ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރަން އެދޭމީހާއަށް އޮތީ އެންމެންނަށްވެސް މާފުކުރުމެވެ. އެހެންކަމާއިއެކުވެސް ޚާއްޞަ 4 މީހަކު ފާހަގަކޮށްލާނަމެވެ.
1 މައިންބަފައިން؛
މައިންބަފައިން ކޮންމެ ގޮތަކަށް ކަންކަން ކޮށްފައި އޮތަސް އަދި ކުރިޔަސް ހިތުގައި ޙަސަދަވެރިކަމެއް ނުބާއްވައި އެޟީހުންނަށް މާފުކޮށް ހެޔޮކޮށް ހެޔޮކޮށް ހިތާށެވެ. އެމީހުން ދުނިޔޭގައި ތިބިނަމަވެސް އަދި މަރުވެފައިވީނަމަވެސްމެއެވެ. އެމީހުންނާއިމެދު އެއްވެސް ވަރެއްގެ ހިތްބުރަކަމެއް ނުބާއްވާށެވެ!
އެއީ ތިބާއަށް ސުަވރުގެ ވަދެވޭނެ ސަބަބުކަމަށްވުމަށް އުންމީދުކުރާށެވެ!
2 ކުރިން ތިބާއާ ގުޅުން އޮތް އެންމެން:
އެއިގެ ތެރޭގައި ލޯބިވެގެން އުޅެވުނު މީހުންނާއި ކައިވެނިކުރެވުނު މީހުންނާއި އެކުވެރިންވެސް ހިމެނެއެވެ.
އެމީހުންނާއި ގުޅިގެން އުޅެވުނީތީ ދަސްވި ފިލާވަޅުތަކުން ޢިބްރަތް ޙާޞިލުކުރާށެވެ. އެއިރުން ތިބާގެ މުސްތަޤްބަލް އާރާސްތުކުރަން ފައިޑާކުރާނެއެވެ.
3 ޤަޞްދުގައި ތިބާއަށް ހިތްދަތިކަމާ ގެއްލުންދިން މީހުން:
ހިތުގައި ޖެހޭފަދަ ކަންކަމާއި ގެއްލުން ލިބޭ ފަދަ ކަންކަން ބައެއް މީހުންނަށް ކުރެވެނީ ޤަޞްދެއް ނެތިއެވެ. ނަމަވެސް ޤަޞްދުގައި އެފަދަ ކަންކަން ކުރާ ބައަކުވެސް އުޅެއެވެ. އެއެންމެންނަށް މާފުކުރާށެވެ.
އެމީހުން ކުރިކަމެއް ކުރީއެވެ. ތިބާ އަދިވެސް ތިއަހުރީއެވެ. ދިރިއުޅުމާއިގެން ކުރިއަށްދަނީއެވެ. ވީމާ އެމީހުންނަކަށް އެއްވެސް ކަމެއް ނުކުރެވުނެއް ނޫންހެއްޔެވެ؟
އެމީހުން ކުރިކަންކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ތިބާއަށް ކުރާނެ ބޮޑުފައިދާއަށް އުންމީދުކުރާށެވެ. އެމީހުންނަށް މާފުނުކޮށް ހަސަދަލައިގެން އުޅޭނަމަ އެމީހުންގެ ކިބައިން ތިބާއަށް ޤިޔާމަތް ދުވަހު ލިބެން އޮތް ފައިދާއިން އުނިވަމުންގޮސް ތިބާގެ ފަރާތުން އެމީހުންނަށް ދަރަންޖެހިއްޖެނަމަ ލިބޭނެ ދެރަ މާބޮޑުވާނެއެވެ.
4 ތިމާގެ އަމިއްލަ ނަފްސް:
ބައެއް މީހުންނަށް އެމީހުންގެ ޙަޔާތުގައި ކުރެވިފައިވާ ކަންކަން ހަނދާންވުމުން އަމިއްލަ ނަފުސްދެކެ ރުޅިއައުދެވެއެވެ. ދިރިއުޅުން ަމތިން ފޫހިވެއެވެ. އެކަންކަން ބޮޑުވަމުން ގޮސް ބޮޑު ބައްޔަކަށްވެސް ވެއެވެ.
އެގޮތަށް އެކަންވިޔަ ނުދޭށެވެ! ކުރެވުނު ކަންކަން އޮންނާނީ ކުރެވި ނިމިފައެވެ. ތިބާއަށް ވަނީ އެކަންކަމުން ރަނގަޅު ފިލާވަޅުތަކެއް ލިބިފައެވެ. ތިބާއަށް ރަނގަޅު ގޮތް ވިސްނި ހަރުދަނާ މީހަކަށް ވެވިފައި ތިއަހުރީ މާޒީގައި ކުރެވުނު ކުށްތަކުންކަން ޤަބޫލުކުރީމާ އެކަމުން ކުރި ފައިދާގެ ބޮޑުކަން އިޙްޞާޞްކުރެވި އުފާވެރިކަން ލިބޭނެއެވެ. ހިތްހަމަޖެހުންވެސް ލިބޭނެއެވެ. އިން ޝާ ﷲ
މާފުކުރުމާއިމެދު މިމޭރުމުން ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރާ މީހަކަށްވުރެ ކާމިޔާބު މީހަކު ނުހުންނާނެއެވެ. އެމީހަކަށްވުރެ އުފަލުގައި އުޅެވޭނެ މީހަކުވެސް ނުހުންނާނެއެވެ. އެއިގެ ބަދަލުގައި މާފުކުރުމުގައި ދީލަތި ނުވެވޭ މީހުންނަށް އެމީހުންގެ މުޅި ޙަޔާތުގައިވެސް އެއްވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން