ޖީބު ފުރޭވަރަކަށް އެދަނީ ކުރާ ފައިދާ ބޮޑުވަމުންކަމަށް ޤަބޫލުކުރާ މީހުން ވަރަށް ގިނައެވެ. ޖީބު ފުރޭނެއެވެ. ހުސްވެސްވާނެއެވެ. ވީމާ އެންމެ ފައިދާހުރިކަމަކީ ހިތްފުރޭވަރަށް ފައިސާލިބުން ނޫންކަން އެއޮތީ އެނގޭށެވެ.
ދުނިޔޭގައިވެސް ތިމާއަށް އެންމެ ބޮޑަށް ފައިދާކުރާނީ ކޮންކަމަކުންކަން މިއަދު ގިނަބައަކަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. ގިނަ ބައަކަށް ޤަބޫލުކުރެވުނީ ދުނިޔެއިން އެމީހަކު ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަންކަން ޙާޞިލްކުރެވިގެން ދުނިޔޭގައި އުޅެވޭނަމަ އހުރެވެނީ އެންމެ އުފަލުގައިކަމަށެވެ.
ޙަޤީޤަތަކީ މިއީއެއް ނޫނެވެ. ދުނިޔޭގައިވެސް އެންމެ ބޮޑަށް ފައިދާކުރާނެ ކަމަކީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައި ގުޅުން ބަދަހިވިވަރެކެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުނު ވަރަކުންނެވެ.
އެކަމުގެ އެއް މިޘާލަކީ ތަނަވަސްކަން ލިބުމެވެ. ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާ ކަމަކީ ތަނަވަސްކަމެވެ. ސުވާލަކީ ތަނަވަސްކަން ދެއްވެވުމުން އެމީހަކަށް ހުރެވެނީ ހިތްހަމަޖެހިގެން ހެއްޔެވެ؟ އުފަލުގައި ހެއްޔެވެ؟ ޖަވާބަކީ އެންމެ ބޮޑު ނުތަނަވަސްކަމެއްގައި އުޅެމުން އަންނަ ބައަކީ ތަނަވަސްކަން ލިބިފައިވާ މީހުންކަމެވެ.
ތަނަވަސްކަން ދެއްވެވި މީހުންގެ ތެރޭގައި ފިކުރު ބޮޑުވެ ލޭމައްޗަށްދާ މީހުންނާއި ހިތުގެ ބަލިތައް ހުންނަ މީހުންނާއި ހަކުރުބަލީގެ މީހުން އެހައިގިނަވަނީ އެހެންވެގެންނެވެ. ތަނަވަސްކަން ދެއްވެވި މީހުންގެ ތެރޭގައި މިބުނި ފަދަ ބައްޔަކަށް ފަރުވާކުރަން ނުޖެހޭ މީހަކު މަދުކަމަށް ބުނުމަކީ ދޮގަކަސްނުވާ ހިސާބަށް ކަންކަން މިވަނީ ގޮސްފައެވެ.
މީސްތަކުންނޭވެ! ދުނިޔޭގައި ހޭދަކޮށްލަން މިލިބެނީ މީހާގެ ޙަޔާތަސް ބަލައިފިނަމަ ހާދަ މަދު ހިނދުކޮޅެކެވެ. ލޯމަރާލާފައި ލޯހުޅުވައިލާހައި މަދު ވަޤުތުކޮޅެކެވެ. އެވަޤުތުކޮޅުގެ ބޭނުން ﷲ ތަޢާލާ އާއި ކުއްތަންވުމަށް ހިފައިގެން މެނުވީ ޙަޤީޤީ އުފާވެރިކަމެއް ހަމައެކަކަށްވެސް ނުހޯދޭނެއެވެ. ވީމާ ފުރުޞަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން މަސައްކަތްކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން