މައިންބަފައިންގެ ފަރާތުން ލިބިވަޑައިގެންނެވި ބޮޑު ތަނަވަސްކަން ދޫކޮށްލައްވަވައި ﷲ މަގު އިޚްތިޔާރު ކުރެއްވެވި ޒުވާނާގެ ވާހަކަ- ﷲ ތަޢާލާގެ މަގުގަ އެންމެ ކުރިއަރައި ވަޑައިގެންނެވި!

ކިޔުމަށް ހޭދަވާނީ 5މ 19ސ
މައިންބަފައިންގެ ފަރާތުން ލިބިވަޑައިގެންނެވި ބޮޑު ތަނަވަސްކަން ދޫކޮށްލައްވަވައި ﷲ މަގު އިޚްތިޔާރު ކުރެއްވެވި ޒުވާނާގެ ވާހަކަ- ﷲ ތަޢާލާގެ މަގުގަ އެންމެ ކުރިއަރައި ވަޑައިގެންނެވި!

ސިއުޒާ

 

ﷲ އާއި އެކަލާންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްޓަކައި ދުނިޔޭގެ އަރާމާއި އުފާވެރި މުއްސަނދި ދިރިއުޅުން ދޫކޮށްލި ޒުވާނާ. 

މައްކާގެ އެންމެ ރިވެތި ޒުވާނާ. މައްކާގެ އެންމެ މުއްސަނދި ޒުވާނާ. މައްކާގައި އެންމެ ރީތި ހެދުންލާ އުޅޭ ޒުވާނާ. މައްކާގެ އެންމެ މީރުވަސްދުވާ ސެންޓު އަތަރު އިސްތިމާލުކުރާ ޒުވާނާ. މައްކާގެ ހުރިހާ އެންމެންގެ ނަޒަރު އެބޭކަލަކާ ދިމާލަށް ހުއްޓިފައިހުރި ޒުވާން މުސްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު. މަންމައާއި ބައްޕަގެ މުއްސަނދި ކަމުގެ ނިޢުމަތުގައި ބޮޑުވެފައިހުރި ޒުވާނާ. ދުނިޔޭގެ ހުރިހާ އުފަލަކާ ޢަރާމެއް ކުރިމަތީގައ، އަންހެން ކުދިން ލިބެންހުރި، ރާ ބޯން ލިބެންހުރި، ނުބައި ކަންތައްތައް ލިބެން ހުރި. 

އެހެންނަމަވެސް، މަޖަލާ އުފަލާ ހުރިހާ އެއްޗަކަށްވުރެ ބޮޑުކަމެއް އެކަލޭގެފާނަށް ކުރިމަތިވި. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިދާޔަތަށް ގޮވާލައްވާ އަޑު އިވުނު. ފެންވަރާ ރީތިވެ ލިބާސް ތުރުކުރައްވައިގެން ވަޑައިގެންނެވީ ޙަރަމުގެ ދޮށަށް. ގެފުޅުގެ އަރިހަށް އެކަލޭގެފާނު ވަޑައިގެންނެވި. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދީނަށް ގޮވާލައްވަމުން ގެންދެވި.

މައްކާގެ މުޝްރިކުންގެ ޖައްބާރު ނުބައި އަނިޔާވެރި ވަރުގަދަ މީހުންގެ ލަޝްކަރުތައް އެކަލޭގެފާނާ ޖަދަލު ކުރަމުންދާ މަންޒަރު ދެކުން. އެހެންނަމަވެސް ވިސްނުންތެރި، ބުއްދިގަދަ، ނަސީބުވެރި ޒުވާންކަން ޣަނީމާކުރަން ދަންނަ ޒުވާނަކަށް އެމަންޒަރު ފެނުނު. މުސްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު އިސްލާމްވެ ވަޑައިގެންނެވި.

ޝަޙާދަތް ކިޔާ އިސްލާމް ވެވަޑައިގެންނެވި. ﷲ ސުބުޙާނަހޫ ވަތަޢާލާ އެންގެވިގޮތަށް އުޅުމަށް ޢަޒުމް ކުރެއްވި. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިންގަވާ އުނދަގޫ މަގުން ހިންގެވުމަށް ޤަސްތު ކުރެއްވީ ކީއްވެގެންތޯ؟ 

އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ އެއްވެސް ޢާރެއް، ބާރެއް، ޔާރެއް ނެތް ދުވަހުގައި، ނިކަމެތިކަމުގެ ދުވަހުގައި ޢަރުޝީގެ ހިޔާ އެ ޒުވާނާއަށް ލިބޭނެކަން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ. އިސްލާމްވުމުގެ ޚަބަރު މަންމައާއި ބައްޕައަށް ލިބުނީމަ ކިހިނެއްތޯ ކަންތައްވީ؟ 

އެއްވެސް ހާލެއްގައި އެމީހުންގެ ލޯބިވާ ދަރިފުޅުކަމަށް ވާތީ، އެމީހުންގެ ޕްރިންސް ކަމަށް ވާތީވެ އުފަލުން އެބޭފުޅާއަކަށް މަރުޙަބާއެއް ނުކިޔާ. ވެލްކަމެއް ނުދޭ.  މުސްޢަބު ބުން ޢުމެރިއު ރަޟިޔަﷲ ޢަންހު ގެއަށް ވަޑައިގެންނެވީމަ މަންމަ އައިސް ދަންނަވަނީ

"ދަރިފުޅާއޭ! ދަރިފުޅަށް ދުނިޔޭގައި ހިތަށް އަރާ ކޮންމެ ކަމެއް، ބޭނުންވާ ކޮންމެ އެއްޗެއް ދިނުމަށްޓަކާ މަންމަ މިހިރީ ތައްޔާރަށޭ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޫކޮށްލާފަ އަންނާށޭ." 

الله أكبر، އެ ރަނގަޅު ޒުވާނާ ޝަޚުވަތާ އެދުންވެރިކަންވެސް ހުންނާނެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއް ކޮޅުގައި. އަނެއް ކޮޅުގައި ދުނިޔޭގެ ޒީނަތްތެރިކަމާ، އުފަލާ އަރާމާ ހިތްހަމަޖެހުމާ މުދާވެރިކަން. ކޯއްޗެއްތޯ އިޚްތިޔާރު ކުރީ؟ الله أكبر، ވިދާޅުވީ

"އޭ މަންމާއޭ! މަންމައާ ބައްޕައާ، މަންމައާ ބައްޕަގެ މުދަލާއި، ދުނިޔޭގެ ހުރިހާ އެއްޗެއް ކަލޭމެން ދެމީހުންނަށޭ. ތިމަންނާއަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދޫކޮށް ނާދެވޭނެއެވެ." 

މަންމަ ކަންތަށް ކުރި ގޮތަކީ، އެކަލޭގެފާނަށް ދީފައިހުރި ހުރިހާ މުދަލެއް، އެކަލޭގެފާނުގެ އަތްޕުޅުގައިހުރި ހުރިހާ ނިޢުމަތެއް ފޭރިގަތީ، ޖަހައިގަތީ. އިސްލާމް ކަމުގެ ސަޒާ. ﷲ އެއްކައުވަންތަކަންފެނި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެއްކެވި މަގުން ހިންގެވުމުގެ ސަޒާ. ހުރިހާ ނިޢުމަތެއް ނިގުޅައިގަތީ، އަތުލައިގަތީ. އަދި އެވަރަކުން ދޫކުރީކީ ނޫން. އެކަލޭގެފާނު ތުރުކުރައްވައިގެން ހުރި ލިބާސްވެސް އަތުލީ. 

މުސްޢަބު ބުން ޢުމެއިރު ރަޟިޔަﷲ ޢަންހުގެ އެދުމަށް، އެކަލޭގެފާނުންގެ އައުރަ ނިވާ ކޮށްލާވަރުގެ އެތިކޮޅެއް، ފޫޅާއި ކަކުލާއި ދޭތެރެ ނިވާކޮށްލާވަރުގެ ސަޓާގަނޑެއް ނެރި އެއްލީމަ އޭތިކޮޅު އަތުލައިގެން އެކަލޭގެފާނު ވަޑައިގެންނެވީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް. މީ ޒުވާނުން. މީ ﷲ އާއި ރަސޫލާ ދަންނަ ޒުވާނުން. ރަސޫލާގެ އަރިހަށް ވަޑައިގެންނެވީ ސަޓާކޮޅެއް އަނދެލައިގެން. 

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކީރިތި ކުރެއްވެވި. ﷲ އާއި ރަސޫލާއަށްޓަކައި، ﷲ ގެ ޒުވާނެއް، ޒުވާން އަޅެއް. މުޅި ދުނިޔެ އެއްކިބާ، މުޅި ދުނިޔެ ދޫކޮށް، ހުރިހާ މުދަލެއް ދޫކޮށްލީ، ސުވަރުގޭގެ އެދުމަށް. އާޚިރަތް ބާއްޖަވެރި ކުރުމުގެ އެދުންވެރިކަމުގަ އައި މަންޒަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކިވަޑައިގަންނަވާ އެކަލޭގެފާނުންގެ ބަރަކާތްތެރި ލޯފުޅުން ކަރުނަފުޅު އޮހޮރިގެން ދިޔަ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިޖުރަ ކުރެއްވުމަށްޓަކައި މަދީނާ މުނައްވަރާއަށް ފޮނުވުނު ސަފީރަކަށްޓަކައި މުޅި އިސްލާމްދީނުގެ ދަޢުވަތު ހަވާލުކުރައްވާ އަމާނާތެއްގެ ގޮތުގައި ފޮނުއްވީ އެ ޒުވާން މުސްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު. ދީނަށްޓަކާ ޖިހާދު ކުރައްވާ ހަނގުރާމަ ކުރެއްވި. ބަދުރު ހަނގުރާމައިގައި އެކަލޭގެފާނު ﷲ ގެ މަގުގައި ޖިހާދު ކުރެއްވެވި. އުހުދު ހަނގުރާމައިގައި މުހާޖިރުންގެ ދިދަ ހިއްޕަވައިގެން ނުކުމެ ހަނގުރާމަ ކުރައްވާ ޝަޙީދުވެވަޑައިގެންނެވި. 

ޝުހަދާއިން އެއްކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޙީދުންތައް ފަސްދާނުލައި ވަޅުލައްވަމުން ގެންދިޔައިރު މުސްޢަބު ބުން ޢުމައިރު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށް ގެނެވުނު. އެ މުއްސަނދި މުސްޢަބު ބުން ޢުމެއިރު. އެ ޒުވާން މުސްއަބު ބުން ޢުމެއިރު، އެ ނިޢުމަތާ އުފަލުގައި އުޅުނު މުސްޢަބު ބުން ޢުމެއިރު ރަޟިޔަﷲ ޢަންހު. 

ކާވީ ބަޔާންކުރަނީ، އެކަލޭގެފާނު ވަޅުލާ ފަސްދާނު ލުމަށްޓަކައި ތިމަންމެން ގަސްދު ކުރި އިރުގައި އެކަލޭގެފާނުގެ އުނުގައި އޮތް ފޮށާ ފިޔަވާ އެއްވެސް އެއްޗެއް އެކަލޭގެފާނަށް މިލްކުވެގެން ނުވެއެވެ. އެ ފޮށާގަނޑުން ބޯ ނިވާ ކޮށްފިނަމަ ފައި ބޭރަށް ނުކުމޭ. ފައި ނިވާ ކޮށްފިނަމަ ބޯ އޮންނަނީ ބޭރުގައި. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވެވި، އެ ފޮށާގަނޑުން ބޯ ނިވާ ކޮށްފަ، ފަޔާ ދިމާލަށް ހުއި އެޅުމަށްފަހުގައި އެ ޝަޙީދު ވަޅުލުމަށް.

الله أكبر

 

- ޑރ. އާދަމް ޝަމީމް

މިއަދު އޮންލައިން