ހަނދުމަކޮށްދިނުމެއް! މަރްޔަމް ސޫރަތުން ޙާޞިލުކުރަންޖެހޭ ބައެއް ފިލާވަޅުތައް!

ކިޔުމަށް ހޭދަވާނީ 6މ 34ސ
ހަނދުމަކޮށްދިނުމެއް! މަރްޔަމް ސޫރަތުން ޙާޞިލުކުރަންޖެހޭ ބައެއް ފިލާވަޅުތައް!

ޢާއިޝަތު ރަފާޙް ޢަލީ

 

މަރޔަމް ސޫރަތާއިމެދު ވިސްނާލައިފިނަމަ ޙާޞިލުކުރެވޭނެ ފިލާވަޅުތައް ވަރަށް ގިނައެވެ. އެއިގެ ތެރޭގައި ފުރިހަަމ ގޮތުގައި ﷲ ތަޢާލާއަށް ކިޔަމަންތެރިވާ އަޅަކު މާޔޫސް ނުކުރައްވަވާނެކަންވެސް ހިމެނިގެންދެއެވެ.  

މަރްޔަމް ސޫރަތް ބާވައިލެއްވުނީ މައްކާގައެވެ. އެކަމުގެ ދަލީލަކީ ޙަބަޝާއަށް މުސްލިމުން ހިޖުރަ ކުރިއިރު ޖަޢްފަރް ބިން އަބީޠާލިބް، ނަޖާޝީގެ އަރިހުގައި މި ސޫރަތް ކިޔަވާ ވިދާޅުވިއެވެ. މި ސޫރަތުގައި ހިމެނެނީ 98 އާޔަތެވެ. މި ސޫރަތް ހިމެނިފައިވަނީ ކީރިތި ގުރްއާންގެ 16 ވަނަ ފޮތުގައި ކަހްފު ސޫރަތައް ފަހުގައެވެ. މުޞްހަފުގެ ތަރުތީބަށް ބަލާއިރު މަރްޔަމް ސޫރަތް އައިސްފައިވަނީ 19 ވަނަ ސޫރަތަށެވެ. އަދި މި ސޫރަތް ބާވައިލެއްވިފައިވަނީ ފާޠިރް ސޫރަތައް ފަހުގައެވެ. 

މަރްޔަމް ސޫރަތުން ލިބޭ ބައެއް ފައިދާތައް: 

·  ﷲ ތަޢާލާގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމާއި އަބަދުވެސް ﷲ ތަޢާލާއަށް ދުޢާ ކުރުމުގައި ދެމިހުރުން: އެގޮތުން ﷲ ތަޢާލާ ޒަކަރިއްޔާގެފާނަށް ދަރިކަލަކު ދެއްވި ވާހަކަ ހިމެނެއެވެ. މަރްޔަމް ސޫރަތުގެ 4 އަދި 5 ވަނަ އާޔަތުގައި ﷲ ސުބްހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

قَالَ رَبِّ إِنِّي وَهَنَ الْعَظْمُ مِنِّي وَاشْتَعَلَ الرَّأْسُ شَيْبًا وَلَمْ أَكُن بِدُعَائِكَ رَبِّ شَقِيًّا ﴿٤﴾‏ وَإِنِّي خِفْتُ الْمَوَالِيَ مِن وَرَائِي وَكَانَتِ امْرَأَتِي عَاقِرًا فَهَبْ لِي مِن لَّدُنكَ وَلِيًّا ﴿٥﴾‏ މާނައީ: "އެކަލޭގެފާނު ދެންނެވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ކަށިތައް ބަލިވެ ނިކަމެތިވެއްޖެއެވެ. އަދި ބޮލުގެ އިސްތަށިތައްވެސް އެކަށް ނުރަވެއްޖެއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އިބަރަސްކަލާނގެއަށް ކޮށްފި دعاء އަކުން، މިއަޅާ އަބާއްޖަވެރިޔަކު ކަމުގައި ނުވަމެވެ. (4) އަދި ހަމަކަށަވަރުން، އަޅުގެފަހަށް، އަޅުގެ ތިމާގެމީހުން (دين ގެ ކަންތައް ބެލެހެއްޓުމުގައި) ކަންތައް ކުރާނޭގޮތާމެދު އަޅު ބިރުގަނެއެވެ. އަޅުގެ އަނބިމީހާއަކީ، ދަރިމައިނުވާ އަންހެނެކެވެ. ފަހެ، އިބަރަސްކަލާނގެ رحمة ފުޅުން މިއަޅާއަށް وارث އަކު ދެއްވައިފާނދޭވެ! (5)"  

އިބްނު އައްބާސްގެފާނު ވިދާޅުވެފައިވާ ބަސްފުޅެއްގައި ވާގޮތުގައި ޒަކަރިއްޔާގެފާނު ދަރިކަލަކު ދެއްވުމަށް އެދި ދުޢާ ކުރެއްވިއިރު އެކަލޭގެފާނުގެ އުމުރުފުޅުން ސަތޭކަ ވިހި އަހަރެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުންގެ އުމުރުފުޅުން ނުވަދިހަ އަށް އަހަރެވެ. ނަމަވެސް ﷲ ތަޢާލާ ޒަކަރިއްޔާގެފާނު ދުޢާކުރެއްވި ފަދައިން ދަރިކަލަކު ދެއްވިއެވެ. 

·  ކަންކަން އިޞްލާޙު ކުރުމުން މުސްލިމެއްގެ ޙަޔާތައް އަންނަ ބަދަލު ބަޔާންކޮށްދިނުން:  

މަރިޔަމް ސޫރަތުގައި  ޞާލިޙުކަމާއި، ތަޤްވާވެރިކަމާއި، އޯގާތެރިކަމާއި، މަޑުމައިތިރިކަމާއި، މައިންބަފައިންނަށް ޝަރަފުވެރިކަން ދިނުމަށް ބާރުއަޅާ އެތައް އާޔަތްތަކެއް ވެއެވެ. އެހެންކަމުން މުސްލިމެއްގެ ދިރިއުޅުމަށް އެކަންކަމުން ވަރަށް ބޮޑު އަސަރެއް ކުރެއެވެ. އެގޮތުން: 

1.  މައިންބަފައިންނަކީ ޣައިރު މުސްލިމް ބައެއް ނަމަވެސް އެބައިމީހުންނަށް ހެޔޮކޮށް ހިތުމަށް އަންގަވާފައިވެއެވެ. އެކަމުގެ މިސާލެއްގެ ގޮތުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ވިދާޅުވި ބަސްފުޅަށް ބަލާލުމުން އަޅުގަނޑުމެންނަސް އެކަން ދޭހަވެގެެންދެއެވެ. މަރްޔަމް ސޫރަތުގެ 44 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުަރްއވާފައިވެއެވެ.  

يَا أَبَتِ لَا تَعْبُدِ الشَّيْطَانَ ۖ إِنَّ الشَّيْطَانَ كَانَ لِلرَّحْمَٰنِ عَصِيًّا ﴿٤٤﴾‏

މާނައީ: "އޭ ބައްޕާއެވެ! شيطان އާއަށް އަޅުކަން ނުކުރާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށް ނުކިޔަމަންތެރިޔެއް ކަމުގައި شيطان އާ ވިއެވެ. (44)" 

އަދި އިބްރާހީމްގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު ޖާހިލު މީހެއްގެ ގޮތުގައި ސިފަ ނުކުރައްވައެވެ. އެކަލޭގެފާނަށް ޢިލްމު ލިބިވަޑައިގެންފައިވާ ކަމަށް ދައުވާ ނުކުރައްވައެވެ. ނަސޭހަތްތެރިވުމުގައި އެކަލޭގެފާނުގެ މަޑުމައިތިރިކަމާއި އޯގާތެރިކަން އިސްކުރެއްވިއެވެ. މިއާޔަތުގައި 'يا أبتِ' މިބަސްފުޅު ބޭނުން ކުރެއްވީ އަދަބުވެރިވުމުގެ ގޮތުންނެވެ. 

2.  ޞާލިޙު ޢަމަލުތައް ކުރުމުގެ މުހިންމުކަމާއި، އާޚިރަތުގައި އޭގެ ޘަވާބުގެ ބޮޑުކަން ބަޔާންކޮށްދީ، ހިތްވަރުދީ، މި ސޫރަތުގައި ފާހަގަކުރައްވާފައިވާ ފަދައިން، ﷲ ގެ އަޅުން ﷲ ތަޢާލާއަށް ކިޔަމަންތެރިވާން ޖެހޭކަމެވެ. އަދި އެކަލާނގެ ޢަހުދު ފުރިހަމަކޮށް، އެކަލާނގެ އަމުރަށް ކިޔަމަންތެރިވެ އީމާންވާން ޖެހޭކަމެވެ. އެހެންކަމުން މާތްالله އަށް ތަޤްވާވެރިވެ އަޅުކަންކުރި މުއުމިނުން ސުވަރުގެއަށް ވައްދައެވެ. އަދި އެކަލާނގެއަށް ނުކިޔަމަންތެރިވި މީހުން ނަރަކައަށް ވައްދަވައެވެ. ﷲ ތަޢަލާ މަރްޔަމް ސޫރަތުގެ 85 އަދި 86 ވަަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

يَوْمَ نَحْشُرُ الْمُتَّقِينَ إِلَى الرَّحْمَٰنِ وَفْدًا ﴿٨٥﴾‏ وَنَسُوقُ الْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴿٨٦﴾‏ 

މާނައި: "تقوى ވެރިން، رحمن ވަންތަ ރަސްކަލާނގެ حضرة އަށް (عزّة ތެރި) وفد އެއްގެ ގޮތުގައި ތިމަންރަސްކަލާނގެ އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) (85) އަދި ކަރުހިއްކައިގެންފައިވާ ޖަނަވާރުތަކެއް ފެނާދިމާޔަށް ދާފަދައިން، ތިމަންރަސްކަލާނގެ، ކުށްވެރިން ނަރަކަޔާ ދިމާޔަށް ލަވައި ގެންދަވާހުށީމެވެ. (86)" 

·  ކުރީގެ އުއްމަތްތަށް ﷲ ތަޢާލާއަށް ނުކިޔަމަންތެރިވި ވާހަކަ ބަޔާން ކޮށްދެއްވުމާއި އެބައިމީހުންނަށް ލިބުނު ޢަޛާބު ބަޔާންކޮށްދިނުން:  

އެގޮތުން މަރިޔަމް ސޫރަތުގައި ﷲ ތަޢާލާ، އެކަލާނގެއަށް އުރެދުނު މީހުންނަށް ދެއްވާނެ އަދަބާއި އެކަމަށް އިންޒާރު ދެއްވާ ބައެއް އާޔަތްތައް އައިސްފައިވެއެވެ. މީގެ އިތުރުން މަރިޔަމްގެފާނާއި އެކަމަނާގެ ދަރިކަލުންނާ ދެކޮޅަށް ދައުވާކުރާ ކަންކަމުގައި ޔަހޫދީންނަށް ދިން ރައްދުގެ ވާހަކަވެސް ބަޔާންކޮށްދެއްވާފައިވެއެވެ. އަދި ﷲ ތަޢާލާ އެބައިމީހުންގެ ޙާލު ބަޔާން ކޮށްދެއްވާފައިވެއެވެ. އެގޮތުން ﷲ ތަޢާލާ ފިޔަވާ އެހެން ފަރާތަކަށް އަޅުކަންކުރުމުން ޤިޔާމަތް ދުވަހު އެމީހުންނަށް ފައިދާއެއް ނުކުރާނެ ކަމާއި، އެކަމުގައި ﷲ ތަޢާލާ ރަސޫލުންނަށް އެމީހުންގެ ދުޝްމަނުންގެ މައްޗަށް ކާމިޔާބު ހޯއްދެވުމުގެ ވަޢުދެއް ވާކަން ހަނދާންކޮށްދެއްވާފައިވެއެވެ.

 

މިއަދު އޮންލައިން