ޤިޔާމަތް ދުވަހު ސުވަރުގެ ނުވަދެވިގެން އެންމެ ބާރަށް ރޮއި ކަރުނައަޅާނެ އެއްބައަކީ އަނބިދަރިންނަށާ މައިންބަފައިން ހިމެނޭހެން ޢާއިލާއަށް އެހީތެރިވެނުދެވުނު މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ޤިޔާމަތް ދުވަހު ސުވަރުގެ ނުވަދެވިގެން އެންމެ ބާރަށް ރޮއި ކަރުނައަޅާނެ އެއްބައަކީ އަނބިދަރިންނަށާ މައިންބަފައިން ހިމެނޭހެން ޢާއިލާއަށް އެހީތެރިވެނުދެވުނު މީހުން!

ރައްޓެސަކު ދަތުރެއްނިންމާފައި އަންނަމުން ހަދިޔާއެއް ގެނެސްދިންކަން އެނގޭނަމަ ކުރަން ހުންނަ ކަންކަން ބަހައްޓާފައިވެސް އެހަދިޔާ ބަލައިދަމުއެވެ. އެކަމަކު އަހުރެމެން ކުރަމުން މިދާ ދުނިޔޭގެ ދަތުރު ނިމުމުން ﷲ ތަޢާލާ ދެއްވަވާ މުޅިދުނިޔެއާއި ދުނިޔޭގައި ވާހައިއެއްޗަކަށްވުރެ އަގުހުރި އިނާމު ލިބިގަތުމަށް އެބަ މަސައްކަތްކުރެވޭ ހެއްޔެވެ؟ މިދައްކަނީ ސުވަރުގެ ހޯދަން މަސައްކަތްކުރުމުގެ މަސައްކަތްކުރުމުގެ ވާހަކައެވެ.

ކޮންމެ މީހަކުވެސް ދުނިޔެއަށް އުފަންވަނީވެސް، މަރުވެ ކައްވަޅުގައި އޮންނަން ޖެހޭނީވެސް، އަދި ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓި ހުންނަން ޖެހޭނީވެސް އެކަނިމާއެކަންޏެވެ! ބިރުވެތިވެ ތައްޔާރުވާންވީ އެ ވަޤުތުތަކަށެވެ! އަޅުކަމެއްކޮށް ޘަވާބު ހޯދަން ލިބޭ އެންމެ ފުރުޞަތެއްވެސް ނަގާނުލައި ބޭނުންހިފަން މަސައްކަތްކުރަންވީ އެހެންވެގެންނެވެ.

އިންސާނުންނަށް ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢްމަތަކީ އެމީހަކާއިއެކު ދާއިމަށް ދެމިހުންނާނެ ނިޢްމަތެއް ނޫނެވެ. ކޮންމެވެސް ހިސާބަކުން ތިމައާއި ވަކިވާނެއެވެ. ޞިއްހަތުކަމުގައިވީނަމަވެސް، ތަނަވަސްކަން ކަމުގައިވީނަމަވެސް، މަތީ މަޤާމާއި އާރާއި ބާރު އަދި އަނބިދަރިން ކަމުގައިވީ ނަމަވެސްމެއެވެ.

ވީމާ ކޮންމެ ނިޢްމަތެއްވެސް ތިމާ އާއިއެކުގައިވާ ހިނދުކޮޅުގައި އެ ނިޢްމަތުގެ ސަބަބުން ތިމާއަށް ސުވަރުގެ ލިބިގެންދާނެ ގޮތުގައި ބޭނުންހިފާށެވެ. ނިޢްމަތް ވަކިވެދިއުމުން އެކަމުގެ ހިތާމަ ކުރަން ނުޖެހޭނީ އެއިރުންނެވެ.

ނިޢްމަތްތަކުގެ ތެރެއިން މީސްތަކުންނަށް އެންމެ ބޮޑަށް ޣާފިލުވެވެނީ އަނބިދަރިންނަށާއި މައިންބަފައިންނަށް އަދި ޢާއިލާގެ މީހުންނަށް ޚިދުމަތްކުރަން ލިބޭ ފުރުޞަތާއިމެދުގައެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތައިގެން ސުވަރުގެ ލިބިގަތުމަށް ލިބޭ ފުރުޞަތުގެ ބޭނުން ހިފެނީވެސް މަދު މީހަކަށެވެ. ފަހުން އަޅާލައި ހެޔޮކޮށް ހިތަން ހުއްޓައި އެމީހުން އެބަ ދުނިޔެ ދޫކުރެއެވެ.

ދަރިންނަށް އަޅާލައި ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން ފަސްޖެހިގެން ހުއްޓައި އެކުދިންނަށް ރަނގަޅު ތަރުބިއްޔަތު ނުލިބި އެބަ ބޮޑެތިވެއެވެ. ﷲ ތަޢާލާއަށް ބިރުވެތި ނުވާ ބައެއްގެ ގޮތުގައި އެބަ ބޮޑެތިވެއެވެ. އަނބިމީހާއަށް ހެޔޮކޮށްހިތައިގެން ސުވަރުގެ ލިބެން އޮތް ފުރުޞަތު އެބަ ނަގައިލެވެއެވެ. އަދި ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްގެން ސުވަރުގެ ވަނުމަށް ލިބޭ ފުރުޞަތުވެސް އެބަ ނަގައިލެވެއެވެ.

ވީމާ ތިމާއަށް ﷲ ދެއްވަވާ ކޮންމެ ނިޢްމަތަކީވެސް ސުވަރުގެ ވަނުމަށް ދެއްވަވާ ފުރުޞަތެއްކަން ޤަބޫލުކޮށް ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ. ފުރުޞަތަކީ އެހައިގިނައިން ލިބޭނެ އެއްޗެއް ނޫނެވެ. ކޮންމެ ފުރުޞަތެއްވެސް މިލިބެނީ ވަރަށް ކުރު މުއްދަތަކަށެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން