ހެޔޮ ޢަމަލެއް ކުރުމަށްފަހު މީސްތަކުން މިއަދު އުޅޭގޮތުން ހީވަނީ އެމީހުންނަށް ސުވަރުގެ ލިބުނުކަން ޔަޤީންކުރެވިގެން އެކަމުގެ އުފަލުގައި އުޅޭހެންނެވެ. އެމީހުންނަށް އެކަމުގެ ޔަޤީންކަން ލިބުނު ގޮތް ބުނެދޭކަށް އަހަރެންނަކަށް ނުއެނގެއެވެ. އެހެނީ ރަސޫލް ﷺ ޞަހާބީންނަށް ޙަދީޘްފުޅުކުރެއްވެވީ:
"ތިއައިން އެއްވެސް ބޭކަލަކު ކުރައްވާ ހެޔޮ އަމަލެއްގެ ސަބަބުން ސުވަރުގެ ނުވައްދަވާނެ" ކަމަށެވެ. އެތިއްބެވި ޞަޙާބީން ކަންބޮޑުވެވަޑައިގެން "ތިމަންކަލޭގެފާނުވެސްތޯ؟" ސުވާލުކުރެއްވެވުމުން ޙަދީޘްފުޅު ކުރެއްވެވީ "އާއެކެވެ!"
މިބިމުގައި ﷲ ތަޢާލާ ލެއްވެވެވި އެންމެ ތަޤްވާވެރި، އެންމެ މަތިވެރިކަންބޮޑު، އެންމެ މާތް އިންސާނާ ކަމުގައިވެވަޑައިގެން ހުންނަވައިވެސް ޙަދީޘްކުރެއްވެވީ "އެއީ ތިމަންކަލޭގެފާނު ނަމަވެސްމެއެވެ."
އަދި ކީއްހެޔެވެ؟ ޙަދީޘްފުޅުކުރެއްވެވީ "ﷲ ތަޢާލާގެ ރަހްމަތުން (ރުހިވޮޑިގަތުން ލިބިގެން) މެނުވީ"އެވެ!
ބަޔާންކުރެވުނު ޙަދީޘްފުޅުން އެނގެންދަނީ އެއްވެސް މީހަކަށް އެމީހަކު ކުރާ ހެޔޮ ޢަމަލުގެ ސަބަބުން ސުވަރުގެ ނުވަދެވޭނެ ކަމާއި ސުވަރުގެ ވަދެވޭނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންކަމެވެ. އެކަލާނގެ ރަޙްމަތްފުޅުން ކަމެވެ.
މީސްތަކުންނޭވެ! ސަމާލުކަންދޭންވީ ހެޔޮ ޢަމަލުތައް ކުރުމަށް އެކަންޏެއް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަންނަންވެސް މަސައްކަތްކުރަންވާނެއެވެ. އެއީ ފާފަތައް ކުރުމުން ދުރުހެލިވެހުރުމެވެ. ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާނެ އެއްވެސް ޢަމަލެއް ނުކުރުމެވެ.
ކޮންމެ އަޅުކަމެއް ކުރިނަމަވެސް ފަރުވާތެރިވާންވީ މިސަބަބަށްޓަކައެވެ! ﷲ ތަޢާލާގެ ރަހްމަތްފުޅުން މެނުވީ އެއަޅުކަމެއްގެ ފައިދާ އެމީހަކަށް ނުކުރާނެތީއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެން މެނުވީ ސުވަރުގެ ނުވަދެވޭނެތީއެވެ.
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން