގެން އައި ދުވަހުގެ ފަތިސް ނަމާދަށް ބަންގި ގޮވުމަށް ބިލާލުގެފާނު ވަޑައިގެންނެވިއެވެ. ނަމަވެސް ވަކި ހިސާބަކުން އެކަލޭގެފާނަށް ކެތްނުކުރެވިގެން ކީރިތކުރައްވަން ފެށްޓެވިއެވެ. ނަމަވެސް ވަރަށް ހިތްވަރުން، މަޑު އަޑަކުން އެކަލޭގެފާނު ބަންގި ގޮވައި ނިންމެވިއެވެ. އެއަށްފަހު ބިލާލުގެފާނު މަދީނާގައި ބަންގި ގޮވައެއް ނުހައްދަވައެވެ.
ބިލާލު رضي الله عنه ގެ އެންމެ ފަހު ބަންގި ގޮވާލެއްވެވީ ޢުމަރު رضي الله عنه ގެ ޚިލާފަތުގައި، ސީރިޔާގައިއެވެ. އެކަލޭގެފާނު އަވަހާރަވީވެސް 638 ވަނަ އަހަރާއި 642 ވަނަ އަހަރާއި ދެމެދު، ސީރިޔާގައި ކަމަށްވެއެވެ. ބިލާލު رضي الله عنه އަކީ ކެތްތެރިކަމާއި، ހިތްވަރުގަދަކަމާއި، ﷲ ގެ މަގުގައި ސާބިތުވެ ހުންނެވުމުގެ ލާމަސީލު ނަމޫނާއެކެވެ. އަހަރެމެންގެ މާތް ނަބިއްޔާއާއި މެދު ބިލާލުގެފާނު ހިތްޕުޅުގައި އޮންނެވި ލޯތްބަކީ އަހަރެމެން މުސްލިމުން އިބުރަތް ހާޞިލްކުރަންވީކަމެކެވެ. ﷲ ޞުބުޙާނަހޫ ވަޠަޢާލާއަށްޓަކައި ތިމާގެ އަޚުންނާއި އުޚުތުންދެކެ ލޯބިވުމުގެ ފުރިހަމަ މިސާލުވެސް އެކަލޭގެފާނު ދެއްކެވިއެވެ.
https://www.islamicfinder.org/knowledge/biography/bilal-ibn-rabah
/