އަންހެން ދަރިން ކައިވެނިކުރަން ބޭނުންވާ މީހާގެ ފަޤީރުކަމަށް ބަލައި ކައިވެނިކުރިއަ ނުދިނުމުގެ ނުބައި އާދަ މުޖުތަމަޢުތަކުގައި މިހާރުވެސް އެބައޮތެވެ. އެހެންވެ ރާއްޖޭގައިވެސް އެބައޮތެވެ.
ދަރިފުޅުގެ ކައިވެންޏަށް ހުރަސް އަޅަނީ ހަމައެކަނި އޭނާގެ ކިބައިގައި ހުރި ފަޤީރުކަމަށް ބަލައިގެން ކަމަށްވާނަމަ އެހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ދީންވެރިކަމަށާއި އަޚްލާޤަށް ބަލައިގެންކަމަށްވާނަމަ އެއީ މުޅިން ތަފާތު މައްސަލައެކެވެ.
ތިރީގައިވާ ލިޔުމުން މައްސަލައާއި ގުޅުންހުރި ވަރަށް ގިނަ ކަންކަން އެނގިގެންދާނެއެވެ. އިން ޝާ ﷲ
ދެމީހަކު ގުޅި ކައިވެނިކުރަން ބޭނުންވެއްޖެ ނަމަ އެކައިވެނި ފަސްކުރުމުން ފާފަވެރިވާނެއެވެ. އަހަރެން އެކަން ކަނޑައަޅާނީ ޙަރާމްކަމެއްގެ ގޮތުގައެވެ. އެއީ ކައިވެނިކުރުން ލަސްކުރުމުން ޙަރާމް ކަންކަން ކުރަން މަގުފަހިވެގެންދާތީއެވެ. ޙަރާމްކަންކަން ކުރާތީއެވެ. މިފަދަ ސަބަބުތަކަށްޓަކައި ލޯބިވެގެން ނުވަތަ އެންގޭޖްވެގެން ދެމީހަކު ކައިވެނިނުކޮށް ތިބުމަކީ އިސްލާމް ދީނުގައި ކަނޑައެޅިގެން މަނާކުރެވިގެންވާ ކަމެކެވެ.
ހިތާމައަކީ އެންގޭޖްވެގެން ނުވަތަ ލޯބިވެގެން ކައިވެނިނުކޮށް 3، 4 އަހަރު ހޭދަކުރާކަމެވެ. މިހެން ތިއްބައި ބަލިވެ އިނުމުން ކުއްލިއަކަށް އެބަ ކައިވެނިކުރެއެވެ. އެގޮތަށް ކައިވެނިކުރުމުން އެކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށްވެސް ނުވާނެއެވެ.
މިޒަމާނުގައި މިކަން އޮތްގޮތަށް ބަލާއިރު ކައިވެނިކޮށްގެން ފިރިމީހާގެ ގޭގައި ނުވަތަ އަނބިމީހާގެ ގޭގައި އެކުގައި ދިރިއުޅެވެން ނެތްނަމަ ދެމީހުން ދެގޭގައި އުޅެން ނަމަވެސް ކައިވެނިކުރާށެވެ. ކިޔަވައި ނިމެންދެން މައިންބަފައިންނަކާއިއެކު ދިރިއުޅެން ބޭނުންވާ ނަމަވެސް އަދި އެގޮތް މައިންބަފައިން ބޭނުންވާނަމަވެސް ކައިވެނިކުރާށެވެ. ކިޔަވައި ނިމެންދެން ދެމީހުން މައިންބަފައިންގެ ގޭގައި އުޅުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ކުރެވޭ ފާފައެވެ.
ލޮބުވެތި މައިންބަފައިންނޭވެ! ނަމާދުވަގުތު ޖެހުމުން ނަމާދުކުރުން ފަސްކުރުމެއ ނެތެވެ. މީހަކު މަރުވުމުން ވަޅުލުން ފަސްކުރުމެއްވެސް ނެތެވެ. ހަމަ އެފަދައިން ދެމީހަކު ގުޅިއްޖެނަމަ ކައިވެނިކޮށްނުދީ ފަސްކުރުމެއްވެސް ނެތެވެ. ތިމާގެ ސަބަބުން ކައިވެނި ނުކުރެވި ލަސްވާނަމަ އެގޮތަށް ތިބެ ދަރިން ކުރާފާފައިން މައިންބަފައިންނަށް ބައި އެޅޭނެއެވެ. އެކަމުގެ ޒިންމާ އުފުލަން ޖެހޭނެއެވެ.
ތަޢްލީމް ޙާޞިލުނުކުރަން ބުނަނީއެއް ނޫނެވެ. ނަަމވެސް ތަޖުރިބާއިން އެނގެނީ އެއްވެސް ޑިގްރީއެއް ނެތި ކައިވެނިކުރުމުންވެސް ހަމަ އެންމެ އުފަލުގައި ދިރިއުޅެވޭކަމެވެ. ޑިގްރީއެއް ނެތް ފިރިން އެމީހުންގެ އަނބިން އެމީހުންގެ ކޮނޑުގައި އުފުލައެވެ. މިކަން ޑިގްރީ އޮންނަ ފިރިން ކުރާ މިންވަރާއިމެދު އެއްޗެއް ބުނާކަށް ނެތީމެވެ. ވީމާ ޑިގްރީއެއްގެ އުންމީދުގައި ދަރިން ކައިވެނި ނުކުރުވައި ބައިތިއްބަން ހެޔޮނުވާނެއެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިބާ ކައިވެނިކުރީ ތިބާގެ އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތިއެވެ. ތަނަވަސްކަން ލިބުނީ 20، 30 އަހަރު ފަހުންނެވެ. ނަމަވެސް ތިބާގެ ދަރިން ކައިވެނިކުރަން ބޭނުންވުމުން ފިރިމީހާގެ ތަނަވަސްކަން ނެތުމުން އެބަ ކައިވެނިކޮށްދޭން ދެކޮޅު ހަދަމުއެވެ. ތިބާ ފަދައިން ދަރިފުޅަށް ކައިވެނިކޮށް ތަނަވަސްކަން ހޯދައިދޭން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ! ތަނަވަސްކަންހުރި މީހަކާއި ކައިވެނިކުރުވާތާ ދުވަސްކޮޅަކުން ފަޤީރުވީ ކިތައް ފިރިންހެއްޔެވެ؟ ދެމަފިރިން ﷲ ތަޢާލާ އަންގަވާފައި ގޮތަށް ދިރިއުޅެމުން ގެންދާނަމަ ﷲ ތަޢާލާ ރިޒްޤާއި ތަނަވަސްކަން ދެއްވަވާނެތެވެ! އެއީ އެކަލާނގެ ވަޙީބަސްފުޅެވެ. ބަލަންވީ ހަމައެކަނި ދީންވެރިކަމަށާއި ދީނަށް ޢަމަލުކުރާ މީންވަރަށެވެ. އަޚްލާޤަށެވެ. އެއިރުން ދެންހުރި ކަންކަން ﷲ ތަޢާލާ ފުރިހަމަކުރައްވަވައި ދެއްވަވާނެތެވެ!
--މުފްތީ މެންކުގެ ދަރުސަކުން