ސިރާޠުމަގު ހުރަސްނުކުރެވިދާނެ ބިރަށްވުރެ ބޮޑު ބިރެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ސިރާޠުމަގު ހުރަސްނުކުރެވިދާނެ ބިރަށްވުރެ ބޮޑު ބިރެއް ނެތް!

ޤިޔާމަތް ދުވަހުގެ ކާމިޔާބީ އާއި ނާކާމިޔާބީ ގުޅިފައިވަނީ ޞިރާތުމަގު ހުރަސްކުރެވުމާއިކަމަށް ބައެއް ޢިލްމްވެރިން ވިދާޅުވެއެވެ. އެހެނީ ޞިރާޠުމަގު ހުރަސްކުރެވިއްޖެ ނަމަ އެމީހަކަށް އެވަނީ ޤިޔާމަތް ދުވަސް ކާމިޔާބުކުރެވިފައެވެ. ނުކުރެވިއްޖެނަމަ އެއޮތީ ފޭލްވެ ނަރަކައަށް ވެއްޓެންޖެހިފައެވެ.

ޞިރާޠު މަގު ހުރަސްކުރުމަކީ އެހައި ފަސޭހައިން ކުރެވޭނެ ކަމެއްކަމަށް ދެކެގެން ނުވާނެއެވެ. އެއީ ކަނޑިއެއްގެ މިޔަމަތިން ދަތުރކުރުން ފަދަ ކަމެކެވެ. އެއްބައަކު ވައިރޯޅިއެއްފަދައިން ހުރަސްކޮށްލާނެއެވެ. އަނެއްބައަކު ސވާރީގައި ހުރަސްކުރާފަދައިން ހުރަސްކުރާނެއެވެ. އަނެއް ބައަކު ވެއްޓެމުން ފުރޮޅެމުން ހުރަސްކުރާނެއެވެ.

އެއީ ކަޅުއަނދިރިކަން އިންތިހާއަށް ގަދަވެގެންވާނެ ދުވަހެވެ. ސިރާޠު މަގު ހުރަސްކުރެވޭނީ އެމީހަކަށް ދެއްވެވި އަލިކަމުގެ (ނޫރުގެ) އެހީގައެވެ. ބައެއް މީހުންނަށް ކުރެވިފައިވާ ހެޔޮކަންތައް މަދުވުމުން އަލި މަޑުވެ، ފަނޑުވެ ބައެއްފަހަރު ނިވިގެންދާތަންވެސް އަންނާނެއެވެ.

މީސްތަކުންނޭވެ! ޞިރާޠު މަގު ހުރަސްކުރުމުގެ ކަންކަމަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! އެކަމަށް ފުރިހަމައަށް ތައްޔާރުވާންޖެހޭނެއެވެ. އެކަމަށް ކުރަން އޮތްކަމަކީ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރުމެވެ. ވީހައި ގިނައިން ހެޔޮ ޢަމަލުކުރުމެވެ.

ނަރަކައަށް ނުވެއްޓި ޞިރާޠުމަގު ހުރަސްކުރެވޭ އަޅުންތެރޭގައި ހިމެނޭތޯ މަސައްކަތްކުރަންވާނެއެވެ. އެކަމަށް އެދި ދުޢާވެސް ކުރަންވާނެއެވެ. އަދި އެއީ އެންމެ މުހިންމު އެއް ދުޢާކަމުގައިވެސް ހަދަންވާނެއެވެ. އެހެނީ ޞިރާޠު މަގު ހުރަސް ނުކުރެވި ނަރަކައިން ސަލާމަތެއް ނުވެވޭނެއެވެ. ސުވަރުގެވެސް ނުވަދެވޭނެއެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން