އޮފީހުގައި 60 ވަރަކަށް މުވައްޒިފުން މަސައްކަތްކުރެއެވެ. މެންދުރުނަމާދާއި ޢަޞްރުނަމާދުގެ ވަޤުތުގައި އުޅެންޖެހެނީ އޮފީހުގައެވެ. ގެއަށްދެވެނީ އިރުއޮއްސެން ދާދިގާތްވާފަހުން ނުވަތަ އިރުއޮއްސޭފަހުންނެވެ.
އޮފީހުގައި އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ނަމާދުކުރެވެން ހުރެއެވެ. އެކަމަކު ނަމާދުކުރަނީ ވަރަށް މަދު މީހެކެވެ. ބުނަން ލަދުވެސް ގަނެއެވެ. ޖުމުލަ 10 މީހުންވެސް ނަމާދެއް ނުކުރެއެވެ. އަދި ބައެއް މީހުންނަކީ ނަމާދުކުރަން ބުނިނަމަވެސް އެއީ ކުރަން ޖެހޭ ކަމެއް ނޫންކަން ބަހާ ޢަމަލުން ދައްކާ މީހުންނެވެ.
އަޅުގަނޑުގެ ސުވާލަކީ ނަމާދުނުކުރާ މީހުންނަކީ އެކުވެރިންކަމުގަ ހަދައިގެން އެކުގަ އުޅުން ހުއްދަވާނެތޯ؟
ކިޔުންތެރިޔާ ތިއަކުރެއްވި ސުވާލު އެކި ޢިބާރާތުން ކިޔންތެރިން ކުރައްވައެވެ. ތިއައީ ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން ދަންނަވާލަން އޮތީ ތިރީގައިވާ ސުވާލާއި ޖަވާބުވެސް ވިދާޅުވެލެއްވުމަށެވެ!
އަޅުގަނޑަކީ އެކުވެރިން މަދުމީހެކެވެ. ތިބި މަދު އެކުވެރިންގެ ތެރޭގައިވެސް ވަރަށް ނުރައްކާތެރި މީހަކު އެބަހިމެނެއެވެ. އާދޭސްކޮށްކޮށްވެސް ނަމާދެއް ނުކުރެއެވެ. ދޭތެރެއަކުން ދައްކަން ފަށާ ވާހަކައިން ދޭހަވަނީ ނަމާދު ނުވެސް ކުރާނެ ކަމަށެވެ. ﷲ ތަޢާލާ އާއި ބެހޭ ގޮތުންވެސް ބިރުގަންނަވަރުގެ ވާހަކަ ދައްކައެވެ. އެކަމަކު އެއީ ވަރަށް ހެޔޮ އެކުވެރިއެކެވެ.
އަޅުގަނޑުގެ ސުވާލަކީ އޭނާއާއިއެކުގައި އުޅުމަކީ ބުއްދިވެރި ކަމަކަށްވާނެތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އޭނާގެ ހެޔޮކަމަށްވުރެ ބޮޑަށް އިސްކަންދޭންޖެހޭނީ ދީނަށް ކަމަށެވެ. ނަމާދުކުރަން އިންކާރުކުރާ މީހަކާ ކައިވެނިކޮށްގެންއުޅުންވެސް ހުއްދައެއް ނޫނެވެ. އެއީ އެކަމުގެ ސަބަބުން ތިމާއަށް ލިބިދާނެ ގެއްލުން މާބޮޑުވާނެތީއެވެ.
ކޮންމެއަކަސް ތިއަ ބުނަނީ އެންމެ ނުރައްކައުތެރި ވަބާގެ ވާހަކައެވެ. ސަލާމަތްވެ ހުންނަން އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަންތަކުގެ ވާހަކައެވެ. ސަބަބަކީ ތިމާގެ ޢަޤީދާ ސަލާމަތްކުރުމަށްވުރެ މުހިންމު އެއްވެސް ކަމެއް ނުއޮންނާނެތީއެވެ. އަދި ސުވަރުގެ ލިބެން އޮތީ ނަމާދުކޮށްގެން ކަމަށްވާތީއެވެ.
ނަމާދުނުކުރާ މީހަކާއި އެކުވެރިކަން ބޭއްވުމަކީ ތިމާއަށްވެސް އެކަމުގެ އަސަރުކުރާނެ ކަމެކެވެ. މީހެއްގެ ޙަޤީޤަތް ބަލަން ބޭނުންވާނަމަ އޭނާ ގުޅިގެން އުޅޭ އެކުވެރިންނަށް ބަލަން އޮންނަ ބަސްފުޅުން މިކަމަށް ދަލީލު ލިބިގެންދާނެއެވެ. ނަމާދުކުރަން އިންކާރުކުރާ މީހާގެ ކުށް މާބޮޑެވެ. އޭނާ އެހުރީ ދީނުން ބޭރުވެގެންނެވެ. ވީމާ އެފަދަ މީހަކާ އެއްވެސް ގުޅުމެއް ބާއްވަންވާނީ އެކަމަށް ވިސްނައި ސަމާލުކަންދީގެންނެވެ. އިސްލާމް ދީން ޤަބޫލުނުކުރާ މީހުންނާ ގުޅުން ބާއްވާ ގޮތަށެވެ.
ހެޔޮކަމާ އެހީތެރިކަމުން ފައިދާކުރާނީ ހަމައެކަނި ދުނިޔޭގައެވެ. އާޚިރަތް ލިބެން އޮތީ ނަމާދުކޮށްގެންނެވެ. ވީމާ އެންމެ މުހިންމީ ތަޤްވާވެރިކަމެވެ. ނަމާދުކުރުމެވެ. އެކަމަށް ހުރަސް އެޅިދާނެ ކޮންމެ ކަމަކަށްވެސް ސަމާލުވާންވާނެއެވެ.
- ޖަވާބުގެ މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން