ޞިރާތުމަގު ހުރަސްކެރެވޭނެ ސަބަބަކަށް އިސްލާމްދީނުގައި ބަޔާންވެގެންވާ ޙުކުމްތައް ބަލައިގަނެ ސުވާލުތައް ކުރިމަތިނުކުރުވުން ވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޞިރާތުމަގު ހުރަސްކެރެވޭނެ ސަބަބަކަށް އިސްލާމްދީނުގައި ބަޔާންވެގެންވާ ޙުކުމްތައް ބަލައިގަނެ ސުވާލުތައް ކުރިމަތިނުކުރުވުން ވެގެންދާނެ! އިން ޝާ ﷲ

އަހުރެމެން، އަހުރެމެންނަށްވުރެ މަތީދަރަޖައިގެ މީހުން ކުރާ ކަންކަމާއިމެދު ސުވާލުކުރަނީ އެމީހުންނަކީވެސް އިންސާނުން ކަމުގައި ވީތީއެވެ. ނިންމާ ނިންމުނަތްކާއިމެދު ސުވާލުކުރަނީ ރަނގަޅު ނޫން ނިންމުމެއް ނިންމައިފާނެތީއެވެ.

އެހެނަސް އެކަން ﷲ ތަޢާލާ އާއިމެދު މުޅިން ތަފާތެވެ. އެހެނީ ﷲ ތަޢާލާއީ ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ވީގޮތާއި ވާނޭ ގޮތްވެސް އެންމެ މޮޅަސް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމަށްވާތީއެވެ.

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުންނަ މީހަކު ﷲ ތަޢާލާ ބާވައިލެއްވެވި އެއްވެސް ޙުކުމްފުޅަކާއި ގުޅިގެން އެއްވެސް ސުވާލެއް ނުކުރާނެއެވެ. ހިތުގެއަޑިން ކޮންމެ ކަމެއްވެސް ޤަބޫލުކުރާނެއެވެ.

އެކަމަށްޓަކައި ﷲ ތަޢާލާ ޤިޔާމަތް ދުވަހު ދެއްވަވާ މަތިވެރި ދަރަޖަ ނިކަން ދެކިބަލާށެވެ! ތަޤްވާވެރިންގެ ތެރޭގައި އެމީހަކު ހިމަނުއްވަވައި ދެއްވަވާނެތެވެ! އެކަމުގެ ސަބަބުން އެމީހަކަށް ޞިރާޠުމަގު ހުރަސްކުރެވޭނެތެވެ! އިން ޝާ ﷲ

ﷲ ތަޢާލާ އެއްވެސް ކަމެއް ހުއްދަކުރެއްވެވުމުން ނުވަތަ ޙަރާމް ކުރެއްވެވުމުން އެއީ ކީއްވެގެންކަމާއިމެދު ހިތުގައި އެއްވެސް މިންވަރަކަށް ޝައްކު ނުއުފެއްދުމަކީ ޞިރާޠުމަގު ހުރަސްކުރެވޭނެ މީހުންގެ ތެރޭގައި ހިމެނޭނެ ސަބަބެކެވެ.

އެއީ ތަޤްވާވެރިންގެ ސިފައެކެވެ. ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިކަން އަދާކުރާކަމުގެ ހެއްކެކެވެ.

މުސްލިމަކަށްވެވޭނީ ފުރިހަމަގޮތުގައި އީމާންވެގެންނެވެ. ފުރިހަމަގޮތުގައި އީމާންވުމަކީ ﷲ ތަޢާލާ ކުރައްވަވާފައިވާ ހުރިހާ އަމުރުފުޅުތައް ބަލައިގަތުމެވެ. ވަކިކަމެއް ދޫނުކޮށް ކޮންމެ ކަމެއްގައިވެސް ބޯލަނބައި ކިޔަމަންތެރިކަން އަދާކުރުމެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން