ފިކުރުތައް ބޮޑު ތިއަވަނީ މާގިނަ ކަންކަމަށް ކަންބޮޑުވެވޭތީ! މިއެންމެ ކަންތަކަށް އެކަނި ކަންބޮޑުވާނަމަ އަބަދުވެސް އުފަލުގަ ހުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ފިކުރުތައް ބޮޑު ތިއަވަނީ މާގިނަ ކަންކަމަށް ކަންބޮޑުވެވޭތީ! މިއެންމެ ކަންތަކަށް އެކަނި ކަންބޮޑުވާނަމަ އަބަދުވެސް އުފަލުގަ ހުރެވޭނެ! އިން ޝާ ﷲ

މީސްތަކުންނޭވެ! ދިރިއުޅުމަކީ ކޮބައިކަމާއިމެދު ރަނގަޅަށް ވިސްނާނަމަ އެމީހާގެ ސިކުނޑި އަބަދުވެސް ހުންނާނީ ތާޒާކަންމަތީގައެވެ. ހާސްވެ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. ކަންކަން ޙާޞިލު ނުކުރެވިގެން ތެޅިފޮޅޭކަށްވެސް ނުޖެހޭނެއެވެ.  

ފުރަތަމަ ކަމަކަށްވެސް ޔަޤީންކުރަންވީ ތިމާ ދުނިޔެއަށް އުފަންވީ އެކަމަށް ﷲ ތަޢާލާ ކަނޑައެޅުއްވެވި ވަޤުތުގައިކަމެވެ. އަދި މަރުވާނީވެސް ﷲ ތަޢާލާ އެކަމަށް ކަނޑައަޅުއްވަވާފައިވާ ވަޤުތުގައިކަމެވެ. އެއިން އެއްވެސް ކަމަކަށް ބަދަލެއް ގެނައުމަކީ ތިމާއަށް ކުރެވޭނެ ކަމެއް ނޫނެވެ.  

މިހާރު ތިއަހުރީ އުފަންވެފައެވެ. ވީމާ ދެން ކުރަން އޮތް ކަމަކީ މަރުވާނެ ވަޤުތަށް ތައްޔާރުވުމެވެ. އުފަލުގައި މަރުވެވޭނެ މީހަކަށްވާން މަސައްކަތްކުރުމެވެ. ވީމާ އުފަންވުމާއި މަރުވުމާއި ދެމެދުގައި ހިނގާ ކަންކަމުގައި މަރުވުމަށް ތައްޔާރުވާން ކުރަންޖެހޭ ކަމެއް ނުކުރެވިގެން ނޫނީ އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތެވެ.  

ތިބާއަށް ބޮޑު ވަޒީފާއެއް ނުލިބުނީއެވެ. ފައިސާވެރިއަކަށް ނުވެވުނީއެވެ. ދުއްވާނެ އެންމެ މޮޅު ކާރެއް ނުލިބުނުތަނުގައި ބައިސްކަލެއްވެސް ނުލިބުނީއެވެ. ބޮޑު ގެއެއްވެސް ނޭޅުނީއެވެ. މިފަދަ އެއްވެސް ކަމަކާއިހުރެ ކަންބޮޑުވާންވީ ކީއްވެގެން ހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ޙާޞިލު ނުވިނަމަވެސް މަރުވުމުގެ ވަޤުތު ޖެހުމުން މަރުވާނެއެވެ.  

އަހރެމެންނަށް އޮތީ ދުނިޔޭގެ ޙަޔާތަކީވެސް އުފާވެރި ޙަޔާތަކަށް ހެދޭތޯ މަސައްކަތްކުރުމެވެ. އަހުރެމެންނަށް ކުރެވެން އޮތީ ހަމައެކަނި މަސައްކަތެވެ. އެ މަސައްކަތްވެސް ކުރެވޭނީ ﷲ ތަޢާލާ މިންވަރުކުރެއްވެވި ވަރަކަށެވެ. އަދި ކުރިއެރުމާއި ކާމިޔާބު ލިބެން އޮތީވެސް ހަމަ ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ.  

މިކަންކަމަށް ވިސްނައި ޢަމަލުކުރަމުން އަންނަ މީހުން އަބަދުވެސް ތިބޭނީ އުފަލުގައެވެ. ނޫންނަމަ އަބަދުވެސް ހުންނަން ޖެހޭނީ ހިތާމައިގައެވެ. އެއީ ދުނިޔެއިން ތިބާ އެދޭ ކަންކަން ކޮންމެ ގޮތަކުން ނަމަވެސް ޙާޞިލުކުރެވެން ޖެހޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. ވީމާ ޔަޤީންކުރަންވީ އެންމެ ކަމެކެވެ. އެއީ މަރުވާނެ ކަމެވެ. ތައްޔާރުވާން ޖެހޭނެ ކަމެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އުފަލުން ހުރެވޭނެ މީހަކީ އެކަން އެގޮތަށް ޤަބޫލުކޮށްގެން ދިރިއުޅޭ މީހެކެވެ.

 

- އަލަފް / މިއަދުނޫހަށް

މިއަދު އޮންލައިން