ދިރިއުޅުން އުފާވެރިކުރުމަށާ ސުވަރުގެ ހޯދަންކުރާ މަސައްކަތުގައި ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ދިރިއުޅުން އުފާވެރިކުރުމަށާ ސުވަރުގެ ހޯދަންކުރާ މަސައްކަތުގައި ގިނަ ބައަކަށް އެންމެ ބޮޑަށް އިހްމާލުވެވޭ ކަންތައް!

އެންމެ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭ ސަބަބުތައް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ނަމަވެސް މިރޭ ދައްކަން މިއުޅެނީ އެ ޙަދީޘްފުޅުތަކުގެ ވާހަކައެއް ނޫނެވެ. ގިނަ ބައަކު މިއަދު ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން ކުރަމުން އަންނަ ދަތުރުގައި އެންމެ ބޮޑަށް އިހްމާލުވާ އެއްކަމެއްގެ ވާހަކައެވެ. 

އެއީ ވަޤުތެވެ! އެކަން މެދުވެރިވާ ބައެއް ސަބަބުތަކަށް ބަލައިލަމާ ހިނގާށެވެ! 

މެންދުރުވީ 12 ޖެހިއިރުއެވެ. ޢަޞްރުވަނީ 3.30 ގައެވެ. 12 ޖެހީންސުރެ ދޭތެރެ ދޭތެރެއިން ގަޑިއަށް ބަލައިލެވެއެވެ. އަދި ވަޤުތު އެބައޮތްކަމަށް ޤަބޫލްކުރެވި މަޑުކުރެވެނީއެވެ. މަޑުކުރަމުން މަޑުކުރަމުންގޮސް ތެޅިގަނެގެން މިސްކިތަށްދެވޭއިރު ޢަޞްރަށް ގޮވަނީއެވެ. މެންދުރުނަމާދުގެ ވަޤުތު ފާއިތުވެގެންދިއައީއެވެ. 

މިކަން ބުނެބަލާށެވެ. މިބުނި ފަދައިން ފަރުޟު ފަސް ނަމާދަށް އިހްމާލުވެވޭ މީހުން މަދީހެއްޔެވެ؟ ދެންވެސް ވިސްނައިލަމާ ހިނގާށެވެ! 

ޢުމުރުގައި ބާކީ ދުވަސްތަކެއް އެބައޮތްކަމަށް ޤަބޫލުކުރެވެނީއެވެ. ސުންނަތް ޜޯދަހިފައި ރޭއަޅުކަން ކުރަން ފަށާނީ ޢުމުރުގެ ފަހުކޮޅުގައި ނުވަތަ މުސްކުޅިވުމުން ކަމަށް ހީކޮށް އެކަންކަން ނުކޮށް ހުއްޓައި މަރުވަނީ ކިތައް މީހުންހެއްޔެވެ؟ 

ދެންވެސް ވިސްނައިލަމާ ހިނގާށެވެ! ޞިއްހަތު ރަނގަޅުއިރު، އަތުގައި ފައިސާ ހުރެމެ ޢުމުރުން ދުވަސްވުމުން ޙައްޖުވާން ހުންނަ މީހާއަށް ބަލިޙާލުޖެހި، އަތްމަތި ދަތިވެ ޙައްޖަށް ނުދެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިވީ ކިހިނަކުން ހެއްޔެވެ؟ 

މިފަދަ ކިތަންމެ މިޘާލުތަކެއް ދެއްކިދާނެއެވެ. މުސްކުޅި މަންމަ އޮތީ ބަލިޙާލުގައެވެ. ދަރިފުޅާ ބައްދަލުވެ އެންމެ ފަހުގެ ވަޞިއްޔަތް ކުރުމުގެ އިންތިޒާރުގައެވެ. ދަރިފުޅު ދެކޭ ހިތުން ކަރުނަ އަޅައަޅައެވެ. ވަޤުތުވީމާ މާދަން މަންމަ ގާތަށް ދާން ހުއްޓައި ނުދެވި އުޅެނިކޮށް މަންމަ ނިޔާނުވޭ ހެއްޔެވެ؟ 

ޔަޤީންކުރާށެވެ! ވަޤުތަކީ ހިލޭ ލިބޭ އެއްޗެކެވެ. ނަމަވެސް މިލްކެއް ނުކުރެވޭނެއެވެ. މިލްކް ނުކުރެވުނަސް ތިބާއަށް ބޭނުންކުރެވޭނެއެވެ. ވަޤުތު ތިބާއަށް އިންތިޒާރެއް ނުކުރާނެއެވެ. ދާގޮތަށް ދާނީއެވެ. ގެއްލިއްޖެ ފައިސާ އަނބުރާ ހޯދިދާނެއެވެ. ނަމަވެސް ފާއިތުވި ވަޤުތެއް އަނބުރައި ނުހޯދޭނެއެވެ. 

ވީމާ ވަޤުތާއިމެދު ސަމާލުވާން އެބަޖެހެއެވެ. ވަޤުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން އެބަޖެހެއެވެ. ދުނިޔެވެސް އާޚިރަތްވެސް ޙާޞިލްކުރެވޭނީ ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން