އެންމެން ތިބާދެކެ ރުޅިއައިސް ނަފްރަތުކުރިޔަސް އެކަމުން އަސަރެއް ނުކޮށް ހުންނަން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެންމެން ތިބާދެކެ ރުޅިއައިސް ނަފްރަތުކުރިޔަސް އެކަމުން އަސަރެއް ނުކޮށް ހުންނަން ބޭނުންތަ؟

އެންމެ މީހަކު ނަމަވެސް ތިބާ ދެކެ ރުޅިއައިސް ނަފްރަތުކުރާނަމަ އެކަމަށް ކަންބޮޑުވެ ވިސްނޭނެއެވެ. ގިނަ ބައަކު ތިބާ ދެކެ ރުޅިއައިސް ނަފްރަތުކުރާނަމަ އެކަމަށް ކަންބޮޑުވެ ވިސްނޭވަރު މާބޮޑުވާނެއެވެ. އެކަމުގެ ސަބަބުން ހިތްވަރު އެލި މާޔޫސްވެވޭ ބައަކުވެސް ތިބޭނެއެވެ.  

މިފަދަ ގޮތެއް މެދުވެރިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ޛިކުރުކުރުން ގިނަކުރާށެވެ. ތިމާގެ ހިތް ﷲ ތަޢާލާ އާއި ގުޅުވައިލާށެވެ. އެއިރުން ތިބާގެ ހިތަށް ހަމަޖެހުން ދެއްވަވާނެތެވެ. އެހެން މީހުންނާއިމެދު ވިސްނައި ކަންބޮޑުވެވުން ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އިން ޝާ ﷲ  

ނޫހުންގެ ރުހުން ކިތަންމެ މުހިންމު ނަމަވެސް އެންމެންގެ ރުހުން ހޯދޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. ނަފްރަތުކުރާ ބައަކު ތިބޭނެއެވެ. އެއިގެ ތެރޭގައި އެކުވެރިންނާއި ޢާއިލާގެ މީހުންވެސް ހިމެނޭނެކަން ޤަބޫލުކުރަންވާނެއެވެ.  

ދުނިޔޭގައި ކުރިއަރައިދާންވެސް އަދި އާޚިރަތް ލިބިގަންނަންވެސް މުހިންމީ މީހުންގެ ރުހުމެއް ނޫނެވެ. ތާއީދެއްވެސް ނޫނެވެ. އެހެން ނޫންނަމަ އެތައް މިލިއަން ބައެއްގެ ތާއީދުލިބިގެންތިބޭ މީހުން އެކަމުގެ ސަބަބުން ސުވަރުގެ ވެއްދެވީހެވެ.  

ކިތަންމެ ގިނަބައެއްގެ ރުހުމާއި ތާއީދު ލިބުނަސް ސުވަރުގެ ވައްދަވާނީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހުންނެވެ. މިއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ކޮންމެ މުސްލިމަކަށްވެސް ޔަޤީންކުރެވޭނެ ކަމެކެވެ.  

ވީމާ ނަމާދުކުރުމުގެ އިތުރުން ޤުރްޢާން ކިޔެވުން ގިނަކުރާށެވެ. ޛިކުރުތައް ކިޔުން ގިނަކުރާށެވެ. އެއިރުން އެހެން މީހުންނާއިމެދު އުފެދޭ ކަންބޮޑުވުންތައް ފިލައިގެންދާނެއެވެ. ހަމަޖެހިލައިގެން އުފަލުގައި އުޅެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން