މަރާއިމެދު ވިސްނާ މީހުންނަށް ޚާއްޞަ: ކަންކަން ކުރާނެ ވަޤުތު ނުލިބިގެން އުޅެންޖެހުމާ ކުއްލި މަރުތައް ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
މަރާއިމެދު ވިސްނާ މީހުންނަށް ޚާއްޞަ: ކަންކަން ކުރާނެ ވަޤުތު ނުލިބިގެން އުޅެންޖެހުމާ ކުއްލި މަރުތައް ގިނަވުމަކީ ފަހުޒަމާނުގެ ޢަލާމާތެއް!

ރޭގަނޑު ހިތްފުރެންދެން ފާފަކޮށް އެކަމުގެ ހިތްހަމަޖެހުމުގައި ނިދާ މީހުންގެ ތެރެއިން ހެނދުނު ދުނިޔެއަށް ނުހޭލެވޭ މީހުން މަދީހެއްޔެވެ؟ އަނެއްރޭވެސް ފާފަކުރަން ތައްޔާރުވަމުން ދަނިކޮށް އަނެއްރެއާއި ބައްދަލުނުވެ މަރުވާ މީހުން މަދީހެއްޔެވެ؟ މިވަނީ ކިހިނެއްކަމާއި އެލިބެނީ ކިހައި ބޮޑު ދެރައެއްކަމާއިމެދު އެބަ ވިސްނައިލެވޭ ހެއްޔެވެ؟

އިރު އެރުމާއި އިރު އޮއްސުމާއި ދެމެދުގައިވާ ވަގުތު މަދުވެގެން، ކުރަންހުރި ކަންކަން ނުނިންމިގެން މީހުން ތެޅިފޮޅޭ ޙާލަތުގައި ނޫނީ ޤިޔާމަތް ނުވާނެކަން އެނގެން އެބައޮތެވެ. މިއަދު މީސްތަކުން ތެޅިފޮޅެމުން މިދަނީ އެގޮތަކަށް ނޫން ހެއްޔެވެ؟

މިފަދަ ހުރިހާ ކަންކަން ކޮންމެ ދުވަހަކު ލޯމައްޗަށް ފެންނަމުންދާއިރު ތިމާއަކީ އުމުރުން ގިނަ ދުވަސްތަކެއްވަންދެން ނުވަތަ ދުވަސްވެ މުސްކުޅިވަންދެން ދުނިޔޭގައި ހުރެދާނެ މީހެއްކަމަށް ބަލައި އުމުރުން ދުވަސްވުމުން ގިނައިން އަޅުކަންކުރަން ހުރެގެން އާޚިރަތް ކާމިޔާބުކުރެވިދާނެ ހެއްޔެވެ؟

މީސްތަކުންނޭވެ! ދުނިޔެ ލިބިގަންނަންވެސް މަސައްކަތްކުރާށެވެ! ނަމަވެސް މަރުވެދާނެ ވަގުތަކަށް ބިރުވެތިވެ އެކަމަށް އިސްކަންދޭށެވެ! ކިތަންމެ ވަރަކަށް ދުނިޔެއާއިގެން ތެޅި ފޮޅުނު ނަމަވެސް ދުނިޔޭގައި ހުރެވޭނީ ހަމަ ކުޑަ ވަގުތުކޮޅަކަށެވެ. މަރުވަންދެންނެވެ. އެހިސާބުން އެމީހަކަށް ޤިޔާމަތްވީއެވެ.

ކަންކަންވެ ނިމެމުން މިދަނީ ކިހައި އަވަހަށް ހެއްޔެވެ؟ އަހަރެއް ފެށި އަހަރެއް ނިމިގެން މިދަނީ ކިހައި އަވަހަކަށްހެއްޔެވެ؟ މަހެއް ފެށި މަހެއް ނިމިގެންދަނީ ކިހައި އަވަހަކަށްހެއްޔެވެ؟ ހަފްތާއެއް ފެށި ހަފްތާ ނިމިގެންދަނީ ކިހައި އަވަހަކަށްހެއްޔެވެ؟ ދުވަސް ފެށި ދުވަސް ނިމިގެންދަނީ ކިހައި އަވަހަކަށްހެއްޔެވެ؟

ދެން އޮތީ އެންމެ މުހިންމު ސުވާލެވެ! އެއީ ދުނިޔެއަށް އުފަންވެ އުމުރުގެ ދުވަސްތައް ފާއިތުވެ ދުނިޔެ ދޫކުރަމުން މިދަނީ ކިހައި އަވަހަކަށް ހެއްޔެވެ؟ މީސްތަކުންނޭވެ! ވިސްނައިލަންވީ މިކަމަށެވެ! ގިނަ ބައަކު ކޮންމެވެސް ސަބަބެއް މެދުވެރިވެ ދުނިޔެ ދޫކުރަމުން އެދަނީ ހަމަ ކުއްލިއަކަށެވެ. ކުއްލި މަރުތައް ގިނަވެއްޖެއެވެ. އެއީ ވެސް ފަހުޒަމާނުގެ ޢަލާމާތެކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން