އެމީހަކާއިއެކު 40 އަހަރު ހޭދަކުރެވުނު ފިރިމީހާ މަރުވީ ދެމީހުން ވަކިވެގެން ތިބެއެވެ. ވަކިވެގެން ތިބިނަމަވެސް އެދުވަހު އަހުރެންނަށް ވަރަށް އަސަރުކުރިއެވެ. ދެރަވިއެވެ. ރޮވެންވެސް ރޮވުނެވެ. އެންމެ ބޮޑަށް ދެރަވީ ޖަނާޒާގެ ކަންކަން ނިންމާފައި ގެއަށްދާން ކާރަށް އެރިތަނުން އެކުވެރިއަކު ދިއްކޮށްލި މިނީޓް ކިޔައިލެވުމުންނެވެ.
"ބުނަންހެއްޔެވެ؟ އަހުރެން މިއެދެނީ ވަރަށް ކުޑަކުޑަ އެންމެ ކަމަކަށެވެ! އެއީ އަހުރެން މަރުވެއްޖެނަމަ މިކަންކަން ހަނދާނުގައި ބަހައްޓައިލަ ދިނުމަށެވެ.
އަހުރެންނަކީވެސް އިންސާނަކަށްވީތީ ކުށްތަކެއްވެސް ކުރެވިފައި ހުންނާނެއެވެ. އެކަމަކު ހުރިހާ އިރެއްގައިވެސް އަހުރެން އެންމެ އިސްކަން ދިނީ ތިބާއަށެވެ. އަހުރެންގެ ކިބައިގައި ކުޅަދާނަކަން ނެތްވަރުންވެސް ތިބާއަށް އެހީތެރިވެދިނީމެވެ. ތިބާއާއިއެކުގައި ދިރިއުޅެން މަސައްކަތްކުރީމެވެ. ދުނިޔޭގެ އެންމެންނަށްވުރެވެސް ބޮޑަށް ތިބާއަށް ސަމާލުކަންދިނީމެވެ. އަހުރެންގެ އަމިއްލަ ބޭނުންތަކުގެ ކުރިއަށް ތިބާގެ ބޭނުންތައް ނެރުނީމެވެ.
އަހުރެން ތިބާ ކުށްވެރިއެއް ނުކުރަމެވެ. އެކަމުގައި މެދުވެރިވި އެއްވެސް ސަބަބެއްވެސް ކުށްވެރިއެއް ނުކުރަމެވެ. އަހުރެމެން ދުރުކުރުވީ ތަޤްދީރެވެ. ތަޤްދީރުގެ މައްޗަށް ބާރުފޯރުވޭނެ ގޮތެއް ނުއޮންނާނެއެވެ.
މިއަދު ތިބާ ތިއަހުރީ އަހުރެންނަށްވުރެ މާބޮޑު ރަހްމަތުގައެވެ. ދުޢާއަކީ އަދި ތިބާއަށް ރަޙްމަތް އިތުރުކޮށްދެއްވެވުމެވެ. އާމީން
-- އެނިކަމެތި މީހާ"
ފިރިމީހާ ލިޔެފައިވާ ކޮންމެ ލަފުޒަކީވެސް ހަމަ ތެދު ޙަޤީޤަތެވެ. ޢުމުރުން ދުވަސްވީފަހުން އެކުވެރިންގެ ބަހަށް ހެއްލެވި ފިރިމީހާއާއި ވަކިވީ އަހުރެން އަމިއްލައަށެވެ. އެދުވަހު އޭނާ ދަބަސް ހިފައިގެން ރޮމުން ގެއިން ނުކުމެގެންދިއައިރު އަހުރެންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.
މަރުވެ ކައްވަޅަށް އެދިއައީ އަހުރެންނަށް ގުޅައިވެސް ނުލައި ހުރެއެވެ. އަދި ގެއިން ނުކުމެގެންދިއައީ އަހުރެންގެ ބިމުގައި 8 ބުރީގެ ގެއެއް އަޅައިދީ އަހުރެންނަށް ތަނަވަސްކަންވެސް ހޯދައިދީފައެވެ. އެކަންކަމުގެ އަގުވަޒަން ނުކުރެވުނީ އަހުރެންނަށެވެ.
އިތުރަށް ރުއިމުގެ ބޭނުމެއް ނެތްނަމަވެސް މިއަދުވެސް ރޮވެއެވެ. ނޯޓް ކިޔާލާ ކޮންމެ ފަހަރަކުވެސް ރޮވެއެވެ. ރޮވޭއިރުވެސް ކިޔަމެވެ. ދުވާލަކު 2،3 ފަހަރު ކިޔަމެވެ.
ދުނިޔޭގެ އެންމެންނަށް އަހުރެން ކުރަން ބޭނުންވާ އިލްތިމާސަކީ އެކުވެރިން ދޭ ނުބައި ވަސްވާސްތަކަށް ހެއްލި އަހުރެން ފަދަ ނުބައި އަންހެނަކަށް ނުވާށެވެ.
ޢަޒީޒާ / ލާހޯރު