ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އަހުރެމެން ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވެއްޖެނަމަ އަހުރެމެން ދެކެ ލޯބިވެވޮޑިގަންނަވާނެކަމަށާއި އަހުރެމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމަށެވެ.
ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވުމަކީ އިތުރު ޞާޙިބާގެ ސުންނަތަށް ޢަމަލުކުރުމެވެ. ޙަދީޘްފުޅުތައް އުނގެނި ޢަމަލުކުރުމެވެ.
ދެން ބަލައިލަންވީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ކަންތައްތައް ކުރެއްވެވި ގޮތަށެވެ. އިންސާނެއްގެ ޙަޔާތުގައި ކުރިމަތިވާނެ ހުރިހާ ކަންކަން ކުރަންވީ ގޮތް އިތުރު ޞާޙިބާ ވަނީ މީސްތަކުންނަށް އުނގަންނަވައި ދެއްވަވައިފައެވެ. އެއްވެސް ކަމެއް އިސްތިސްނާ ނުކުރައްވަވައެވެ.
އަދި ކީއްހެއްޔެވެ؟ ސުވަރުގޭގެ ދޮރުކޮޅު ފުރަތަމަ ހުޅުއްވެވޭނީވެސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށްޓަކައެވެ. އެކަމަކުވެސް އަހުރެމެންނާއި ނުލައި ސުވަރުގެ ވަދެވަޑައިގަތުމަކަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ބޭނުންފުޅުވެވަޑައެއް ނުގަންނަވަތެވެ. ސަޖިދައިގައި އޮންނަވައިގެން ދުޢާކުރެއްވެވީ އުންމަތުގެ އެންމެން ސުވަރުގެ ވައްދަވައި ދެއްވެވުން އެދިވަޑައިގެނެވެ.
ސުވަރުގެ ނުވަދެވޭ ބައަކަށް ނުވަދެވޭނީ ﷲ ތަޢާލާގެ އެންގެވުމަށް ޢަމަލުނުކުރެވުނީތީއެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ގެ ސުންނަތަށް ޢަމަލުނުކުރެވުނީތީއެވެ. ވީމާ އެއީ އެމީހަކު އެކަމުގައި ފަރުވާކުޑަކުރީތީއެވެ. އަހުރެމެން ކޮންމެ މީހަކުވެސް ދުނިޔޭގައި އުޅެންވީ މިކަންކަމަށް ވިސްނައިގެންނެވެ. އެއިރުން އަހުރެމެން އެންމެންވެސް ސުވަރުގެ ވައްދަވާނެތެވެ. އިން ޝާ ﷲ
- އުސްތާޛާ ދުންޔާ ޝުއަޢިބްގެ ދަރުސަކުން