ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ ކޮންކަމެއް ކުރުމުންކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ ކޮންކަމެއް ކުރުމުންކަން އެނގޭތަ؟

ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވަނީ ކޮންކަމެއް ކުރުމުންކަން އެނގޭހެއްޔެވެ؟ އެއީ އަޅުކަންކުރުން ނޫން ކަމަށް ބުނެފިނަމަ ރުޅި އަންނާނަން ހެއްޔެވެ؟ ރުޅި އަޔަސް ބުނަންއޮތީ އެއީ އަޅުކަންކުރުމެއް ނޫނެވެ. އެއީ ތައުބާވުމެވެ.  

ސަބަބަކީ ކުރާ އަޅުކަމުގެ ފައިދާ އެމީހަކަށް ކުރާނީ ތައިބާވުމުންނެވެ. ކިތަންމެ ގިނައިން އަޅުކަންކުރިނަމަވެސް އެއްވެސް މީހަކީ ފާފައެއް ނުކޮށް ހުރެވޭނެ މީހެއް ނޫނެވެ. ގިނަގިނައިން ތައުބާވާން މިޖެހެނީ އެހެންވެގެންނެވެ.  

ބުނަން ހެއްޔެވެ؟ ތިބާއަށް ފާފައެއް ކުރެވިގެން ﷲ ތަޢާލާ ތިބާ ދެކެ ކޯފާވެވޮޑިއެއް ނުގަންނަވަތެވެ. އިން ޝާ ﷲ. އެއީ ތިބާއަށް ފާފަކުރެވޭނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީއެވެ.  

ތައުބާވުމުގެ ދޮރު އެހައި ބޮޑަށް ފަސޭހަކުރައްވަވާފައިވަނީ އެސަބަބަށްޓަކައެވެ. މިޘާލަކަށް އަޅުކަމެއްކުރާނަމަ އެކަމަކަށް ތައްޔާރުވާން އެތައް ކަމެއް ކުރަންޖެހެއެވެ. އަދި އަޅުކަންކުރަންވެސް އެތައް ކަމެއް ކުރަންޖެހެއެވެ. ނަމަވެސް ތައުބާވާން ބޭނުން މީހަކަށް ތައުބާވާން އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ތައްޔާރުވާކަށްވެސް ނުޖެހެއެވެ. ދެއަތް އުފުލާފައި، ފާފަ ކުރެވިފައިވާކަމަސް އިޢްތިރާފްވެފައި ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ނިމުނީއެވެ. އެއޮތީ ތައުބާވެވިފައެވެ.  

ދެން އޮތީ މީޒާނުގައި ޢަމަލުތައް ކިރުއްވަވާނެ ވަޤުތެވެ. ކިރާނެ ފާފަ ހުރުމަކުން ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވާންޖެހޭނީ ކުރެވުނު ހެޔޮ ޢަމަލުތަކަށްވުރެ ކުރެވުނު ފާފަތައް ގިނަވެ ފާފަތަކުގެ ކޮޅަށް މީޒާން ބުރަވެއްޖެނަމައެވެ. އެކަން އެގޮތަށްވާނީ ތައުބާނުވެވި ހުރީތީއެވެ.  

ވީމާ މީސްތަކުންނަށް ﷲ ތަޢާލާ ދެއްވެވި އެންމެ ބޮޑު ހަދިޔާއަކީ ތައުބާވުމެވެ. އެހަދިޔާ ޤަބޫލުކުރާށެވެ. ގިނަގިނައިން ތައުބާވާ މީހަކަށްވާށެވެ! އެއިރުން ތިބާއަށް އަބަދުވެސް ހުރެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިލިބިއެވެ. ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން