ޢިބްރަތްތެރި ވާހަކަ: ސަޖިދަކުރުމާ ދުޢާކުރުމަކީ މިހާ ބާރުގަދަކަމެއްކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ޢިބްރަތްތެރި ވާހަކަ: ސަޖިދަކުރުމާ ދުޢާކުރުމަކީ މިހާ ބާރުގަދަކަމެއްކަން އެނގޭތަ؟

ކޮންމެހެން ހިތް ގޯސްވެގެންނެއްވެސް ނޫނެވެ. މިންވަރަށް އީމާން ނުވެވޭތީއެއްވެސް ނޫނެވެ. އެހެންކަމާއިއެކުގައިވެސް އިންސާނުންނަކީ ކަމެއް ޙާޞިލުކުރަން ބޭނުންވުމުން "އަވަސް" ބޭނުންވާ ބައަކަސްވާތީ ކަންބޮޑުވެވެނީއެވެ. އެކަންވެސް އިމެއްގައި ހިފެހެއްޓޭނަމަ އެއީއަކީ މައްސަލައެއްވެސް ނޫނެވެ.  

ﷲ ތައާލާ މިހާރުވެސް ވަގުތުން ދުޢާ ޢިޖާބަކުރައްވަވާ ވާހަކަ ބުނުމުން ގިނަ ބައަކު އުޅޭނީ ޤަބޫލުވެސް ނުކުރާށެވެ! އެހެން އެވަނީ އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތާއި ދުރުގައި ހުރެވޭތީއެވެ. ﷲ ތަޢާލާ އެމީހަކާއި ދުރުގައިވޮޑިގަންނަވާތީއެއް ނޫނެވެ.  

މިއަދުގެ ދަރުސް ފަށަމުން ފުރަތަމަ ކިޔައިދޭނީ ޢިބްރަތުން ފުރިގެންވާ އުމުރުން އެންމެ 16 އަހަރުގެ ޝަމީމާގެ ވާހަކައެވެ. ފަށަމުން އަދިވެސް މިހަނދާންކޮށްލަދެނީ ހަމައެންމެ ކަމެކެވެ. ދުޢާޢަށް އިތުބާރު ނުކުރެވެނީ ތިމާ ﷲ ތަޢާލާ އާއި ދުރަށްޖެހިގެން އުޅޭތީއެވެ! ކައިރިވާވަރަކަށް ﷲ ތަޢާލާ އެމީހާގެ ގާތަށް ޖެހިވޮޑިގަންނަވާނެތެވެ! މިކިޔައިދޭ ވާހަކައަކީ އެކަން ވަރަށް ބޮޑަށް އެނގިގެންދާ ހާދިސާއެކެވެ.  

ޝަމީމާގެ އިއްފަތްތެރިކަމަށް އަރައިގަތުމަށްޓަކައި ބިޔަ 3 ފިރިހެނުން އޭނާ ވަގަށް ނެގިއެވެ. އަދި ފަޅު ގެއަކަށް ގެންދިއައެވެ. ބުނީ ރުހުމުގައި އެމީހުން ބުނާ ކަމެއް ކޮށްނުދީފިނަމަ ބަޑިޖަހައި މަރާލާނެ ކަމަށެވެ. އަދި އެގޭގެ ގޯތި ތެރޭގައި ވަޅުލައި މަސްގަނޑުވެސް ފޮރުވާނެ ކަމަށާއި އޭނާއަށް ވީގޮތް އެއްވެސް މީހަކަށް ނުއެނގޭނެ ކަމަށެވެ.  

މިވާހަކަތައް ދެއްކީ 3 މީހުންގެ އަތަށް ވެސް ފިސްތޯލަ ލައިގެން ތިބެއެވެ. ޝަމީމާއަށް އަމާޒުކޮށްގެން ތިބެއެވެ. 3 މީހުންވެސް ތިބީ މަސްތުގެ ހާލަތުގައެވެ. ޝަމީމާ ކިތަންމެ ވަރަކަށް އާދޭސްކުރި ނަމަވެސް އެމީހުންގެ ވިސްނުން އެ ހާލަތުގައި ބަދަލު ނުކުރާނެކަންވެސް އެނގުނެވެ.  

ޝަމީމާ ފުރަތަމަވެސް ޖެހީ ސަޖިދައެވެ. ސަޖިދައިގައި އޮވެ އޭނާއަށް ކުރިމަތިވެފައިވާ ހާލަތުން ސަލާމަތް ކޮށް ދެއްވަވާތޯ ﷲ ތަޢާލާއަށް ދުޢާކުރީއެވެ. ދުޢާކުރުމަށްފަހު ތެދުވެ ދެއަތް އުފުލައިގެން އިނދެވެސް ދުޢާކުރަން ފެށީއެވެ. 3 މީހުންނަށް ލިބުނު ހައިރާން ކަމާއިއެކު ބަލަހައްޓައިގެން ތިބީއެވެ.  

ކަންތައްތައް މެދުވެރި ކުރެއްވެވި ގޮތް އެނގޭ ހެއްޔެވެ؟ ކުއްލިއަކަށް އިވުނީ ގޭގެ ތަޅަށް ބަޑިޖެހި އަޑެވެ. އެއާއިއެކު ދޮރު ހުޅުވާފައި އެތެރެއަށް ވަނީ ފުލުހުންނެވެ. ފުރަތަމަވެސް އައިސް އެ 3 މީހުންގެ އަތުގައި ބިޑި އަޅުވައި ހައްޔަރުކުރީއެވެ. ސުވާލު ކުރީވެސް ބިޑި އެޅުވުމަށްފަހު އެވެ. 

ޝަމީމާ އޭނާގެ ހާލަތާއި އެ މީހުން ކަންތައް ކުރި ގޮތް ކިޔައި ދިނުމުން ފުލުސް އޮފިސަރު ބުނީ ފުލުހުން އެގެއަށް ވަނީ އެ 3 މީހުން ހޯދަން ނޫން ކަމަށެވެ. އެހެން ބައަކު ހޯދަން ކަމަށެވެ. އަދި ބިޑިއެޅުވީވެސް އެހެން ބައަކު ކަމަށް ބަލައިގެން ކަމަށެވެ. ނަމަވެސް ޝަމީމާގެ ވާހަކަތަކަށްފަހު ބިޑި އެޅުވި މައްސަލަ މިހާރު އެވަނީ އޮޓޮމެޓިކުން ބަދަލުވެފައި ކަމަށާއި މިހާރު ބިޑިއަޅުވާފައި އެތިބީ 16 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގައި އިއްފަތް ފޭރިގަންނަން އުޅުނު މައްސަލައިގައި ކަމަށެވެ.  

ޒަމާނަށާއި ދިރިއުޅުމަށް އަންނަމުން މިދާ ބަދަލުތަކާއިއެކު ނުރައްކައުތެރި ޙާލަތުތައް އެންމެ ގިނައިން ކުރިމަތިވަމުން މިދަނީ އަންހެނުންނަށެވެ. އެކަމުގައި ސަބަބުތަކެއް އެބަހުއްޓެވެ. ހޭލުންތެރިވާންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ.  

ބައެއް އަންހެނުން އެމީހުންގެ ހަޔާތް ނުރައްކަލުގެ ތެރެއަށް ވައްޓައިލަނީ އަމިއްލައަށެވެ. ﷲ ތަޢާލާ ދެއްވަވާފައި ނުވާ މިނިވަންކަމުގެ ބޭނުން އަމިއްލައަށް ހިފަނީއެވެ. ނަތީޖާއަކަށް ވެގެންދަނީ މިނިކާވަގު އިންސާނުން އަތުލައިގަނެ ކައިލާ ފަދައިން ފިރިހެނުން އެކަނބަލުންނާއިމެދު އަމަލުކުރުމެވެ.  

ދެވަނަ ގޮތަކަށް ބަލައިފިނަމަ މަޖުބޫރީ ހާލަތްތައް ކުރިމަތިވެ ޢިއްފަތް ފޭރިގަނެވޭ އަންހެނުންގެ އަދަދު މަދެއް ނޫނެވެ. މިއީ ވަރަށް ހިތާމަހުރި ކަމެކެވެ. އިންސާނުންގެ ސިފައިގައި ތިބެ މިފަދަ އަމަލުތައް ކުރަން ލަދުގަންނަން ޖެހޭނެއެވެ. ހަމަ ޔަޤީނުންވެސް އެނގޭ ކަމަކީ ﷲ ތައާލާއަށް ބިރުވެތިވާ އެއްވެސް މީހަކު މިފަދަ އަމަލެއް ނުކުރާނެ ކަމެވެ.  

ގެ މަދަދަށް އެދި ދެންނެވުމުން އެ ހާލަތުން ސަލާމަތްކަން ދެއްވެވި އެތައް އަންހެނެއްގެ ކިބައިން ވަނީ އެކަމުގެ މައުލޫމާތު ލިބިފައެވެ. ވީމާ އެ ސާބިތުކަން ލިބިގަތުމަށް ގަދައަޅައި ހިތްވަރުކުރާށެވެ!  

ކޮންމެއަކަސް ކިތަންމެ ބަލައިގެން އުޅުނު ނަމަވެސް މިފަދަ ނުރައްކައުތެރި ހާލަތު ދަނީ ކުރިމަތިވަމުންނެވެ. މަދަކުން ނޫނެވެ. ހަމަ ގިނައިންނެވެ. އެފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް ތިމާ މިހުރީ އެކަނި ކަމަށް ޤަބޫލުކޮށް މާޔޫސް ނުވާށެވެ. ބިރުން ނޫނީ ދެރަވެ ރުއިމަކުން ނުފުދޭނެއެވެ. އެކަމުން ކުރާނެ އެއްވެސް ފައިދާއެއްވެސް ނުއޮވެދާނެއެވެ.  

ލޮބުވެތި ކަނބަލުންނޭވެ! އެފަދަ ހާލަތުގައި ހިތަށް ގެންނަންވީ ޔޫސުފްގެފާނު ހިތަށް ގެންނެވިފަދައިންނެވެ. ކުރިމަތިވެފައިވާ އެހާލަތު ﷲ ތަޢާލާ ހަމަ ވަގުތުން ބައްލަވައި ވޮޑިގެންވާ ކަމެވެ. ދަންނަވާށެވެ! އާދޭސް ދަންނަވާށެވެ! އިނބަ ﷲ މެނުވީ މިއަޅާއަށް ހިމާޔަތް ދޭނެ އެއްވެސް ފަރާތެއް ނެތް ކަމަށް ވެސް ދަންނަވާށެވެ! ﷲ ތަޢާލާ އެ އަޑު އައްސަވައި ވޮޑިގެންވާނެއެވެ. ތިބާއަށް އެކަމުން ސަލާމަތް ވެވޭނެ މަގެއް ދައްކަވާނެއެވެ.  

މިކިޔައިދިން ފަދައިން ހިތްވަރާއި ސާބިތުކަން ލިބިގަނެ ﷲ ތަޢާލާގެ ކުރާ އިތުބާރު ބޮޑުތަނުން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން