މިމަގުން ދުޢާކުރާ މީހާ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
މިމަގުން ދުޢާކުރާ މީހާ ކުރާ ދުޢާ ޢިޖާބަކުރެއްވެވުން އަވަސްވާނެ! އިން ޝާ ﷲ

ދުޢާކުރަން އެންމެ ރަނގަޅު ގޮތަކާއިބެހޭ ގޮތުން ގިނަ ބައަކު އަބަދުވެސް ސުވާލުކުރަމުން ގެންދާތީ ބުނަމެވެ. ދުޢާކުރާއިރު: 

(1)   ﷲ ތަޢާލާ މަތިވެރިކުރާށެވެ! ޙަމްދުޘަނާ ކިޔާށެވެ!

(2)   ތިމާގެ ފާފަ ފުއްސަވައިދެއްވެވުން އެދި ދަނަނަވާށެވެ!

(3)   ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔަވައި އާލުވެރިބޭކަލުންނަށާއި އަހުލުބައިތުންނަށް ހެޔޮދުޢާކުރާށެވެ!

(4)   ތިމާ އެދޭ ކަންތަކުގެ ވާހަކަ އެމީހަކަށް އެނގޭ އެންމެ ރިވެތި ޢިބާރާތަކުން ދަންނަވާށެވެ! ކޮންމެ ބަހަކުން ދެންނެވުމަކީވެސް މައްސަލައެއް ނޫނެވެ!

(5)   ދުޢާކުރުން ތަކުރާރުކުރުންމަތީގައި ދެމިހުންނާށެވެ. ކޮންމެފަހަރަކުވެސް ތިމާއަށް އެކަމަކަށް ބޭނުންވެފައިވާ މިންވަރުގެ ބޮޑުކަން ބަޔާންކުރާށެވެ!

(6)   ދުޢާކުރުމުގެ ތެރޭގައި ލޮލުން ކަރުނަތިއްކެއް ނަމަވެސް ވައްޓާލަން މަސައްކަތްކުރާށެވެ! އެއިރުން ދުޢާގެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންދާނެއެވެ. މީހަކު ދެރަވެ ކަރުނައަޅައި ﷲ ތަޢާލާއަށް ކުރި ދުޢާއެއް ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ. އިން ޝާ ﷲ

(7)   ދުޢާ ނިންމައިލާއިރުވެސް ﷲ ތަޢާލާ މަތިވރިކޮށް ޙަމްދުޘަނާ ކިޔާށެވެ! އަދި ރަސޫލް ޞައްލﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔަވާށެވެ! 

(8)   ދުޢާ ޢިޖާބަކުރައްވަވާނެ ކަމަށް ޝައްކުވެސް ނުކުރާށެވެ! ޔަޤީންކަންމަތީގައި ހުންނާށެވެ! 

ތިބާގެ ދުޢާއަކީ ތިބާއަށް ޙަޤީޤީ ފައިދާކުރާނެ، ރަނގަޅު ކަމަކަށް އެދިގެން ކުރާ ދުޢާއެއްނަމަ ޢިޖާބަ ކުރެއްވެވުން އަވަސްކުރެއްވެވުން ގާތްވެގެންވެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން