ކޮންމެ މީހަކަށްވެސް ކުށް ކުރެވޭނެއެވެ. ކުށެއް ކުރެވުމުން އެއީ އެއްވެސް ކަމެއް ނޫންކަމަށް ވިސްނޭނަމަ، އެކަމަށް ދެރަނުވެވޭނަމަ އެމީހަކަށް އެހުރެވެނީ ޝައިޠޯނާއާއިއެކުގައެވެ. އެއިގެ ބަދަލުގައި ކުށެއް ކުރެވުމުން މިކުރެވުނީ ކުށެއްކަމަށް ޤަބޫލުކުރެވި އެކަމަށް ދެރަވެވޭނަމަ އެމީހަކަށް އެހުރެވެނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ތައުބާވުމަށް އަވަސްވެގަނެވޭނަމަ އެހުރެވެނީ ވަރަށް ބޮޑު ރަޙްމަތުގައެވެ.
ދެން އޮތީ އެންމެ މަތީ ހަރުފަތަށް ޖެހިލަން މަސައްކަތްކުރުމެވެ. އެކަމަށް ކުރަން އޮތް ކަމަކީ ކުރާ އަޅުކަން އިތުރުކޮށް ކުށެއް އިތުރަށް ނުކުރަން ކުރާ މަސައްކަތް އިތުރަށް ވަރުގަދަކުރުމެވެ. އެއިރުން އެމީހާގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ.
ލޮބުވެތި އެކުވެރިންނޭވެ! ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދޭމީހާ ވީހާ ގިނަ އަޅުކަންކުރަން ގަދައަޅައި މަސައްކަތްކުރާށެވެ. ދެއިރު ޛިކުރުތައް ކިޔަން މަޑުނުކޮށް އިރުއިރުކޮޅުން ކޮންމެވެސް ވަރަކަށް ޛިކުރުތައް ކިޔާށެވެ!
ﷲ ތަޢާލާގެ މަތިން ހަނދުމަކުރާވަރަކަށް އެމީހެއްގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެތެވެ. އެމީހެއްގެ މަތިން ﷲ ތަޢާލާ ގިނަގިނައިން ހަނދުމަކުރައްވަވާނެ މީހަކަށް ވެވިއްޖެނަމަ އެމީހަކަށް ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން