ކޮންމެ މީހަކުވެސް ނިކަން އެމީހެއްގެ އަމިއްލަ ނަފްސާއި ސުވާލުކޮށްބަލާށެވެ! ނިދާއިރު މިއަދަށްވުރެ ގިނަ އަޅުކަން މާދަމާ ކުރަން ހިތަށް އަރުވައިގެން ކިތައްރޭ ނިދައިފިން ހެއްޔެވެ؟ ހެނދުނު ތެދުވެ އެންމެ ދުވަހަކުވެސް އެކަމަށް ޢަމަލުކުރެވުނު ހެއްޔެވެ؟
ރަނގަޅު ޖަވާބު އެނގޭނީ އެމީހަކަށެވެ. އަހުރެން ބުނާނީ ވަރަށް މަދު މީހަކަށް ނޫނީ ހަމަ އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ. އަހުރެން އެހެން މިބުނަނީ އަމިއްލަ ވިސްނުމަކުން ނޫނެވެ. މީހުން ދީފައި ހުރި ޖަވާބުތަކަށް ބުރަވެއެވެ.
ގިނަ ބައަކަށް ރޭއަޅުކަން ކުރަން ނުހޭލެވޭތަނުގައި ފަތިސްނަމާދަށްވެސް ނުހޭލެވެއެވެ. ހެނދުނުވާފަހުން ހޭލެވިގެންވެސް ފަތިސްނަމާދެއް ނުކުރެއެވެ. ދުއްވައިގަންނަނީ ދުނިޔެ ލިބިގަންނަން މަސައްކަތްކުރާށެވެ!
ދެން ބަލައިލަންވީ ދުނިޔޭގެ ހުރި ބުރަދަނަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި މިދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއްގެ ބުރަދަން މަދިއެއް ފަދަ އެއްޗެއްގެ ފިޔައަކަށްވުރެވެސް މާލުޔެވެ. އަހުރެމެން ހުރިހާ ވަޤުތެއް މިހޭދަކުރަނީ އެވަރުގެ އަގެއް ނެތް އެއްޗެއް ލިބިގަންނަންވެގެންނެވެ. އަދި އެއިގެ ތެރެއިންވެސް ކުޑަމިންވަރެއް ނޫނީ ނުލިބޭނެކަން އެނގޭއިރުވެސްމެއެވެ. ވީއިރު ތިމާއަށް އުޅެވެނީ ހަމަ އެންމެ ފައިދާހުރި ގޮތަށްކަމަށް ވިސްނެނީހެއްޔެވެ؟ އެހެންކަމަށްވާނަމަ ހާދަދެރައެވެ.
ލޮބުވެތި އެކުވެރިންނޭވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ! އާޚިރަތް ލިބިގަތުމަށް ކުރަންޖެހޭ ކަންކަން ކުރަން އިސްކަންދޭށެވެ. އެކަމަށް ކުރަންހުރި މަސައްކަތް ނުކުރެވުނީތީ ހިތާމަކުރުމަކުން ޤިޔާމަތް ދުވަހު ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
- އިސްލާމީ ތިލަަފތުގެ ދަރުސަކުން