ޢާއިޝަތު ރަފާޙް ޢަލީ
ދަރިފުޅަށް ނުވަތަ ތިމާއަށް އެސްފީނާގެ އުނދަގޫތައް ކުރިމަތިވަމުން އަންނާތީ އެކަމުން ސަލާމަތްވެ ހެންނަން ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން ކިޔުންތެރިން ކުރައްވާ ސުވާލަށް ތިރީގައިވާ ލިޔުމުން އެހީތެރިކަން ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. (الْعَيْنُ حَقٌّ، وَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ)މާނައީ: "އެސްފީނާއަކީ ޙައްޤުކަމެކެވެ. (އެބަހީ؛ ޙަޤީޤަތުގައިވެސް ޖެހޭ، އަދި އެއިގެން އަސަރުކުރުވާ ކަމެކެވެ.) އަދި (މާތް ﷲގެ) ޤަދަރުފުޅަށްވުރެ އެއްވެސް އެއްޗަކަށް އިސްވެގަނެވޭނަމަ، އެސްފީނާ އިސްވެގަތީހެވެ." އެސްފީނާއަކީ ޙަޤީގަތުގައިވެސް ޖެހޭ އެއްޗެކެވެ. އަދި ޙަސަދައަކީވެސް އެހާ ނުރައްކާތެރި އެއްޗެކެވެ. އެހެންކަމުން އެސްފީނާއިންނާއިން އަދި ޙަޞަދައިން ސަލާމަތްވުމަށްޓަކައި އަމިއްލައަށް ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މިލިޔުމުގައި މި ހިމަނާލަނީ އެސްފީނާއިން އަދި ޙަސަދައިން އަމިއްލަައަށް ރައްކާތެރިވާނެ ބައެއް ގޮތްތަކެވެ.
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· ﷲ ތަޢާލާއަށް ފުރިހަމައަށް ވަކީލުކުރުން:
ﷲ ތަޢާލާއަށް ވަކީލުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ ހުރިހާ ގެއްލުމެއްވެސް އަދި ފައިދާހުރި ކަމެއްވެސް އަންނަނީ ﷲ ގެ ޙަޟްރަތުންކަން ގަބޫލުކުރުމެވެ. ﷲ ތަޢާލާ ރަނގަޅު ފައިދާހުރި ގޮތެއް މީހަކަށް މެދުވެރިކުރައްވަން ނިންމަވާއިފިނަމަ އެއްވެސް މީހަަކަށް އެމީހާއަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި މާތްالله ގެއްލުމެއް ދެއްވުމަށް ކަނޑައަޅުއްވާއިފި މީހަކަށް، އޭނާއަށް ފައިދާ ކުރާނެ އެއްވެސް މަޚްލޫޤެއް ނުފެންނާނެއެވެ. އެހެންކަމުން އެމީހެއްގެ ހިތުގައި މާތްރަސްކަލާނގެއަށް ވަކީލުކުރުމުގެ މާނަ ވިސްނިއްޖެނަމަ، ޝައިޠާނާއާއި އޭނާގެ ލަޝްކަރު އޭނާއަށް ގެއްލުން ދިނުމަށް ތެދުވިނަމަވެސް ޙަޤީޤަތަށް އިތުބާރުކުރާ މީހާއަށް މާތްالله އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ނުވާނެއެވެ.
ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘެއްގައިވެއެވެ. (واعلَم أنَّ الأمَّةَ لو اجتَمعت علَى أن ينفَعوكَ بشَيءٍ لم يَنفعوكَ إلَّا بشيءٍ قد كتبَهُ اللَّهُ لَكَ ، ولو اجتَمَعوا على أن يضرُّوكَ بشَيءٍ لم يَضرُّوكَ إلَّا بشيءٍ قد كتبَهُ اللَّهُ عليكَ)
މާނައީ: އަދި ތިބާއަށް ފައިދާ ހޯދުމަށް ޤައުމު އެއްވެއްޖެނަމަ، ތިބާއަށްޓަކައި މާތްالله ލިޔުއްވާފައިވާ އެއްޗަކުން ނޫނީ ތިބާއަށް ފައިދާއެއް ނުކުރާނެކަން ދަންނާށެވެ. އަދި އެބައިމީހުން އެއްތަނަކަށް އެއްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އެއްވެއްޖެނަމަ، އެމީހަކު ތިބާއަށްޓަކައި މާތްالله ލިޔުއްވާފައިވާ އެއްޗެއް މެނުވީ އެއްވެސް އެއްޗަކުން ތިބާއަށް ގެއްލުމެއް ނުދެވޭނެއެވެ.
الدرر السنية - الموسوعة الحديثية - شروح الأحاديث (dorar.net)
· ﷲ ތަޢާލާއަށް ތަޤްވާވެރިވުން:
އިންސާނާ ގެއްލުމުން ރައްކާތެރިވުމަށް ކުރެވިދާނެ އެންމެ މުހިއްމު އެއް ކަމަކީ ﷲ ތަޢާލާއަށް ބިރުވެތިވެ ތަޤްވާވެރިވުމެވެ. އަދި އެއީ ހަށިގަނޑުގެ ހުރިހާ ގުނަވަންތައް ބޭނުންކޮށް، ޝައްކުތަކާއި ނުބައި ޢަމަލުތަކާއި ޙަރާމް ކަންކަމުން ހިތް ރައްކާތެރިކޮށް، ހެޔޮ ޢަމަލުތަކަށް މަސައްކަތްކުރުމުގައި މަސައްކަތްކުރުމެވެ. މިއީ އިންސާނާގެ ގުނަވަންތައް ރައްކާތެރިކުރެވޭނެ އެންމެ ރަނގަޅު ކަމެއް ކަމުން ބުއްދިވެރި މުސްލިމަކު ނަމަ އަމިއްލަ ނަފްސު އަބަދުވެސް ޙިސާބުކުރަން ޖެހެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގައި ހެޔޮކަމާއި ފަލާޙް ލިބޭނެ އެއް ކަންތަކެވެ.
· ޛިކުރުތަކަށް ރައްކާތެރިވުން: މުއުމިނަކު ހުރިހާ ނުބައިކަމަކާއި މުޞީބާތަކުން ރައްކާތެރިކުރުމުގައި ޛިކުރުތައް ބޮޑު އަސަރެއް ކުރާއިރު، އެއީ ނުބައި ލޮލާއި ހަސަދަވެރިކަމާއި އެހެނިހެން ކަންކަމުގެ ކުރިމަތީގައި ހުންނަ ކިއްލާއެކެވެ. މީގެ އިތުރުން މުސްލިމަކު ދަމަހައްޓަން ޖެހޭ އެންމެ ބޮޑު އެއް ޛިކުރަކީ ކީރިތި ޤުރުއާން ކިޔެވުމެވެ. އެ ޤުރުއާން ވިސްނުމުގައި ބުރަކޮށް މަސައްކަތް ކުރުމެވެ. އެކަމާ މެދު ވިސްނުމާއި، ހިތުދަސްކުރުމެވެ. މީގެ އިތުރުން ރަސޫލާއާއި އެކަލޭގެފާނުގެ ޞަޙާބީންގެ އަރިހުން އެއިން ރުޤްޔާ ކުރައްވަމުން ގެންދެވި ކަމަށް ރިވާކުރައްވާފައިވާ އަލްފާތިޙާ ސޫރަތާއި، އަލްބަޤަރާ ސޫރަތާއި، އަލްމުޢައުވިދާތާއި، އަދި އެހެނިހެން ސޫރަތްތައް ގިނަގިނައިން ކިޔެވުން ވެސް ހިމެނެއެވެ.
· لا حول ولا قوة إلا بالله ކިޔުން ގިނަކުރުން
· ހެނދުނާ ހަވީރުގެ ޛިކުރުތަކާއި ގެއަށް ވަންނައިރު އަދި ނިކުންނައިރު ކިޔާ ދުޢާތައް ކިޔުމާއި ނިދުމުގެ ކުރީން ކިޔަންޖެހޭ ޛިކުރުތައް ކިޔުން
· މީހުންގެ ކިބައިން ހެޔޮ ޢަމަލުތަކާއި ލިބޭ އުފާވެރިކަމާއި ކާމިޔާބީ ފޮރުވުން: އެގޮތުން އެކަމުގެ ދަލީލަކީ އެއީ މާތްރަސްކަލާނގެ ނަބިއްޔާ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އެސްފީނާ ޖެހިދާނެކަމަށް ބިރުފުޅުގެން ވަޑައިގަތެވެ. މުފައްސިރުން މިއާޔަތް ދަލީލަކަށް ނަންގަވައެވެ. ﷲ ތަޢާލާ ޔޫސުފް ސޫރަތުގެ 67 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَقَالَ يَا بَنِيَّ لَا تَدْخُلُوا مِن بَابٍ وَاحِدٍ وَادْخُلُوا مِنْ أَبْوَابٍ مُّتَفَرِّقَةٍ ۖ وَمَا أُغْنِي عَنكُم مِّنَ اللَّهِ مِن شَيْءٍ ۖ إِنِ الْحُكْمُ إِلَّا لِلَّهِ ۖ عَلَيْهِ تَوَكَّلْتُ ۖ وَعَلَيْهِ فَلْيَتَوَكَّلِ الْمُتَوَكِّلُونَ ﴿٦٧﴾
މާނައީ: "އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ދަރިންނޭވެ! ތިޔަބައިމީހުން (އެތަނަށްގޮސް) އެއްދޮރޯއްޓަކުން ނުވަންނާށެވެ! އަދި ތަފާތު ދޮރޯށިތަކަކުން ވަންނާށެވެ! އަދި اللَّه ގެ حضرة ން ތިޔަބައިމީހުންނަށް އެއްވެސްކަމެއް ތިމަންނާއަކަށް ފުއްދައެއް ނުދެވޭނެތެވެ. اللَّه އަށް މެނުވީ حكم ކުރެއްވުމެއް ނެތެވެ. ތިމަންކަލޭގެފާނު وكيل ކުރައްވަނީ، އެކަލާނގެއަށެވެ. އަދި وكيل ކުރާމީހުން ހަމައެކަނި އެކަލާނގެއަށް وكيل ކުރާހުށިކަމެވެ! (67)" އެހެންކަމުން ނުބައި ލޯތަކުންނާއި ލަޢުނަތްދޭ މީހުންގެ ކިބައިން ރައްކާތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.