އެހެން މީހުންގެ ލޯބި ލިބި ލޯބި އިތުރުވެ އަދި ނަރަކައިން ސަލާމަތްވެވޭނެ މީހަކަށްވާން ބޭނުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އެހެން މީހުންގެ ލޯބި ލިބި ލޯބި އިތުރުވެ އަދި ނަރަކައިން ސަލާމަތްވެވޭނެ މީހަކަށްވާން ބޭނުންހެއްޔެވެ؟

ގިނަބައަކަށް މިއަދު ވިސްނެނީ ދުނިޔޭގައި ތިމާއަށް ރަނގަޅު ގޮތްތައް މެދުވެރިވާނެ ގޮތަކަށެވެ. މަސައްކަތްކުރެވެނީ އެކަމަށެވެ. ހިތާމައަކީ އެކަމަށް އެދިގެން މަސައްކަތްކުރަންވެސް އޮތް އެންމެ ރަނގަޅުމަގާއިމެދު ވިސްނައިނުލެވޭ ކަމެވެ.

ﷲ ތަޢާލާ އަހުރެމެންނަށް ނިޢުމަތްތައް ދެއްވަވަނީ އިމެއް ނެތިއެވެ. އެކިއެކި ކަންކަމާއި ގުޅިގެން ދެއްވަވާނެ ނިޢުމަތްތައްވެސް ވަނީ ބަޔާންކުރައްވަވައިފައެވެ. އެނގޭނީ ހޯދާބަލާ މީހަކަށެވެ. ވީމާ މިރޭ ނިކަން މިކަންކަމަށް ވިސްނާލަމާ ހިނގާށެވެ!

މީސްތަކުން ދުނިޔެއަށް ދަހިވެތިކަން ބޮޑުވީވަރުން ހުރިހާ ވަގުތުތަކެއްހެން ހޭދަކުރަނީ ތިމާއަކީ ވެރިންގެ ރުހުމާއި ލޯބި ލިބޭ މީހަކަށްވުމަށެވެ. ތަނަވަސްމީހެއްގެ ރުހުން ލިބިގެންވާ މީހަކަށްވުމަށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މީހަކު ކަމުގައިވުމަށް މަސައްކަތްކުރުން އޮންނަނީ ދޫކޮށްލެވިފައެވެ. އެކަމަށް އޮންނަނީ ވަރަށް ބޮޑަށް އިހްމާލުވެވިފައެވެ.

އެހެންކަމުން މި ބަޔާންކުރަނީ އެމީހަކަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންފިނަމަ އެމީހަކަށް ލިބިގެންދާނެ 2 ނިޢްމަތެވެ.

ފުރަތަމަ ނިޢްމަތަކީ އެމީހަކުދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެންވާކަން ޖިބްރީލްގެފާނަށް އަންގަވާނެތެވެ. އަދި އެމީހަކު ދެކެ ލޯބިވެވަޑައިގަތުމަށް ޖިބްރީލްގެފާނަށްވެސް އަންގަވާނެތެވެ. އަދި އެހިނދު ވަގުތުން އެކަން ޖބްރީލްގެފާނު ޤަބޫލުފުޅުކުރައްވަވައި އެހެން ހުރިހާ މަލާއިކަތުންނަށްވެސް ހަމަ އެފަދައިން އަންގަވާނެތެވެ.

ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް ފައިދާ ބޮޑުވާނީ ކޮންކަމަކުންހެއްޔެވެ؟ ރަސްގެފާނު، ރާނީ، ރައީސް، ނުވަތަ ބޮޑުވަޒީރުގެ ލޯބި ލިބޭމީހަކު ކަމުގައިވެވިގެން ހެއްޔެވެ؟ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ޙާޞިލުކުރެވޭ މީހަކުކަމުގައި ވެވިގެންހެއްޔެވެ؟

ﷲ ތަޢާލާގެ ލޯބިވޮޑިގަތުން ޙާޞިލުކުރެވިއްޖެ މީހަކަށް ދެން ލިބިގެންދާނެ މަތިވެރި ނިޢްމަތަކީ ކޮންމެ އިންސާނަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ނިޢްމަތެވެ. އެއީ އެމީހެއްގެ ގައިގައި ނަރަކައިގެ އަލިފާން އެއްވެސް މިންވަރަކަށް ނުވެސް ބީހޭނެ ކަމެވެ.

ދެން ނިކަން ބުނެބަލާށެވެ! ތިބާއަށް ފައިދާކުރާނީ ވެރިންނާއި މުއްސަނދިންގެ ރުހުން ލިބިގެންހެއްޔެވެ؟ ނުވަތަ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގެންހެއްޔެވެ؟ ބޭނުން ގޮތެއް އިޚްތިޔާރުކުރުމުގެ ބާރު ތިބާއަށް ވަނީ ލިބިގެންނެވެ.

--ޝައިޚް ސަޢީދް ރާޤިއާގެ ދަރުސަކުން

މިއަދު އޮންލައިން