މިރޭވެސް ފުރަތަމަ މިދައްކަނީ މީގެ 2 އަހަރުކުރިން ހަމަ މިމިސްކިތުގައި އަހުރެން ދެއްކި ވާހަކައެކެވެ. އެއީ މިކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ. ސަމާލުކަން ނުދީ ކުރާ ނަމާދު ސަލާމަތްނުކުރެވޭނެތީއެވެ. ކުރާ ނަމާދު ސަލާމަތްކުރުމަށްވުރެ ބޮޑުކަމެއް ނެތީމައެވެ. ވީމާ ކުރިން އަޑުއެހި މީހުންވެސް ސަމާލުކަންދީގެން އަޑުއަހާށެވެ!
އަހުރެމެންގެ ތެރޭގައި އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރާ ބައަކު އުޅެއެވެ. އެމީހުންނަށް ކިތަންމެ މަސައްކަތް ބުރަނަމަވެސް، ކިތަންމެ ގިނަ މަސައްކަތްކުރަން ހުރިނަމަވެސް، އެހުރިހާ ކަންކަން ބަހައްޓާފައިވެސް ވަޤުތު ޖެހެންވާއިރަށް މިސްކިތަށްދާނެއެވެ. ކުރީ ސަފުން ޖާގަވެސް ހޯދާނެއެވެ.
އެހިސާބުން ޝައިޠޯނާ އިތުރަށް ރުޅިގަދަވެއެވެ. ފުރަތަމަ ރުޅިގަދަވަނީ ޝައިޠޯނާގެ ވަސްވާސްތައް ޤަބޫނުކޮށް ނަމާދަށްދާތީއެވެ. ދެން ރުޅިގަދަވަނީ ކުރިއާލައި ދާތީއެވެ. ދެން ބަލާނީ އޭނާގެ ނަމާދުތައް ހަލާކުކޮށްލެވޭތޯއެވެ.
އެކަމަށް ޖަހާނީ ވަރަށް ވަރުގަދަ މަޅިއެކެވެ. ވިސްނައިދޭން ފަށާނެއެވެ. "އަހުރެން ނަމާދަށް މިއަންނަނީ އެހެންމީހުންނަށްވުރެ ކުރިންނެވެ. ގިނައީ އަހުރެންނަށްވުރެ ފަހުން އަންނަ މީހުންނެވެ. އެހެންވީމާ މިހާރު މިހުރީ އެހެން މީހުންނަށްވުރެ މާކުރީގައެވެ. މާމަތީގައެވެ."
މި ވަސްވާހުގައި ޖެހެވިއްޖެނަމަ އެލިބުނީ ވަރަށް ބޮޑު ދެރައެކެވެ. ނަމާދުކުރުމުގައިވިޔަސް އަދި އެހެންކަމެއްގައިވިޔަސް ތިމާއަށް މިހުރެވެނީ އެހެންމީހުންނަށްވުރެ މާކުރީގައި ނުވަތަ މާމަތީގައި ހީކުރެވުމަކީ އެންމެ ނުބައިކަންބޮޑު އެއް ވިސްނުމެވެ.
އަބަދުވެސް މަސައްކަތްކުރަންވީ އެއް ނަމާދަށްވުރެ އަވަހަށް އަނެއް ނަމާދަށް ދެވޭތޯއެވެ. ވީހައި ގިނަ ވަޤުތު މިސްކިތުގައި ނުވަތަ އަޅުކަމުގައި ހޭދަކުރެވޭތޯއެވެ. އަބަދުވެސް ބިރުވެތިވާންވީ ތިމާ ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ކަމާއިމެދުގައެވެ. އާޚިރަތް ދުވަހު ކަންކަން މެދުވެރިވެދާނެ ގޮތަކާއިމެދުގައެވެ.
އަދިވެސް ވިސްނާށެވެ! މީހަކު މިސްކިތަށް ފަހުން ދިއަނަމަވެސް އޭނާއަށް ދެއްވަވާނެ މިންވަރެއް ހަމަ އެކަކަށްވެސް ނުއެނގޭނެއެވެ. ސަބަބަކީ އޭނާ ނަމާދުގައި ޚުޝޫޢަތްތެރިވާ މިންވަރާއި އޭނާގެ ތަޤްވާވެރިވާ މިންވަރު ނުއެނގޭނެތީއެވެ. އޭނާގެ ދަރަޖަ އުފުލިގެންވާ މިންވަރު ނުއެނގޭނެތީއެވެ. އެކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.
ކުރިއާލައި ނަމާދަށް ދެވޭނަމަ އެއީ ވަރަށް ބޮޑު ރަނގަޅެކެވެ. މަސައްކަތްކުރަންވީ އަދިވެސް އިތުރަށް ތިމާގެ ދަރަޖަ އުފުއްލޭތޯއެވެ! ﷲ ތަޢާލާ އާއި ކުއްތަންވެވޭތޯއެވެ. އަދިވެސް ބުނެލާނަމެވެ. ގޭގައި ނަމާދުކުރާ އަންހެނުންނަށްވެސް ހަމަ މިފަދަ ވަސްވާސްތައް ދޭނެއެވެ. އެވެނި މިވެނި މީހަކު ނަމާދުނުކުރާ ކަމާއި މިހުރެވެނީ އޭނާއަށްވުރެ މާމަތީގައިކަން ވިސްނައިދޭނެއެވެ. ނަމަނަމަ އެފަދަ ވިސްނުމެއް ނުގެންގުޅޭށެވެ! އެހެން މީހުން ކުރާ އަޅުކަމާއި އޭނާގެ ދަރަޖަ އާއިމެދު ނުވެސް ވިސްނާށެވެ! އަބަދުވެސް ވިސްނަންވާނީ ތިމާގެ ކިބައިގައި ހުރި އުނި ސިފަތަކާއިމެދުގައެވެ. އިޞްލާޙްކުރަން މަސައްކަތްކުރަންވީ އެކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން