ދުނިޔޭގައި ގިނައީ ﷲ ތަޢާލާއަށް ނުކިޔަމަންތެރިވެ ފާފަކުރާ މީހުންނެވެ. އެކަމަކު އެމީހުންނަކަށް ވަޤުތުން ކޯފާ ބާވައިނުލައްވަވަތެވެ. އެކަމުގެ ސަބަބާއިމެދު ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ ބަހެއް ބުނެލާނަމެވެ.
މީސްތަކުން ފާފަކުރަން ދޫކޮށްލައްވަވަނީ ކީއްވެގެން ހެއްޔެވެ؟ މިސުވާލު ފުޅައުކުރަމުން ގޮސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި، އުޑުގައި ﷲ ތަޢާލާގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުގެ ފުރުޞަތު އިބިލީހަށް ދެއްވެވީ ކީއްވެގެން ކަމާއިމެދުވެސް ސުވާލުކުރެއެވެ.
އެހެންވެ މިކަމުގައި އަހުރެންނަށް ވިސްނޭ ގޮތް ބުނެފާނަމެވެ. އުޑުގައި ަލއްވަވާފައި ހުރިނަމަވެސް އިބިލީހަކީ މަލާއިކަތެއް ނޫނެވެ. ޖިންނިއެކެވެ. އިންސާނުންނަށާއި ޖިންނީންނަށް ﷲ ތަޢާލާ ވަނީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެއިގެތެރޭގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި ނުވުމުގެ އިޚްތިޔާރު ހިމެނެއެވެ. ވީމާ އެވަޤުތުވެސް އިބިލީހަށް ﷲ ތަޢާލާ ދެއްވަވާފައި އޮތް އިޚްތިޔާރުގެ ބޭނުން ހިފަން އޭނާ ބޭނުންވާ ގޮތަކަށް ދޫކޮށްލެއްވެވީއެވެ.
ހުރިހާ މަލާއިކަތުން އާދަމްގެފާނަށް ސަޖިދަ ކުރެއްވެވީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމްނަތެރިވެވަޑައިގަތުމަށެވެ. މަލާއިކަތުންނަށް ކުރައްވަވާ އެއްވެސް އަމުރުފުޅަކަށް އެބޭކަލުން ފަސްޖެހިވަޑައެއް ނުގަންނަޥާނެއެވެ. ވަޤުތުން އެކަމެއް ކުރައްވަވާނެއެވެ.
އުޑުތަކުގައި އޮތީ ﷲ ތަޢާލާއަށް ކިޔަމަންތެރިވުމާއި އެކަލާނގެ މަތިވެރިކުރުމެވެ. ﷲ ތަޢާލާއަށް އުރެދި ނުކިޔަމަންތެރިވުމެއްވެސް ނެތެވެ. އުޑުތަކުގައި އަބަދުވެސް ﷲ ތަޢާލާ އަށް ސަޖިދަކުރައްވަވައިގެން ތިއްބަވާ މަލާއިކަތުންގެ ޢަދަދު ގިނަކަމާއި އުޑުތަކުން އަބަދު އިވޭނީ ޛިކުރުތަކާއި ތަސްބީޙްކަން ޙަދީޘްފުޅުތަކުން އެނގެއެވެ.
މިފަދަ ކަންކަމަށް ވިސްނައިލުމުން އެނގެނީ މީސްތަކުން ފާފަކުރަން ﷲ ތަޢާލާ ދޫކޮށްލައްވަވާފައި މިވަނީ އެއީ މީސްތަކުންނަށް ދެއްވަވާފައިވާ އިޚްތިޔާރަކަށްވާތީކަމެވެ. އެއްވެސް ޙާލެއްގައި އެއީ އެއްވެސް މީހަކު ފާފަކުރަން ﷲ ތަޢާލާ ރުހިވޮޑިގަންނަވާތީ ނޫންކަމެވެ. ވީމާ އެމީހަކު ކުރި ފާފައެއްގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކަށެވެ. އަދި ޤިޔާމަތް ދުވަހު ޒިންމާދާރުވާންޖެހޭނެކަން އެއީ ޤުރްއާނުން ޘާބިތުވާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން