ޢާއިޝަތު ރަފާޙް ޢަލީ
"ޝައިޚް، ގިނަ ވިޔަފާރިވެރިންގެ ކިބައިން އެމީހުން ތަކެތި ވިއްކުމަށްޓަކައި ގިނަގިނައިން ހުވާކުރާތީ އަހަރެން އަޖާބުވަމެވެ. އެހެންވީމާ މިއީ ރަނގަޅު ކަމެއްތޯ؟
ޖަވާބު:
އަހަރެން އަމިއްލައަށް، އެއްވެސް ފިހާރައަކުން މުދަލެއް ގަންނަން ބޭނުންވާއިރު، ވިއްކާ މީހާ އެ މުދާ ވިއްކަން ގިނަގިނައިން ހުވާކުރަމުން ދާތަން ފެނިއްޖެނަމަ، އަހަރެންގެ ހިތަށް ބިރުވެރިކަމެއް އައިސް، އެ ފިހާރައިން ނުކުމެގެން ދަމެވެ. އަދި ޢާންމު ގޮތެއްގައި، ގަނެވިއްކުމުގައި ހުވާކުރުމަކީ މަކްރޫހަ ކަމެކެވެ. އެއީ ތެދު ބުނި ކަމުގައި ވިޔަސް ނުވަތަ ދޮގު ހެދި ކަމުގައި ވިޔަސްމެއެވެ. އަދި ދޮގު ހަދައިފިނަމަ، އެއީ ޙަރާމް ކަމަކަށްވެ، ބޮޑުވެގެންވާ ފާފައެއް ކަމުގައި ވާނެއެވެ.
ރަސޫލާ ޞައްލަ ﷲޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
-اليمينُ الكاذبةُ مُنفِّقَةٌ للسلعةِ مُمحِقةٌ للبركةِ
މާނައީ: "ދޮގު ހުވާ އަކީ މުދާ ވިއްކުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. އެހެނަސް އޭގެ ސަބަބުން ބަރަކާތް ނެތިދެއެވެ."
"މިފަދަ ޢަމަލުތަކުގެ ސަބަބުން ވިޔަފާރީގެ ބަރަކާތް ގެއްލިގެންދާނެއެވެ. އަދި މިކަމުން އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް އެއްވެސް މަންފާއެއް ނުކުރާނެއެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާ ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ނުބައި އަޚްލާޤުތަކުގެ ތެރޭގައި ވެސް މިކަން ހިމެނެއެވެ.
ﷲ ތަޢާލާ ޤަލަމް ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَلَا تُطِعْ كُلَّ حَلَّافٍ مَّهِينٍ ﴿١٠﴾
މާނައީ: އަދި ގިނަގިނައިން ހުވާކޮށްހަދާ، އިހާނަތްތެރިކަން ލިބިގެންވާ ކޮންމެ މީހަކަށް ކަލޭގެފާނު ކިޔަމަންވެވަޑައިނުގަންނަވާށެވެ! (10)
"ޤުރްއާނުން އަހަރެންނަށް އުނގަންނައިދިނީ، މާތްﷲ ސުބުޙާނަހޫ ވަތަޢާލާއާ މެދު އަދަބުވެރިވުމުގެ ތެރޭގައި ގިނަގިނައިން ހުވާކުރުން ހިމެނިގެން ނުވާކަމެވެ.
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 225 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
لَّا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِن يُؤَاخِذُكُم بِمَا كَسَبَتْ قُلُوبُكُمْ ۗ وَاللَّهُ غَفُورٌ حَلِيمٌ ﴿٢٢٥﴾
މާނައީ: ތިޔަބައިމީހުންގެ ހުވާތަކުގައި، قصد އަކާ ނުލައި ބުނާ ބަސްތަކަކުން اللَّه ތިޔަބައިމީހުންނަށް عقوبات އެއް ނުދެއްވާނެއެވެ. އެހެނެއްކަމަކު ތިޔަބައިމީހުން ހިތުގެ قصد އާއެކު ކުރާ ހުވަޔަށް (އެ ހުވަޔާ خلاف ވެއްޖެނަމަ) އެކަލާނގެ ތިޔަބައިމީހުންނަށް عقوبات ދެއްވާނެއެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، حليم ވަންތަ ރަސްކަލާނގެއެވެ. (225)"
ކޮންމެ ކަމަކަށް ހުވާކުރުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ވިޔަފާރީގައި ތިބާގެ މަޤްޞަދަކީ ހަމައެކަނި ފައިދާ ހޯދުންތޯ؟ ނުވަތަ ބަރަކާތް ވެސް ހޯދަން ބޭނުންވޭތޯ؟ ރަސޫލާ މުޙައްމަދު ﷺ ގެ އަމުރުފުޅާއި ޚިލާފުވެ، އެކަން ހާސިލުކުރެވޭނެ ކަމަކަށް ނުދެކެމެވެ.
ތިބާގެ ނަފްސު މަޑުމައިތިރިކޮށް، މުދާ ވިއްކުމުގައި ތެދުވެރިކަމާއެކު ޢަމަލުކުރާށެވެ. އަދި ހުވާނުކޮށް، ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ބަޔާންކުރާށެވެ.