ސިފަހުތުރުވެ ދެރަ ނިކަމެތިވީމާ ކައިވެނިކުރައްވަވާނެ އަންހެނަކު ލިބިވަޑައިނުގަތް ޞަޙާބީންނަށް ބައިވެރިއަކު ހޯއްދަވައި ދެއްވަވަން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މަސައްކަތްޕުޅު ކޮށްދެއްވެވިއެވެ. މިއަދު އެގޮތަށް އެކަންކޮށްދޭނެ ބައަކު ނުތިބެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ﷲ ތަޢާލާ ވޮޑިގެންވެއެވެ. ދުޢާކުރުމުގައި ޘާބިތުވެލާށެވެ! އަންހެނުންވެސް އަދި ފިރިހެނުންވެސްމެއެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ އުފެއްދެވި އެއްވެސް އިންސާނެއް ބާކީ ނުކުރައްވަވާނެތެވެ. އަދީ ދޫކޮށް ނުލައްވަވާނެތެވެ. އެމީހަކު އެގޮތް އިޚްތިޔާރުކުރުމުން މެނުވީއެވެ. ވީމާ ފުރަތަމަ ކަމަކަށް ތިމާ ﷲ ތަޢާލާގެ މަގުގައި ސާބިތުވާށެވެ! އަދި ތިމާ ނިކަމެތި ނުކުރައްވަވާނެކަމާއި މަދަދު ދެއްވަވާނެކަން ޔަޤީންކުރާށެވެ.
އަހަރެންގެ މިވާހަކަކޮޅު މި ނިޞްބަތްކުރަނީ މިތަނުގައި އަޑުއަހަންތިބި މީހުންނަށާއި ޓީވީތަކުން ބަލަންތިބި މީހުންނަށާއި ފަހުން ބަލައި އަޑުއަހާނެ އެންމެންނަށެވެ. ތިއަތަނުން އެއްވެސް މީހަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަން ލިބިގެންވާ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް ޤަދަރު އުފުލިގެންވާ މީހެކެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިމީހެކެވެ. އަދި އެއްވެސް މީހަކީ ނިކަމެތި މީހެއް ނޫނެވެ. މަތިވެރިކަން ލިބިގެންވާ މީހެކެވެ.
އަހަރެންވެސް އަދި ތިއަ އެންމެންވެސް އުފެއްދެވީ ހަމަ ﷲ ތަޢާލާއެވެ. އެއްވެސް މީހަކު އުފައްދަވަނީ ނިކަމެތިކުރައްވަވައިފައެއް ނޫނެވެ. މަތިވެރިކުރައްވަވައިފައެވެ. މަތިވެރިކަން ލިބިގެންވާ މީހެއްގެ ގޮތުގައެވެ.
ނަމަވެސް އެމީހާގެ ޤަދަރު އުފުލިގެންވުމާއި ލޮބޮވެތިކަން ބޮޑުވުމާއި މަތިވެރިކަން ލިބުމާއި މިފަދަ ކޮންމެ ކަމެއްވެސް ކޮންމެ ނިޢްމަތެއްވެސް އެމީހަކަށް ލިބުންވަނީ އެމީހާ އަމަލުކުރި ގޮތެއްގެ މައްޗަށެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިކަން އަދާކުރި މންވަރެއްގެ މައްޗަށެވެ.
ވީމާ ތިމާއަށް ކުރިމަތިވާ ޙާލަތެއްގެ ސަބަބުން ތިމާއަކީ ނިކަމެތި، އަޅައިލާނެ، އެއްވެސް މީހަކު ނެތް މީހަކު ކަމަށް ހީނުކުރާށެވެ! ތިބާއަށް އެހީތެރިވެދޭނީ ކާކުކަން ތިބާއަށް ނުއެނގިދާނެއެވެ. ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ. ތިބާ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމުން ތިބާއަށް ރަޙުމްކުރާނެ، ތިބާއަށް އެހީތެރިވާނެ، އަދި ތިބާ ދެކެ ލޯބިވާނެ މީހަކުވެސް ﷲ ތަޢާލާ ދައްކަވައި ދެއްވަވާނެތެވެ. އެކަމުގައި އޮތީ ހަމަ ތިބާގެ ހުރި ހިތްވަރެކެވެ.
މިބަސްކޮޅު މިގޮތަށް ބުނަން މިޖެހުނީ ކަންކަން ދިމާވުމުން މާޔޫސްވެ އެކަމުގެ ތެރޭގައި އުޅޭމީހުން ގިނަވަމުންދާތީއެވެ. އެމީހާ އެދޭގޮތަށް ކަމެއް ނުވުމުން ނުވަތަ ހިތް ނުއެދޭ ކަމެއް މެދުވެރިވުމުން ތިމާއަކީ އަޅައިލާނެ އެއްވެސް ފަރާތެއް ނެތި ބާކީވެފައި ހުރި މީހަކުކަމަށް ޤަބޫލުކުރެވޭތީއެވެ.
--ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން