އަބަދުވެސް ހަނޑާންކޮށްދެއްވަވާފަދައިން މީސްތަކުންނަށް ﷲ ތަޢާލާ ނިޢުމަތް ދެއްވަވަނީ އެކިވަރަށެވެ. އެެހންވީމާ އެއްވެސް މީހަކަށް ނިޢުމަތެއް ދެއްވަވައިފިނަމަ ޙަސަދަވެރިނުވާށެވެ! ޙަސަދަވެރިވުމަކީ ތިބާކުރާ ހެޔޮ ޢަމަލުތައް ތިބާއަށް ގެއްލިގެން ހިނގައިދާނެ ކަމެކެވެ.
ނިޢުމަތެއް ދެއްވެވީ އެކުވެރިއަކަށް ނަމަވެސް ޢާއިލާގެ މީހަކަށް ނަމަވެސް އަދި ނުދަންނަ މީހަކަށް ނަމަވެސް އެމީހަކަށްޓަކައި މިފަދައިން ދުޢާކުރާށެވެ!
"ޔާ ﷲ! އޭނާއަށް އަދިވެސް އިތުރަށް ނިޢުމަތްތައް ދެއްވަވާނދޭވެ! އަދި އިނބަ ﷲ ރުހިވޮޑިގަންނަވާ ވަރަކަށް މިއަޅާއަށްވެސް ނިޢުމަތް އިތުރުކޮށް ދެއްވަވާނދޭވެ!" އާމީން
މީހަކަށް ﷲ ތަޢާލާ ނިޢުމަތެއް ދެއްވަވައިފިނަމަ ގިނަ ބައަކަށް ކަންކަން ކުރެވެނީ މިގޮތަކަށް ނޫނެވެ. މިފަދައިން ދުޢާކުރުމުގެ ބަދަލުގައި ޙަސަދަވެރިވެވެނީއެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިގެން ހިނގައިދާނެއެވެ. އަދި ތިމާ ކޮށްފައިވާ ހެޔޮ ޢަމަލުތަކާއި ކުރާ ހެޔޮ ޢަމަލުތައްވެސް ތިމާގެ އަތުން ގެއްލިގެން ހިނގައިދާނެއެވެ. އެއީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން