ބައެއް ޢިލްމްވެރިން ވިދާޅުވެފައިވެއެވެ. މިސްކިތްތަކަކީ ބިންމަތީގައި ހުރި ނަމަވެސް، ކޮންމެ މީހަކު އެޅިނަމަވެސް ﷲ ތައާލާގެ ގެކޮޅުތަކެކެވެ. ދުނިޔެމަތީގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮކަންބޮޑު އެއް އަމަލަކީ މީސްތްކުން ﷲ ތަޢާލާއަށް އަޅުކަން ކުރާނެ މިސްކިތް އެޅުމެވެ. އިޚްލާޞްތެރިކަމާއިއެކު މިސްކިތެއް އަޅައިފިނަމަ އެމީހަކަށްޓަކައި ސުވަރުގޭގައި ﷲ ތަޢާލާ ހަމައެފަދަ ބިނާއެއް ދެއްވަވާނެތެވެ.
މީހަކު 100 މިސްކިތް އެޅީއެވެ. ބޭނުންކުރީ ޙަލާލު ފައިސާއަށް ނުވެދާނެއެވެ. ނުވަތަ އަމިއްލަ ފައިސާއިން އެޅިނަމަވެސް ހިތުގައި އޮތީ ދެއްކުންތެރިކަމެވެ. އެހެން ވެއްޖެ ނަމަ އެކަމުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް އިޚްލާޞްތެރިކަމާއިއެކު މީހަކު އެންމެ މިސްކިތެއް އެޅިނަމަވެސް އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ.
އަދިވެސް ވިދާޅުވެފައިވެއެވެ.
މީހަކު ކޮންމެ ދުވަހަކު ފަރުޟު 5 ނަމާދާއި އެތައް ބައިވަރު ސުންނަތް ނަމާދުތައް ކުރެއެވެ. ނަމަވެސް ﷲ ތަޢާލާ ޤަބޫލުކުރައްވަވާނެ ފެންވަރުގައި، ޚުޝޫޢަތްތެރިކަމާއިއެކު އެންމެ ނަމާދެއްވެސް ނުކުރެއެވެ. ވީއިރު އެކަމުން އެމީހަކަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއިގެ ބަދަލުގައި މީހަކަށް ކުރެވޭ ސުންނަތް ނަމާދުގެ އަދަދު މަދު ނަމަވެސް އޭނާ ނަމާދުކުރަނީ ޚުޝޫއަތްތެރިކަމާއިއެކުގައި ކަމަށްވާނަމަ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެއެވެ.
މުފްތީ މެންކް ވިދާޅުވެފައިވެއެވެ.
ޤިޔާމަތް ދުވަހު އެންމެ ބޮޑަށް ހިތާމަކުރަންޖެހޭނެ އެއްބައަކީ ދުނިޔޭގައި ތިބެ އެތައްބައިވަރު ހެޔޮ ޢަމަލުތަކެއް ކޮށްފައިވީނަމަވެސް ޤިޔާމަތްދުވަހު އެ ޢަމަލުތަކުން އެއްވެސް މަންފާއެއް އެމީހަކަށް ނުކުރާނެ މީހުންނެވެ.
އެހެނީ ޤިޔާމަތް ދުވަހު ތިބާގެ އަމަލުތަކުގެ ހިސާބު ﷲ ތަޢާލާ ބައްލަވައިވޮޑިގަންނަވާއިރު ބައްލަވައިވޮޑިގަންނަވާނީ ތިބާ ކުޅަ އަމަލުތަކުގެ "ކޮލިޓީ" އަށެވެ. އެކަން އޮންނާނީ ބުރަދަނުގެ މައްޗަށެވެ. ކުރާ ޢަމަލުގައި ބުރަދެއް ހުންނާނީ އިޚްލާޞްތެރިކަމާއިއެކު ކުރުމުންނެވެ.
ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވަނީ ހެޔޮ ޢަމަލުކުރި އަދަދަކަށް ނޫނެވެ. މިބުނާ ވާހަކައަކީ ކިތަންމެ ގިނަ ހެޔޮ ޢަމަލުކޮށްފައިވީނަމަވެސް، މިލިއަނުން ހެޔޮ އަމަލުތައް ކުރި ނަމަވެސް އެ އަމަލުތަކުގައި ބުރަދަނެއް ނެތް ނަމަ ޤިޔާމަތް ދުވަހު ހިސާބު ބައްލަވާއިއރު އެއަމަލުތަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
ކޮންމެ ކަމެއް ކުރިނަމަވެސް ހަނދާނުގައި ބަހައްޓާށެވެ. ﷲ ތައާލާ ބައްލަވައިވޮޑިގެންވަނީ އެމީހާގެ ހިތަށެވެ. ވީމާ ހިތުގައި އިޚްލާޞްތެރިކަން ނެތި ކުރާ ހެޔޮ ކަމުގެ އެއްވެސް ފައިދާއެއެ ނުކުރާނެއެވެ.
- މުފްތީ މެންކް
ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ! ނަމަވެސް ފައިދާކުރާނީ މިބަޔާންކުރި ކަންކަމަށް ވިސްނައިގެން ކުރީމައެވެ. ނޫންނަމަ ގާތީ އެމީހަކަށް އެއްވެސް ފައިދާއެއް ނުކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން