ދެއަންތބަށް ކުރާ ގިނަ ކައިވެނިތަކުގަ މައްސަލަ ޖެހެނީ ކުރިއަށް ފުރިހަމަކުރަންޖެހޭ ފުރަތަމަ ކަންތައް ފުރިހަމަނުކޮށް ކައިވެނިކުރާތީ!: ދިރާސާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 38ސ
ދެއަންތބަށް ކުރާ ގިނަ ކައިވެނިތަކުގަ މައްސަލަ ޖެހެނީ ކުރިއަށް ފުރިހަމަކުރަންޖެހޭ ފުރަތަމަ ކަންތައް ފުރިހަމަނުކޮށް ކައިވެނިކުރާތީ!: ދިރާސާ

އަހުރެންގެ ވާހަކަ ފަށާނީވެސް މިޘާލަކުންނެވެ. އެއްދުވަހަކު އަންހެނަކު ގުޅާފައި އޭނާގެ އަނބިމީހާގެ ގާތުގައި ބުނީ އޭނާގެ ފިރިމީހާ އާއި ދެއަންތބަށް ކައިވެނިކުރަން އުޅޭކަމަށާއި އެހެންވެ ބައެއް ކަންކަން ޔަޤީންކޮށްލަން ބޭނުންވާ ކަމަށެވެ. އަނބިމީހާ ބުނީ ވާހަކަ ދައްކާލަން ހަވީރު އެގެއަށް ދިއުމުން މަރުޙަބާ ކިޔާނެ ކަމަށެވެ.  

އޭނާ ހަވީރު ދިއައިރު އެމީހާ ގޭގައި އުޅެއެވެ. ފެނުމުން ދިއައީ ބިރުން ސިއްސައިގެންނެވެ. ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އަނބިމީހާ އޭނާއަށް މަރުޙަބާ ކިޔައި ގެއަށް ވެއްދިއެވެ. މެހްމާންދާރީ އަދާކުރިއެވެ. އަދި ފިރިމީހާ އަށް ބުންޏެވެ. "ތިބާގެ އުފަލަށް އިތުރު 3 އަނބިން ހޯދުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް އަހުރެންގެ އޮތް ކަންބޮޑުވުން ބުނެލާނަމެވެ. ގޭކުލި ނުދެއްކޭތާ 3 މަސްވަނީއެވެ. ކަރަންޓް ބިލްތަކާ ފެންބިލްތައް އެހުރީ ނުދެއްކިއެވެ. ޓިޔުޝަނަށްދާ އެންމެ ދަރިފުޅުގެ މިމަހުގެ ފީވެސް ދައްކައިދިނީ އަހުރެންގެ ބޭބެއެވެ. އެހެންވީމާ ތިއަ ކައިވެނި ތިއަކުރަނީ ލިބޭ އާމްދަނީ އިތުރު ގޮތްތަކެއް ފެނިގެން ހެއްޔެވެ؟ ނޫނީ އަހުރެންނާއި 2 ދަރިން މަގުމަތިކޮށްލާފައި އުފަލުގައި އުޅެން ހެއްޔެވެ؟"  

އެހިސާބަށް ބުނާއިރަށް އަންހެން މީހާ ތެދުވެ ނުކުންނަން އުޅުމުން ހުއްޓުވައި ކަޅުސައިތަށްޓެއްވެސް ދިނެވެ. ދެއަންހެނުންގެ މެދުގައި އިތުރު ވާހަކައެއް ނުދައްކައެވެ. ފިރިމީހާ އިސްދަށަށް ޖަހައިގެން ހުރެ ގޮސްވަނީ ކޮޓަރިއަށެވެ. ނުކުންނަމުން އަންހެން މީހާ ބުންޏެވެ. "ކިޔާކަށް ނެތީމެވެ. ތުިއަހައި ގިނަ ބޮޑެތި ދޮގު ހެދި ފިރިހެނަކާ އަދި ބައްދަލެއް ނުވެއެވެ. ތިއަ މީހާއާ ދެން އަނގައިންވެސް ނުބުނާނަމެވެ. ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.  

ދެން އަޑުއަހާށެވެ! ދެއަންތބަށް ކައިވެނިކުރުމަކީ ރަނގަޅު ނިޔަތުގައި ރަނގަޅު ގޮތުގައި ކުރެވިއްޖެނަމަ އެއްވެސް މައްސަލައެއް ނޫނެވެ. އެއް އަންތބަށް ކައިވެނިކޮށްގެން އުޅެން މެދުވެރިވާ ގޮތަށްވުރެ އުފާވެރިކަމުގައި ދިރިއުޅެވޭ ސަބަބަކަށްވެސް ވެފައި އެބަހުއްޓެވެ. އެހެނަސް ދެ އަންތބަށް ކައިވެނިކުރާ ގިނަ އަންހެނުންނަށް ލިބނީ އުފާވެރިކަންކަމަށް ބުނެވޭކަށް ނެތެވެ.  

ދިރާސާތަކުން ދައްކާ ގޮތުން އެގޮތަށް އެކަންތައް މެދުވެރިވަނީ ދެއަނތބަށް ކައިވެނިކުރާއިރު އެންމެ ފުރަތަމަ ފުރިހަމަކުރަންޖެހޭ މަރުޙަލާ ފުރިހަމަނުކޮށް ކައިވެނިކުރާތީއެވެ. އެއީ އެމީހެއްގެ ޢާއިލާ އާއި ބައްދަލުކޮށް އޭނާގެ މަޢުލޫމާތު އޮޅުންފިލުވުމެވެ. ހަޤީޤަތަށް ބަލައިފިނަމަ މިއީ މީހަކު ދެކެ ލޯބިވުމުގެކުރިންވެސް، އަލަށް ކައިވެނިކުރިނަމަވެސް ކޮންމެހެންވެސް ފުރިހަމަކުރަންޖެހޭ އެންމެ ފުރަތަމަ ކަންތަކެވެ.  

މީހުންގެ ޙަޤީޤަތް އޮޅުފިލުވަން ބޭނުންނަމަ ފުރަތަމަވެސް ސުވާލުކުރަން އޮތީ އެމީހެއްގެ ބައިވެރިޔާ، އަދި ޢާއިލާގެ މީހުންނަށެވެ. އެހެނީ ކޮންމެ މީހެއްގެ ޙަޤީޤަތްވެސް އެންމެ ރަނގަޅަށް އެނގޭނެ ބައަކީ އެއީއެވެ.  

ބައެއް މީހުން ގެއިން ބޭރުގައި އުޅޭއިރު ފެންނަގޮތާ ގެއަށް ވަނުމުންފެންނަގޮތާ ވަރަށް ބޮޑަށް ތަފާތުވެގެންދެއެވެ. އެއީ މުޅިން ތަފާތު ދެމީހެއްކަމުގައި ޤަބޫލުކުރަންޖެހޭ ވަޤުތުތައްވެސް މަދެއް ނުވާނެއެވެ.  

ބޭރުތެރޭގައި އުޅޭއިރު މީހަކު އައިސް އެއްޗެތި ގޮވިނަމަވެސް ތިމާއަކީ މާތްމީހެއްކަން ދައްކަންވެގެން ރައްދުނުދީ އިނދެ ހިނިތުންވާ މީހާ ގެއަށް އައިސް ވަންނަތަނާ ދިމާވާ ކުޑަކަމަކުން ބުރުއްސާލާވަރުން ގޭގެ ފުރާޅު އެއްލައިލާވަރު އެބަ ކޮށްލައެވެ. މިކަންކަން މަގުމަތިން ނުވަތަ ކޮފީއިން އޭނާ އާއި ބައްދަލުވާ މީހަކަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟  

ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މީސްތަކުންނަށް ކަމަކަށް ހަދީޘްފުޅު ކުރައްވަވައިފިނަމަ އެއިގައި ހިފަހައްޓަންޖެހޭ ސަބަބު މިކަންކަމުންވެސް މިފެންނަނީއެވެ. މީގެ 1400 އަހަރުކުރިން މީސްތަކުން ދުނިޔޭގައި އުޅުނީ މިއަދު މިހުރި ފަދަ މައްސަލަތަކާއެކުގައެއް ނޫނެވެ. އެހެންކަމާއިއެކުވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މީހެއްގެ ހަޤީޤަތް އެންމެ ރަނގަޅަށް އެނގޭނީ އެމީހާގެ އެންމެ ގާތް މީހުންނަށް ކަމަށާއި އެމީހުންގެ ޙަޤީޤަތް އޮޅުންފިލުވަން އެމީހުންގެ ގާތް އެކުވެރިންގެ ކިބައިން ކަންކަން އަހައި އޮޅުންފިލުވުމަށެވެ.  

އެމީހެއްގެ އެންމެ ގާތް އެކުވެރިންނަށް މުއެނގޭ ވަރަށް ގިނަ ކަންތައްތަކެއް ޢާއިލާގެ މީހުންނަށް އެނގޭނެއެވެ. ވީމާ ދެއަންތބަށް ކައިވެނިކުރުން ފަދަ ކަމެއް ކުރާނަމަ އެމީހެއްގެ ޙަޤީޤަތް އެމީހެއްގެ ޢާއިލާގެ ކިބައިން އޮޅުންފިލުވަންވާނެއެވެ. ޚާއްޞަކޮށް އޭނާގެ އަނބިމީހާގެ ކިބައިން އޮޅުން ފިލުވަންވާނެއެވެ. އެކަމުގައި ސުވާލުކޮށްފިނަމަ ތެދުބަހުން ބަޔާންކުރުމަކީ ފިރިމީހާގެ ސިއްރުތައް ހާމަކުރުން ކަމުގައެއްވެސް ނުވާނެއެވެ. އެޙާލަތުގައި ތެދުބަހުން ޖަވާބުދިނުމަކީ އަނބިމީހާގެ މައްޗަށް އޮތް ވަރަށް ބޮޑު ވާޖިބެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން