އެކްސިޑެންޓައް ގިނަވަނީއެވެ. މަރުވާ ކުޑަކުދިންގެ ޢަދަދުވެސް ގިނަވަނީއެވެ. މައިންބަފައިންގެ ލޯތަކުން ކަރުނަ އޮހޮރެމުންދަނީއެވެ. އެހެންކަމުން ހޭލުންތެރިކުރުވަން އެމީހަކަށް ކުރެވެން އޮތަކަމެއް މިއޮތީ ކުރަންޖެހިފައެވެ. ޤަވާއިދާއި ޚިލާފަށް ދުއްވާ އަނިޔާވެރިންގެ ޝިކާރައަކަށް މާދަމާވާނީ ތިމާ ނޫންކަން ޔަޤީންކުރެވޭނެ ގޮތެއް މިއަދަކު ނެތެވެ.
ޤަވާއިދާއި ޚިލާފަށް ދުއްވަނިކޮށް ތިމާގެ ފުށުން އަނެކާއަށް ލިބޭ އަނިޔާވާނީ ޤަޞްދުގައި ކުރި އަނިޔާއަކަށެވެ. ސަބަބަކީ ބާރަށް ދުއްވީ ޤަޞްދުގައިކަމަށްވާތީއެވެ. އެއްވެސް މީހަކަށް ތިމާގެ ފުށުން އެއްވެސް ވަރެއްގެ ގެއްލުމެއް އަނިޔާއެއް ދެވިއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ނުޖެހި ނުދާނެ ދުވަހާއި ކުރިމަތިލާންޖެހޭނެކަން ޤަބޫލުކުރާށެވެ!
ހަމއެއާއިއެކު ލައިސަންސް ނެތް މީހުންނަށް ދުއްވާނެ އުޅަނދުދޭ މީހުންގެވެސް ޒިންމާއެބައޮތެވެ. އެމީހުން އެއުލަނދު ނުދިންނަމަ އޭނާގެ ސަބަބަކުން އެހެން މީހަކަށް އަނިޔާއެއް ނުވީހެވެ. އަނިޔާއެލިބުނީ އޭނާ ދުއްވަން އުޅަނދު ދިނީތީއެވެ.
ދުވަހެއް ދުވަހަކަށް މިދަނީ ނުރައްކައުތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވަމުންނެވެ. ކޮންމެވެސް މީހެއްގެ ފަރުވާކުޑަކަމުން ކޮންމެވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިގެން ސީރިޔަސް ޙާލުގައި ނެތް ދުވަހެއް މިހާރު ނުއަންނަ ކަމަށް ބުނެވިދާނެއެވެ. ސުވާލަކީ ޤަވާއިދާއި ޚިލާފަށް ދުއްވަނިކޮށް މީހަކަށް އަނިޔާވުމުން އެކަން އިރާދަފުޅާއި އެޅުވިދާނެ ހެއްޔެވެ؟
ވެހިކަލް ދުއްވުމުގެ ޤަވާއިދުތަކަށް ފަރުވާކުޑަކޮށް ބާރު ސްޕީޑްގައި ދުއްވަނިކޮށް ނުވަތަ ނުބައިފަޅިން ދުއްވަނިކޮށް ނުވަތަ މަޑުކުރަންޖެހޭ ތަނަކަށް މަޑުނުކޮށް ދުއްވަނިކޮށް މީހެއްގެ ގައިގައި ނުވަތަ އެހެން އުޅަނދެއްގައި ޖެހުން ފަދަ ހާދިސާއެއް ހިނގައިފިނަމަ އެއީ ﷲ ތަޢާލާގެ އިރާދަފުޅުން މެދުވެރިވިކަމެއް ކަމަށް ބުނެވޭކަށް ނެތެވެ.
މިކަން ބަޔާން ކުރައްވައި ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެފައިވެއެވެ.
"އެއްވެސް ނުބައިކަމެއް ކުރުމަށްފަހު އެއީ އިރާދަކުރެއްވިގޮތް ކަމަކަށް ނުބުނެވޭނެއެވެ. އެހެނީ އެ ނުބައިކަން ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް ދެއްވަވާފައިވާތީއެވެ. އަދި އެކަން މީސްތަކުންނަށް އަންގަވާފައިވެސް ވާތީއެވެ."
"ޖެހުނީ ޤަވާއިދާއި ޚިލާފަށް ދުއްވައިގެން ކަމަށްވާނަމަ އެއީ ﷲ ތަޢާލާގެ އިރާދަފުޅުން މެދުވެރިވި ކަމެއް ކަމަށް ބުނުމަކީ ކުށް ކުރި މީހާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އަނިޔާ ލިބުނު މީހާއަށް އެކަން ވާނީ އިރާދަކުރެއްވެވި ކަމަކަށެވެ. އެހެނީ އެކަން މެދުވެރިވީ އޭނާގެ ކުށަކުން ކަމަށް ނުވާތީއެވެ! އެކަމުގައި އޭނާގެ އެއްވެސް އިޚްތިޔާރެއް ނެތުމުންނެވެ."
މިކަންކަން ބަޔާންކުރައްވައި ދެއްވި ދަރުސްގައި މިކަމުގެ ހެކިތައްވެސް ޝައިޚް އިލްޔާސް ވަނީ ދައްކަވައިފައެވެ.
"ވީމާ ތިމާއަށް ކުރުމާއި ނުކުރުމުގެ އިޚްތިޔާރު ﷲ ތަޢާލާ ދެއްވަވާފައިވާ އެއްވެސް ކަމެއް ކުރުމަށްފަހު އިރާދަފުޅާއި ހަވާލުކުރުމުގެ ހައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. އެކަމުގެ ދަލީލަކީ އެމީހާ އެ އަމަލުކުރާނެކަމަށް ﷲ ތަޢާލާ ލިޔުއްވަވާފައިވާކަން އެއްވެސް މީހަކަށް ނުއެނގޭނެތީއެވެ. ލިޔުއްވަވާފައި ވަނިކޮށް ފެނިފައި ނުވާނެތީއެވެ. ވީއިރު ތިމާ މިވެނިކަމެއް ކުރީ ﷲ ތިމާ އެކަން ކުރަން ލިޔުއްވަވާފައިވާތީ ކަމަށް ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟"
ހަމަ އެއާއިއެކު ޝައިޚް އިލްޔާސް ވަނީ ވަރަށް މުހިންމު ސުވާލެއްވެސް އުފައްދަވައިފައެވެ.
"މީހުންގެ ގައަށް ވަޅިހަރައި އަނިޔާކުރުމަށްފަހު އެއީ އިރާދަފުޅުން މެދުވެރިވި ކަމެއް ކަމަށް ބުނާ މީހުން އެބުނަނީވެސް ކަނޑައެޅިގެން ދޮގެކެވެ. އެއީ ބުނެވިގެންވާނެ ބަހެއް ނޫނެވެ. އެހެނީ އެމީހާ މިވެނި މީހެއްގެ ގައަށް ވަޅިހަރާނެކަން މިންވަރުފުޅުގައިވާކަން އޭނާއަށް އެނގުނީ ކިހިނެއްޔެވެ؟ ނުހެރުމުގެ އިޚްތިޔާރާއި ހެރުމުގެ އިޚްތިޔާރު ދެއްވެވުމުން ހެރުމުގެ އިޚްތިޔާރުގެ ބޭނުން ހިފައި ހެރީ ނޫންހެއްޔެވެ؟ އެހެން ބުނާ މީހާގެ ގައަށް ވަޅި ހެރުމުން އެއީ އިރާދަކުރެއްވި ގޮތް ކަމަށް ބުނުމުން ޤަބޫލެއް ނުކުރާނެއެވެ. ވީއިރު ވަޅި ހެރުން ފަދަ އަމަލުތައް ކުރުމަށްފަހު އިރާދަފުޅާއި ހަވާލުކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެއެވެ!"
މީހުންގެ ގައިގައި ނުވަތަ އެހެން މީހުން ދުއްވާ ވެހިކަލްތަކުގައި އަނިޔާކުރަނީ، މީހުން މަރަނީ ޤަވާއިދާއި ޚިލާފަށް ދުއްވާފައި ގޮސް ކަމަށްވުމުން އެއީ އިރާދަކުރެއްވެވި ގޮތް ކަމަށް ބުނާ މީހަކަށް އެހެން މީހަކު އެފަދަ އަނިޔާއެއް ދިނުމުން އެއީ ހަމަ އިރާދަފުޅުން ހިނގި ކަމެއް ކަމަށް ޤަބޫލުކޮށް ނިންމައިލާނެ ހެއްޔެވެ؟ އެގޮތަށް ނިންމައިލާނެ ވަރުގެ ތަޤްވާވެރިއަކު އެހެން މީހަކަށް އަނިޔާލިބޭގޮތަށް ކަންކަން ކުރާނެ ހެއްޔެވެ؟
"އެމީހެއްގެ އީމާންކަން ފުރިހަމަވާނީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން މީސްތަކުން ސަލާމަތްވެގެންވާ މީހާ" ކަމަށް ހުކުރު ޚުޠުބާތަކުގައި ވަރަށް ގިނައިން ކިޔައެވެ. ޙަދީޘްފުޅަކަށް ޙަވާލާދީއެވެ. އެހެންކަމަށްވާއިރު ބާރު ސްޕީޑުގައި ، އަދި ޤަވާއިދާއި ޚިލާފަށް ދުއްވާ މީހުންނަކީ އީމާންވެގެން ތިބި މީހުން ކަމުގައި ބުނެވޭނީ ކިހިނަކުންތޯއެވެ؟ އެހެން އެންމެން އެވަނީ އޭނާގެ ސަބަބުން ނުބައިކަމުގެތެރޭގައެވެ. އެކަމުގެ ބިރުވެރިކަމާއި ނުރައްކަލުގައެވެ. އަމާންކަމެއް ނެތިއެވެ.