މިހެން ބުނާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ޙަޤީޤަތާއި ކުރިމަތިނުލައިވެސް ވާކަށް ނެތެވެ. ސީދާ މަގު ހޯދަން މަސައްކަތްކުރެވެން އޮތީ މިފަދަ ވާހަކަތައް ދައްކައިގެން ކަމަށްވާތީއެވެ.
މިހާރަކަށް އައިސް ބައެއް މީހުންނަށް ބެލެނީ އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ. އެއީ އެފާފަ ނުކުރަން ބޭނުންވާތީކަމަށްވެދާނެއެވެ. އަދި އެނޫން ފާފަތައް ކުރަން ޖެހިލުން ނުވާތީކަމަށްވެސްވެދާނެއެވެ.
ތަޤްވާވެރިއަކު ނަމަ މަސައްކަތްކުރަންވީ އެއްވެސް ފާފައެއް ނުކުރުމަށެވެ. އެފާފައިގެ ބޮޑުކުޑަމިނަށް ބެލުމެއް ނެތިއެވެ. މީޒާނުގައި ތިމާގެ ޢަމަލުތައް ކިރައިލެވޭއިރު ފާފައިގެކޮޅަށް ބަރުވެދާނެ އެއްވެސް ޢަމަލެއް ނުކުރުމަށެވެ. ތަޤްވާވެރިވުމަކީ އެއީއެވެ. ﷲ ތަޢާލާއަށް ބިރުވެތިވުމަކީ ވެސް އެއީއެވެ.
ދެން ބަލައިލަންވީ އެންމެ ބޮޑު ފާފައަކީ ކޮބައިތޯއެވެ. އެންމެ ބޮޑުފާފައަކީ (ޝިރުކުކުރުން ފިޔަވައި) ތިމާއަށް ކުރެވުނު ފާފަ ނުފުއްސަވައިފާނެ ކަމަށް ޤަބޫލުކުރުންކަން އެނގެން އެބައޮތެވެ. އެހެނީ ކުރެވުނު ފާފަ ނުފުއްސަވައިފާނެ ކަމަށް ނުވަތަ ނުފުއްސަވާނެކަމަށް ޤަބޫލުކުރުމުން އެކުރެވޭ ކަމަކީ ﷲ ތަޢާލާގެ އެންމެގެވުމަކާއި ކަނޑައެޅިގެން ދެކޮޅުހެދުން ކަމުގައިވާތީއެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް އެމީހަކު އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެނަމަ އޭނާގެ ފާފަތައް ފުއްސަވައިދެއްވަވާނެ ކަމަށެވެ. ވީމާ އެކަމަށް ޝައްކުކުރުމެއް ނެތެވެ.
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފުސްތަކުގެމައްޗަށް ފާފައިން އިސްރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރު: 53)
އެންމެ ބޮޑު ފާފަ އިން ސަލާމަތްވެހުރެ ކުރެވޭ ފާފަތަކަށް ތައުބާވަމުންގެންދާ މީހާ ދިންނަވާނެތެވެ! އެކަމަށް މިއާޔަތުން ޔަޤީންކަން ލިބިގެންދެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން