މަޖަލަކަށް ނަމަވެސް ބުނާ ނުރަނގަޅު ބަސްތަކުގެ އަޑު ދަރިންނަށް އިޥޭނަމަ އެކަންވާނީ ދަރިންނަށް ދެވޭ ވަރަށް ނުބައި ފިލާވަޅަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މަޖަލަކަށް ނަމަވެސް ބުނާ ނުރަނގަޅު ބަސްތަކުގެ އަޑު ދަރިންނަށް އިޥޭނަމަ އެކަންވާނީ ދަރިންނަށް ދެވޭ ވަރަށް ނުބައި ފިލާވަޅަކަށް!

ފުރަތަމަ ކަމަކަށް ވިސްނާށެވެ. ތިމާގެ ދުލަކީ ތިމާ ޝަހާދަތްކިޔައި ﷲ ތަޢާލާ އެއްކައުވަންތަކުރާ ދުލެވެ. ﷲ އަށް ޛިކުރުކުރާ ދުލެވެ. ޤުރްއާން ކިޔަވާ ދުލެވެ. އަދި ކީއްހެއްޔެވެ؟ ކަމެއް ޖެހުމުން ނިކަމެތިވެ ﷲ ތަޢާލާއަށް ދުޢާކޮށް އާދޭސްދަންނަވަންވެސް އޮތް ދުލެވެ. އެދުލުގެ ބޭނުން ﷲ ތަޢާލާ ރުހިވޮޑިނުގަންވާނެ ގޮތަށް ހިފަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟

މިއަދު އަހުރެމެން މުސްލިމުންގެ ތެރޭގައި ވެސް އެންމެ ބޮޑު އެއް މައްސަލައަކީ ވާހަކަދައްކާއިރު ބުނެވޭ ބައެއް ބަސްތަކެވެ. އެއްބައަކު ސަމާރަކުރާއިރުވެސް ދުލުން ބުނަން ނުވާނެ ފަދަ ނުބައި ހަޑިހުތުރު ބަސްތައް ބޭނުންކުރަނީއެވެ. އަނެއް ބައަކު މީހަކާއިމެދު ކިރިޔާ ހިތްހަމަނުޖެހޭއިރަށް ދުލުން ބުނެގެން ނުވާނެ ނުބައިބަސްތައް ބުނަނީއެވެ. 

ސަމާސައަށްވެސް އަދި ރުޅިއައިސްގެންވެސް ދުލުން ނުބައިބަސްތައް ނުބުނާށެވެ! ހަޑިހުތުރުބަސްތައް ނުބުނާށެވެ! 

ދެން އޮތީ ދަރިންނަށް އެއަޑުތައް އިވުމުގެ މައްސަލައެވެ. މިއަދުގެ ކުޑަކުދިން އިއްޔެގެ މުސްކުޅިންނަށްވުރެ މާހުޝިޔާރެވެ. މާއަވަހަށް ދަސްކޮށްލާނެއެވެ. އަދި އެމީހުންނަށް އަޑުއިވުނު ބަސްތަކަސްވުރެ މާނުބައި ބަސްތައް ދުލުން ބުނެލާނެއެވެ. 

އަދި ކީއްހެއްޔެވެ؟ ސްކޫލަށްގޮސް ކުދިންނަށްވެސް ހަމަ އެބަސްތައް ބުނާނެއެވެ. ޓީޗަރު "ކޮއްކޮ ތިއަ ވާހަކަ ދައްކަން ދަސްކުރީ ކޮންތަނަކުންތޯ؟" ސުވާލުކުރާއިރަށް މައިންބަފައިންގެ ކިބައިން ނުވަތަ ގެއަށް ވަދެއުޅޭ މައިންބަފައިންގެ އެކުވެރިންގެ ކިބައިން ކަމަށް ބުނާނެއެވެ. މިއީ މަދުން ދިމާވާ ކަންކަމެއް ނޫނެވެ. 

ވީމާ ދީނީ ގޮތުން ބެލިނަމަވެސް ޢާއިލީ ގޮތުން ބެލިނަމަވެސް އަދި އިޖުތިމާޢީގޮތުން ބެލިނަމަވެސް ދުލުން ނުބައިބަސް ބުނެވޭކަށް ނެތެވެ. އެކަމުން ލިބެން އޮތް ގެއްލުން ބޮޑުކަމުންނެވެ. ދުލުގެ ބޭނުން ނުބައި ގޮތުގަ ހިފުމުން ޤިޔާމަތް ދުވަހު ލިބިގެންދާނެ ގެއްލުންތަކުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. މިރޭ ބޮޑަށް ފާހަގަމިކުރީ ދިރިއުޅުމުގައި ކުރިމަތިވެދާނެ މައްސަލަތަކެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ދޫރައްކައުތެރިކުރުމަކީ ސަމާސަކުރުމުގައިވެސް އަދި ރުޅި އައުމުންވެސް ދޫ ރައްކައުތެރިކުރުމެވެ. ނުބައިބަހެއް އެދުލުން ނުބުނުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން