އެހެން މީހުންގެ ކުށް ހޯދަން ފަހަތުން ދުވުމަށްވުރެ ގެއްލުންހުރި ކަމެއް ނުކުރެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
އެހެން މީހުންގެ ކުށް ހޯދަން ފަހަތުން ދުވުމަށްވުރެ ގެއްލުންހުރި ކަމެއް ނުކުރެވޭނެ!

އަހުރެމެންގެ ޙަޔާތުގައި ދިމާވާނެ ކަންކަން ކުރިއާލައި ﷲ ތަޢާލާ މިވަނީ އަންގަވައި ދެއްވަވައިފައެވެ. އެއިގެ ތެރޭގައި ދުނިޔޭގެ ޙަޔާތް ނިމި ދުނިޔެއިން ނުކުންނަން ޖެހޭނެ ޙާލަތުވެސް އެބަ އެނގެއެވެ. ނުއެނގެނީ ހަމައެކަނި ތިމާ ހިމެނޭނެ ފަޅިއެވެ. އަދި ދުނިޔެއިން ނުކުންނަން ޖެހޭނެ ވަޤުތެވެ. ސިއްރުކުރައްވަވާފައިވަނީ ހަމައެކަނި އެ 2 ކަމެވެ.

ކާފިރުންނަށް އެންމެ ބޮޑު މާޔޫސްކަމެއް ލިބިގެންދާނީ އޭނާގެ ފުރާނަ ހިއްޕަވާ ވަގުތުގައެވެ. އީމާންވެ ހެޔޮ ޢަމަލުތައް ކުރަން އިތުރު ފުރުޞަތަކަށް އެދި ދަންނަވާނެއެވެ. ﷲ ތަޢާލާ އެންގެވި ގޮތަށް ދުނިޔޭގެ ޙަޔާތް ވޭތިނުކޮށް ދުނިޔޭގެ ދިރިއުޅުމަށް ޣާފިލުވީ މީހުންވެސް ހަމައެފަދައިން އެދޭނެތެވެ.

އެމީހުންނަށް ﷲ ތަޢާލާ ޖަވާބު ދެއްވަވާނެތެވެ. "ހިނދުކޮޅަކަށްވެސް އެމީހާގެ މަރު ހިއްޕެވުން ލަސް ނުކުރައްވަވާނެ" ކަމުގެ ޖަވާބެވެ.

މިޙާލަތުން ސަލާމަތްވެވޭނެ އޮތީ ހަމައެންމެ ގޮތެކެވެ. އެއީ ކޮންމެ ވަގުތަކުވެސް ތިމާ މަރުވެދާނެކަމަށް ބަލައި މަރުވުމަށް ތައްޔާރުވެގެން ހުރުމެވެ. ހަނދާނުގައި ބަހައްޓަންވީ މި ޙަދީޘްފުޅެވެ. އެއީ ޤިޔާމަތްވާނީ ކޮން އިރަކުންތޯ ސުވާލު ދެންނެވުމުން ޙަދީޘްފުޅު ކުރެއްވެވި ސުވާލެވެ. "ތިބާ މަރުވާނެ ވަގުތަށްޓަކައި ތިބާ ކުޅައީ ކޮންކަމެއް ހެއްޔެވެ؟"

މީސްތަކުންނޭވެ! އެހެން މީހުންގެ ފަހަތުން ދުވުމަށާއި އެހެން މީހުންގެ ރުހުން ހޯދަން ވަގުތުތައް ބޭކާރުނުކުރާށެވެ! އަދި ކީއްހެއްޔެވެ؟ އެހެން މީހުންގެ ކުށް ހޯދަން އެމީހުންގެ ފަހަތުން ދުވުމަށްވުރެ ގެއްލުންހުރި ކަމެއް ހަމައެކަކަށްވެސް ނުކުރެވޭނެއެވެ.

އެކަންކަމަށް ވަޤުތު ހޭދަނުކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރާށެވެ! ކޮންމެ ވަގުތަކުވެސް މަރުވެދާނެކަމަށްބަލައި އެކަމަށް ތައްޔާރުވާން މަސައްކަތްކުރާށެވެ! މަރުގެ މަލާއިކަތާ މަރުހިއްޕަވަން ވަޑައިގަތުމުން އުފާވެރިކަމާއިއެކު މަރުޙަބާ ކިޔޭނެ މީހަކަށްވެވޭނީ އެއިރުންނެވެ.

ދުނިޔެއިން ނުކުމެގެން ގޮސް ނަރަކައިގެ ވަޅުގަނޑަކަށް ނުވެއްޓި ސުވަރުގޭގެ ބަގީޗާއަށް ވަދެވޭނީ އެއިރުންނެވެ. މިބުނަނީ ތިމާގެ ކައްވަޅަކީ ނަރަކައިގެ ވަޅުގަނޑަކަށް ނުވެ ސުވަރުގޭގެ ބަގީޗާއަކަށްވުމުގެ ވާހަކައެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން